ސަފާރީގައި ހިނގީ ކުޑަކަމެއް ކަމަށް ވިދާޅުވުމުން މިނިސްޓަރު އިމްރާން ހޫނުފެނަށް.

large_16021670005t6vf.jpg

ނިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ ކުޑަ މައްސަލައެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެ، އިންސާފަށް ހުރަސް އެޅޭ ގޮތަށް ވާހަކަދައްކަވާފައިވާތީ އެކަން ކުށްވެރިކޮށް އޭނާއަށް ފިޔަވަޅު އެޅުމަށް އެދި ކެންޔާ އަންހެން މީހާގެ ވަކީލުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ރޭ، ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޕްރޮގްރާމެއްގައި، އިމްރާން ވިދާޅުވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ އާންމުންގެ ތެރޭ ވާހަކަ ދެކެވެނީ އެ ކަން ހިނގާ ދިޔަ ގޮތަށްވުރެ އެކަން ބޮޑުކޮށްލައިގެން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އެގޮތުން ސަފާރީގެ ތެރޭގައި ހިންގާފައިވަނީ ވަރަށް ކުޑަ ކަމެއް ކަމަށާއި އެއީ ރޭޕް އެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފާމްގެ ފަރާތުން ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެ ފާމްގެ މުވައްކިލެއް ކަމަށްވާ ފޯލީން ޑުޓާ ގެޝޮރޯ، ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގާފައި ވަނީ ވަރަށްވެސް ކުޑަ ކަމެއް ކަމަށް ސިފަކޮށް ފުލުހުންނާ ހަވާލުވެ ހުންނެވި، މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ.

“މި މައްސަލައިގައި ތަހުގީގަށް މި ފާމްގެ މުވައްކިލު މިހާތަނަށް ދީފައިވާ ބަޔާންތަކުގައިވެސް އެފަރާތް މަރާލާނެ ކަމަށް ބިރު ދައްކައި، އެފަރާތުގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، އެފަރާތަށް ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި، ސަފާރީގައި ހުރި ކޮޓަރިއަށް ގަަދަކަމުން ގެންދިޔުމަށް މަސައްކަތް ކޮށްފައިވާކަން ހާމަވާއިރު، މި ހާދިސާއަކީ، ‘އާންމު ޕަބްލިކް ތަނެއްގައި ވެސް ހުރެފައި ބައެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް’ ކަމަށް ތަހުގީގު ހިންގާ އިދާރާއާ ހަވާލުވެ ހުންނެވި ބޭފުޅާ ވިދާޅުވެފައި އެވަނީ، މި މައްސަލައިގައި ތަހުގީގަށް ޖިންސީ އަނިޔާ ލިބުނު ފަރާތުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަން ފާހަގަކުރަމެވެ،” އެ ސިޓީގައި ބުނެފައިވެ އެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަވެފައިނުވާ ދަނޑިވަޅެއްގައި، ޖިންސީ އަނިޔާގެ އެފަދަ ބޮޑު އަމަލެއް ހިމެނޭ މައްސަލައެއް އެއީ ކުޑަކަމެއްގެ ގޮތުގައި ވިދާޅުވެ އާންމުންނަށް ހަގީގަތް އޮޅޭ ގޮތަށް އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ކުށުގެ ޒިންމާއިން ބަރީއަވާ ގޮތަށް މިނިސްޓަރު އިމްރާން ވާހަކަދައްކަވާފައިވާތީ، މިނިސްޓަރުގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ވަކީލުން ވަނީ އެސިޓީގައި ފާހަގަ ކުރައްވާފައެވެ.

އޭގެ އިތުރުން އެ މައްސަލަ ތަހުގީގުކުރާ އިދާރާއާ ހަވާލުވެ ހުންނެވި ވަޒީރު އެފަދައިން ވާހަކަދައްކަވާފައިވާތީ، އިންސާފުވެރިކަމާއި އަަދުލުވެރިކަމާއެކު އެ މައްސަލަ ތަހުގީގު ކުރެވޭނޭކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިދިނުމަށް އެދި ވަކީލުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާއިރު އެ މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ކުރިއަށް ނުދާތީ، އެކަމުގެ ޝަކުވާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ޕްރޮސެކިއުޓާ ޖެނެރަލް އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ވެސް ވަނީ ވަކީލުންގެ ފަރާތުން ހުށަހަޅައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top