ސާއިލާ: ކިޔަވައިދިނުމުގައި 27 އަހަރު. ވިޔަފާރީގެ ރޮގުންވެސް ކުރީގައި

111.jpg

ގައްްޔޫމް ނަސީރު

ސާއިލާއަކީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރެކެވެ. ކާމިޔާބު މަންމައެކެވެ. ތިން ދަރިން ބަލާ ބޮޑުކުރުމުގައި މަންމައެއްގެ ބުރަ ޒިންމާ އަދާކުރަނީ ވަޒީފާއާއިމެދު އިހުމާލު ނުވެ އެހެން މަސައްކަތްތަކަށް ވެސް ވަގުތު ދީގެންނެވެ. އެކަމަކު ސާއިލާ އަކީ ކޮވިޑްގެ އާލަމީ ވަބާގައި ރާއްޖެ، ފަހު ނޭވަޔަށްއެޅިފައި އޮތް ދުވަސްވަރު ކުޑަކުޑަ މާސްކު ކޮޅަކުން ކުރަން ފެށި ވިޔަފާރި، އެއް ލާރިން ދެލާރި އުފައްދައިގެން ބިޔަ ވިޔަފާރިއަކަށް ބަދަލު ކޮށްލި ވަރުގަދަ ސިކުނޑީގެ ވެރިޔާ ކަން އެނގޭނީ މަދު ބަޔަކަށެވެ. އާއެކެވެ. ސާއިލާއަކީ މިހާރު އޭދަފުށީގައި އެންމެ ފުޅާކޮށް ގާމެންޓް ވިޔަފާރި ހިންގާ ވިޔަފާރިވެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ފިހާރަވެރިއެކެވެ.

އަންހެން ވިޔަފާރިވެރިންނަކީ ރާއްޖޭގެ ނިސްބަތުން މަދު ބަޔަކަށްވިޔަސް ހިތްވަރު ހުރި އަންހެނުންނަށް އެރޮނގުން ކުރިއަށް ދެވިދާނެކަން ސާއިލާ މިވަނީ ސާބިތު ކޮށްދީފަ އެވެ.

އަސްލު ސާއިލާއަކީ އަދި މިއީއެއް ވެސް ނޫނެވެ. މީހުންނަށް އޭނާ އެނގެނީ ޓީޗަރެއްގެ ގޮތުންނެވެ. މިވަޒީފާގައި މިހާރު އޭނާ އެ ހޭދަކުރަނީ 27 ވަނަ އަހަރެވެ. އަބަދުވެސް ހުރިހާ މުވައްޒަފުންނާ ވެސް ގުޅޭ ހިތްހެޔޮ ޓީޗަރެކެވެ. އެކަން ފަޚުރުވެރިކަމާއެކު ފާހަގަކުރެއެވެ. އެއީ ދިރިއުޅުމުގައި އޭނާ އަންނަން ބޭނުންވި ހިސާބެވެ. އެހިސާބަށް އާދެވުނީ އެވެ.

ސާއިލާއަކީ ތިން ދަރިންގެ މަންމަ އެކެވެ. 16 އަހަރާ 12 އަހަރާ ދެމެދުގެ މިދަރިން ތަރުބިއްޔަތު ކުރަމުން އެ ގެންދަނީ ކުށުގެ ވެށި، އިމެއް މިނެއް ނެތި ފެތުރިފައިވާ މި ޒަމާނުގައެވެ. އެ ގަދަ އޮއިވަރުގައި ދަރިން ޖެހުނަ ނުދިނުމަށް އޭނާ ހުރީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ދަރިންނާއި އޭނާގެ ކުޑަކުޑަ އާއިލާގެ ކުރިމަގަށް ހަމައެކަނި އޮތް އުފަލަކީ އެއީކަން އެނގޭތީއެވެ. ދަރިންގެ ”ޖަވާނީ ދީވާނީ ހޭ“ މިއުމުރުގައި ތަރުބިއްޔަތަށް ފަރުވާ ކުޑަކޮށްލައިފިނަމަ މުޅި އުމުރު އެކަމުގެ ހިތާމައިގާ އުޅެންޖެހިދާނެތީއެވެ. އެކަމަށް އިހުމާލުވީ މީހުންގެ ދިރިއުޅުން ފެންނަނީ އެގޮތަށެވެ. އަހަރުގެ ގިނަ ދުވަސް ދުވަހު ފިރިމީހާއާވެސް ވަކިންނެވެ. އޭނާ ވަޒީފާއަދާކުރަނީ ރަށުން ބޭރުގައެވެ. އެހެންވުމުން މި ބުރަ އުފުލަނީ އެކަނިމާ އެކަންޏެވެ. އެއްބަނޑު އެއްބަފާ ބާރަ ބެއިންގެ ކުންފުނީގެ އިސް ރޯލެއްވެސް އަދާ ކުރަމުންނެވެ.

