ޕީޕީއެމް/ޕީއެންސީން ހޮވޭ ކޮންމެ އަންހެން މެންބަރަކަށް އެލަވަންސެއް!

big_mtxl0dKJjGQ91oE9tsNxRnrrl.jpeg

ރިޔާސީ އިންތިޚާބު ކެމްޕޭން ދުވަސްވަރު ރަށަކަށް ވަޑައިގެން އަންހެނުން ކޮޅަކާއެކު ޑރ. މުއިއްޒު---ފޮޓޯ: އަވަސް

ޕީޕީއެމް، ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކޮށްގެން ހޮވޭ އަންހެން މެންބަރުންނަށް އެ ދެ ޕާޓީން ޚާއްޞަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވި މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިއުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. މިގޮތުން ޕީޕީއެމް ޕީއެންސީ އިން މަޖިލީހުގެ މަދުވެގެން 20 ޕަސަންޓް ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ވެސް ގޮވާލެއްވި އެވެ.

“މިގޮތުން، ޕީޕީއެމް/ޕީއެންސީއިން މަޖިލީހުގެ މަދުވެގެން 20 ޕަސެންޓް ގޮނޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތް ކުރުމަށް ގޮވާލަން،” މުއިއްޒު ވިދާޅުވިއެވެ.

“އަދި، މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީޕީއެމް/ޕީއެންސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރައާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްޞަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.”

ޕީއެންސީގެ ރައީސް ކަމަށް ދާދި ފަހުން އައްޔަންކޮށްފައިވާ ޑރ. މުއިއްޒު ވަނީ އެ މަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވީހާ ވެސް ގިނަ މެންބަރުން ހޮވައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން 93 މެންބަރުންގެ ތެރެއިން 60 މެންބަރުން ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

އެންމެ ބޭނުންފުޅުވާ އެއް ކަމަކީ އަންހެން މެންބަރުން ގިނަ ކުރުން ކަމަށާއި އެގޮތުން އެންމެ ރަނގަޅު ގޮތަކީ މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެން މެންބަރުންނަށް ވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިހާރުގެ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ތިއްބެވީ އެންމެ ހަތަރު އަންހެން މެންބަރުންނެވެ. އޭގެ ތެރޭގައި ޕީޕީއެމް ޕީއެންސީގެ މެންބަރަކު ހިމެނިވަޑައިނުގަންނަވައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ޑރ. މުއިއްޒު ވަނީ އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތައް އަދި ސަރުކާރުގެ ސިޔާސަތުތައް އިސްލާހުކޮށް ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ އިން ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ލަފާކުރަނީ އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލް މަހުގެ ތެރޭގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top