ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް ތައާރަފް ކޮށްފި

img_lg_202310280757341698505054.6141.png

މަހްރޫމް ޝައިޚް ހުސެން ޔޫސުފްގެ ދަރިކަނބަލުން ހިސާން ހުސެން

ބ.ހިތާދު ކައުންސިލުން އެރަށަށް އުފަން ދީނީ އިލްމުވެރިޔާ އަލްމަރްހޫމް، ޝައިޚް ހުސައިން ޔޫސުފްގެ ހަނދާނުގައި ”ޝައިޚް ހުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް “ތައާރަފް ކޮށްފި އެވެ.

މި އެވޯޑް ތައާރަފްކޮށްފައިވަނީ ރޭ އެ ރަށު ކައުންސިލުން ބޭއްވި 88 ވަނަ ޖަލްސާގައެވެ.

ޝައިޚް ހުސެން އަކީ ހިތާދޫގައި ދީނީ އިލްމުވެރިން އުފެއްދވުމުގެ އިތުރުން އެރަށުގެ ތައުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްވެސް މެއެވެ.

މި ޖަލްސާގައި ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ ހިތާދޫ ކައުންސިލުގެ ފަރާތުން އަލަށް ތަޢާރަފް ކުރާ “ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް” އަކީ ހިތާދޫއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރުދިނުމުގެ ގޮތުން އަލަށް ތައާރަފު ކުރާ އެވޯޑެއް ކަމަށެވެ. އަދި މިއެވޯޑަކީ ފަސް ގިންތި އަކަށް ބަހާލައިގެން ކޮންމެ އަހަރެއްގެ ވެސް ކައުންސިލްގެ އަހަރީ ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއްކަން ކައުންސިލުގެ ރައީސް ފާހަގަ ކުރެއްވިއެވެ.

މި އެވޯޑް” ތައާރަފް ކުރުމުގެ ގޮތުން ހިތާދޫ ކައުންސިލުން ވަނީ ޙުސައިން ޔޫސުފްގެ އާއިލާ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ. އާއިލާގެ ފަރާތުން ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެޑައިގަތީ މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒާ ހިސާން ހުސޭނެވެ.

ޖަލްސާގައި ހިސާން ވިދާޅުވީ އެކަމަނާގެ ބައްޕާފުޅު އެރަށުގެ ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހިތާދޫ ކައުންސިލުން މިފަދަ އެވޯޑެއް ތައާރަފު ކުރުމަކީ އެއާއިލާއަށް ލިބިގެން ދިޔަ ނުހަނަ ބޮޑު ޝަރަފަކާއި އުފާވެރިކަމެއްކަމުގައެވެ. އަދި އެކަމަށްޓަކައި ހިތާދޫ ކައުންސިލަށާއި ހިތާދޫގެ ލޮބުވެތި ރައްޔިތުންނަށް އާއިލާގެ ފަރާތުންވަނީ ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މިފަދަ އެވޯޑެއް ތައާރަފު ކުރުމަކީ ހިތާދޫ ކައުންސިލުން ރަށުގެ ރައްޔިތުންގެ ތައުލީމަށް އަހައްމިއްޔަތުކަން ދެއްވާ މިންވަރު ހާމަވާ ކަމެއްކަމަށާއި މިރަށަކީ ރާއްޖޭގެ އެހެން ރަށްތަކާއި އަޅާބަލާއިރު ކުށް މަދު ރަށެއްކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

މިޖަލްސާގައި  ވަނީ ޝައިޚް ޙުސައިން ޔޫސުފްގެ ޚިދުމަތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރައްވާފައިވާ ރިޕޯޓެއް ވެސް އިއްވާފައެވެ. އެގޮތުން އެ ރިޕޯޓުގައި އެބޭފުޅާއަކީ ހިތާދޫގެ މަސްވެރި ފަގީރު އާއިލާއަކަށް އުފަންވި ތޫނުފިލި އަޒުމުވަރުގަދަ ބޭފުޅެއްކަމަށާއި ހިތާދޫއަށާއި ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައި ވެއެވެ.

”ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް” ދެ ފަރާތަކުން ވަނީ ހާސިލްކުރައްވާފައެވެ. އެއީ އެޑެކްސެލް އެޑްވާންސް އޭލެވެލް އިމްތިހާނުގެ އެކައުންޓިންގ އިން މުޅި ދުނިޔެއިން އެއްވަނަ ހާސިލު ކޮށްފައިވާ އަދި މަތީ ސާނަވީ ނިންމާ އިމްތިހާނު ތަކުން ހަވަނަ ހާސިލްކޮށްފައިވާ ހިތާދޫ ނިވައިދަށުގޭ ރަފާހާ މުހައްމަދު އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ކޮންޓިނިއުއިންގ އެޑިއުކޭޝަންގެ ފަރާތުން، ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ ޒިކުރާ އާކުރުމުގެ ގޮތުން ބޭއްވި ފަންނީ މުބާރާތުގެ މަތީ ސާނަވީ ސްކޫލުތަކުގެ ދަރިވަރުންގެ ގިންތިން، ކުރެހުމުގެ ބައިން އެއްވަނަ ހާސިލްކޮށްފައިވާ ހިތާދޫ އަތަގަސްދޮށޫގޭ ފިރުޝާ ޝިހާމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top