އެހުރިހާ ކަމެއްގެ ކާމިޔާބީ ފެންނަމުން ދާއިރު ސާއިލާ ފެންނަނީ ފޮރުވިފައިވާ ރީތި ހިނިތުން ވުމަކާއެކު އެވެ. އެހިނިތުންވުމުގެ މާނައަކީ ކޮބައިހެއްޔެވެ.

އެއީ ކާމިޔާބީގެ ނިޝާނެވެ. އެހެންކަމަށް ވާނަމަ މި ކާމިޔާބީ ހޯދިގޮތް ، އެކަމަށްކުރި ބުރަ މަސައްކަތް. ނުވަތަ ދިރިއުޅުމުން އޭނާ ދަސްކުރި އެއްޗެއް އެހެން މީހުން ވެސް އަހާލަން ބޭނުންވާނެ އެވެ. ސާއިލާ ގެ ދިރިއުޅުމަކީ ޗައްކެއްނެތް ގޮތުގައި ރަނގަޅު ފިލާވަޅކެވެ. ޚާއްސަކޮށް ކޮވިޑް ތެރޭގައި، ކުޑަކުޑަ މާސްކު ކޮޅަކުން ފެށި ވިޔަފާރި ހައެއްކަ އަހަރު ތެރޭގައި މިހިސާބަށް ދެމިގަތް ފޯމިއުލާ އެވެ. ބޮލަށް ވައްޓާލި ލިބާހާއެކު ކުރި ކައިވެނި، 18 އަހަރާ ހަމައަށް ދެމިގެން ދިޔަގޮތެވެ.

ސާއިލާގެ ވާހަކައަކީ މިއީއެވެ.

އަމިއްލަ ރަށް، އޭދަފުށިން އޯލެވެލް ނިންމައި މަތީ ތައުލީމަށް ފެށުމުގެ ކުރިން ސާއިލާއަށް ނިންމައިނުލެވުނީ ދިރިއުޅޭނެ ތަނެކެވެ. އޭނާގެ އެއްބަޑު އެއްބަފާ ބާރަ ކުދިންގެ ތެރެއިން ގިނަ ބޭބެއިންނާއި ދައްތަމެން ކިޔެވީ މާލެއިންނެވެ. ވަޒީފާ ހޯދީވެސް މާލެއިންނެވެ. އެއީ އޭރު ރާއްޖެ ހިނގަމުން އައި މަގެވެ. ތަނަވަސްކަން ހުރި މީހުންގެ ދަރިން ކިޔަވަން ފޮނުވަނީ މާލެ އަށެވެ. އެހިސާބުން ރަށް ދޫކޮށްލަން މަޖުބޫރު ވަނީއެވެ. ރަށަށް އައިސް އަދާކުރާނެ ވަޒީފާއެއް ނޯވެ އެވެ. ސާއިލާއަށްވެސް އޮތީ މި ހުކުމެވެ. ނަމަވެސް އެއަށްވުރެ ކުރިން އޭނާގެ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތް ކިޔައިދިނީ މަންމަ ސަކީނާ އެވެ. ”މަންމަ ބޭނުންވީ ރަށުގައި ހުރެގެން އަދާކުރެވޭނެ ވަޒީފާއެއް. އެއީ ނަރުސް ކަން ނުވަތަ ޓީޗަރުކަން. ނަރުސް ކަމަކީ ރޭގަނޑުވެސް ޑިއުޓީ އަދާކުރަން ޖެހޭ ވަޒީފާއަކަށް ވާތީ އެންމެ ރަނގަޅުވާނީ ޓީޗަރު ކަމޭ ހިތަށް އެރީ.“ސާއިލާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

ޓީޗިންގެ ކޯސް ފުރިހަމަ ކުރުމަށް ފަހު ވަޒީފާ އަދާކުރީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރުކަމެވެ. އެހެން ނަމަވެސް އެއްވެސް ކަމެއްގައި ހުއްޓި ނުހުރެ އެއްފިޔަވަޅު ކުރިއަށް އެޅުމަކީ އޭނާގެ ތަބީއަތެވެ. އެހެންވެ ދިހަ އަހަރަށް ފަހު ސެކަންޑަރީ ކޯސް ފުރިހަމަ ކުރިއެވެ. ދެން ބަދަލުވީ ސެކަންޑްރީ ޓީޗަރަކަށެވެ. މިހާރު އޭނާއަކީ މާސްޓަސް ހަދާފައި ހުރި ސްކޫލްގެ ބިޒިނަސް ޓީޗަރު އަދި ލީޑިންގެ ޓީޗަރުވެސް މެއެވެ.

މިހާ ބުރަކޮށް އުޅެމުން ވިޔަފާރިއަށް ވަދެވުނީ ކިހިނެއް ހެއްޔެވެ.

އޭނާ ދުނިޔެއަށް ނޭވާލީ ވިޔަފާރި ގެއަކަށެވެ. އުޅެބޮޑުވީ އެ މާހައުލު ގައެވެ. ކާފަ، އޭދަފުށީ މަޝްހޫރު ނައިބު ހަސަނުގެ ފަރާތުން ވާރުތަ ވަމުން އައި ވިޔަފާރި އޭނާއަށް ތަންދޮރު އެނގެން ފެށިއިރު ހިންގަނީ ބައްޕަ އަބްދުއްރަހުމާން ހަސަނެވެ.

”އެންމެ ކުޑައިރުވެސް އުޅެވުނީ ބައްޕަގެ ވިޔަފާރީގެ ތެރޭގައި. ސްކޫލް ދައުރުވެސް ސްކޫލް ނިމިގެން ގެއަށް އައުމުން ވެސް މަންމަ ބުނާނެ ފިހާރާއިގަ އިންނާށޭ. އެހެންވީމާ ފޮތްތައް ހިފައިގެން އައިސް ފިލާވަޅުތައް ހަދަން އިންނަނީ ފިހާރައިގާ.“

ޓީޗަރަކަށް ވުމަށް ފަހުވެސް ސާއިލާއަށް ދުރަށް ނުދެވުނީ ވިޔަފާރީގެ ދާއިރާއިންނެވެ. އޭނާ އުޅުނީ ބައްޕަގެ ވިޔަފާރީގެ ތެރޭގައެވެ. ބައްޕަގެ ދަރިންގެ ތެރެއިން ރަށުގައި ދިރިއުޅޭ ދައްތަ ޝާފިޔާ އާއި އެކުގައެވެ. އެންމެ ފަހުން ބައްޕަމެންގެ ވިޔަފާރި ހިންގަން ދަރިންނަށް ދޫކުރުމުން އެވިޔަފާރި ބަދަލުކޮށްލީ މިޒަމާނުގެ ގޮތަށް ގާމެންޓް ވިޔަފާރިއަށެވެ.

”މާލޭގަ ތިބި ބޭބެމެން ރާއްޖެއިން ބޭރަށް ދާނީ މުދާ ބަލާ. ޝާފިޔާ އާ ދެބެން ފިހާރަ ބަލަހައްޓާނީ.“ވިޔަފާރި ހިންގަމުން އައިގޮތް ސާއިލާ ކިޔައިދިނެވެ.

އެކަމަކު ދެން ޖެހުނީ މައިން ބަފައިންގެ ގޯތީގައި ކުރަމުން އައި ޒަމާންވީ އެވިޔަފާރި އެހެން ތަނަކަށް ބަދަލު ކުރާށެވެ. ގޯތި ބަހަން ޖެހުނީއެވެ. މަންމަގެ ގެއަށް ވިޔަފާރި ބަދަލުވެގެން ދިއުމަކީ ވިޔަފާރިއަށް ލިބުނު ބޮޑު ހީނަރު ކަމެކެވެ.

އެހިސާބުން ބައްޕަވެސް ސާއިލާއަށް ބާރު އެޅުއްވީ ވިޔަފާރިއެއް ފަށައިގެން އަމިއްލަ ފައިމައްޗަށް ތެދުވާށެވެ.

”ބައްޕައަބަދުވެސް ބުނުއްވާނެ ބޭންކުގަ ފައިސާ ބެހެއްޓުމުގެ ބަދަލުގައި ވިޔަފާރިއަކަށް އިންވެސްޓް ކުރަން. ވިޔަފާރިއެއް ފެށުމަކީ ނަފާ އިތުރުވާނެ ކަމެކޭ.“

ބައްޕަގެ ތަޖްރިބާ އާއި ނަސޭހަތާ އޭގެ އިތުރުން ކުޑައިރުން ފެށިގެން ވިޔަފާރި ތެރޭގައި އުޅެފައި ހުރުމުން އަމިއްލަ މަސައްކަތެއް ފެށުމަށް ދެވަނަ ވިސްނުމަކަށް ދާކަށް ސާއިލާ ބޭނުމެއް ނުވިއެވެ.

”އަބަދުވެސް އިންޓަރެސްޓް ހުރޭ ވިޔަފާރިއެއް ފަށަން. ބެންކޮކަށް މުދާބަލާ ވެސް ދެވިފަ ހުރުމާވެސް އެކު ބޮޑަށް ބުރެވެވުނީ ބެންކޮކް ވިޔަފާރިއަށް. އެވާހަކަ ފިރިމީހާ ގާތުވެސް އައީ ދައްކަމުން. އެކަމަކު ދިރިއުޅޭނެ ވަކިތަނެއް އެއީ މާލެ ނޫނީ ރަށްކަމެއް ސެޓްލް ވެފަ ނެތީމާ ނުފެށި ހުރީ.“ދެ ފިހާރަ ހިންގަމުން އަންނަ ސާއިލާ ކިޔައިދިނެވެ.

އެހެން ނަމަވެސް ކޮވިޑާ ގުޅިގެން މާލެއިން ގޭގައި ބޭނުންކުރުމަށް ފޮނުވާފަހުރި ވަރަށް ކަމުދިޔަ މާސްކު ތަކެއް، އެވައްތަރުގެ މާސްކު ރަށުން އެވަގުތު ލިބެން ހުރީ ދުއިސައްތަ އާއި ދުއިސައްތަ ފަންސާސްއާ ދެމެދު ކަމަށްވާތީ ހެޔޮއަގެއްގައި މީހުންނަށް ލިބޭނެ ގޮތް ހަދަން އެވިއްކަން ފެށީ އެވެ. ވައިބަގްރޫޕް ތަކުގައި އިސްތިހާރު ކޮށްގެންނެވެ.

”ކޮންޕެޓެޓިވް ޕްރައިސް އަކަށް ވުރެ ބޮޑަށް ބެލީ ޕްރޮމޯޝަނަލް ޕްރައިސް އަކުން ފަށަން.ސަތޭކަ ރުފިޔާއަށް ތިން މާސްކު. ވައިބާގައި އިޝްތިހާރު ކޮށްލީމާ ވަރަށް ބޮޑަށް ޑިމާންޑް އޮތް. އޭގެ ފަހުން ރިސޯޓު ތަކަށްވެސް ސަޕްލައި ކުރަން ފެށީ. ޑެލިވަރީ ކުރަމުން ގެންދިޔައީ ސައިކަލް މަޑިދަށުގައި ބަހައްޓައިގެން. “ވިޔަފާރި ފެށިގޮތުގެ ތަފްސީލަށް ދަމުން ސާއިލާ ކިޔައިދިނެވެ.

އެވިޔަފާރީގެ ތެރެއަށް ދެން އިތުރު ކުރީ ސެނިޓައިޒާ އެވެ. އޭގެ ފަހުން އަންހެނުން ބޭނުންވާ ތަކެތީގެ ލިސްޓުތައްވެސް އޭނާއަށް ހުށަޙެޅެމުން ދިޔައެވެ. މިކަހަލަ ނަސީބެއް މެދުވެރިވުމުން ސާއިލާގެ ދެމަފިރިން އެއްބަސްވެގެން ބޭނުންވީ މި ގޮތަށް އޮންލައިން ވިޔަފާރީގައި ކުރިއަށް ދާށެވެ. މުދާ މާލެއިން ފޮނުވަނީ ފިރިމީހާއެވެ.

މަޑުމަޑުން ސްޓޮކް ބޮޑުވަމުން ދިޔައެވެ. ކުޑަ ފިހާރައެއް ހުޅުވުމުގެ ޚިޔާލު އައީ އެހިސާބުންނެވެ. ”ސްޓާ ކޭވް“އުފަންވީ އެގޮތުންނެވެ. އެ ކުޑަފިހާރަވެސް ފުރިގެން އިތުރު ފިހާރައެއް (ނަލަދޮރާށި) ހުޅުވަން ޖެހުނީ އެހެންވެގެންނެވެ.

ކުރު މުއްދަތެއްގައި ސާއިލާގެ ވިޔަފާރި މިހާ ފުޅާވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ.

”ފުރަތަމަ ބަލަނީ ކަސްޓަމަރުންގެ ހިތްހަމަ ޖެހުމަށް. އެމީހުންގެ ޚިޔާލާ އެކު ކޮންމެ މީހަކުވެސް ހިނިއައިސްލާފައި ހުރެގެން ގަނެވޭނެ ފެންވަރެއްގެ އަގެއްގައި ފެންވަރު ރަނގަޅު ތަކެތި ލިބޭގޮތްހެދުން. މިކަން އެންމެ ފުރިހަމައައް ކުރެވެނީ ފިރިމީހާގެ އެހީތެރިކަމާ އެއްބާރުލުން ލިބިގެން . އެއީކަން ނޭނގެ މިހިސާބަށް އާދެވުމުގެ ސިއްރަކީ. “ސާއިލާގެ ޖަވާބަކީ މިއެވެ.

ކުރިންވެސް ބުނިހެން އެއްވެސް ކަމެއްގައި ހުއްޓި ހުރުމަކީ ސާއިލާ ދަންނަ ކަމެއް ނޫނެވެ. އަބަދުވެސް ކުރިއަށް ފިޔަވަޅެއް  އެޅޭތޯ ބަލާނެއެވެ. ސާއިލާ ހުންނަނީ އެވަގުތަށް ބަލަބަލައެވެ. ފިރިމީހާ އާއެކު ފެށި ވިޔަފާރީގެ ނަތީޖާއަށް ބަލައިގެން އިތުރު އައުޓްލެޓެއް ފެނުމަކީ ސާއިލާދެކެ ލޯބިވާ ސާއިލާގެ ކަސްޓަމަރުން ވެސް ދެން އެންމެ ދެކެން ބޭނުންވާނެ ދުވަހެވެ. ވިޔަފާރި އާއިލާއަކަށް އުފަން، ވިޔަފާރި ކިޔަވައިދޭ ޓީޗަރަކަށް މީ ނުވާނެ ކަމެއް ނޫނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top