އެއާޕޯޓް އަޅާނެ އިތުރު ރަށްތަކެއް ކަނޑައަޅައިފި

ކލކލކ.jpg

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އެއާޕޯޓް އަޅާނެ އިތުރު ނުވަ ރަށެއް ކަނޑައަޅައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ކަނޑައަޅާއިވާ އެ ރަށްރަށަކީ ހއ. ދިއްދޫ، ށ. ދިގުވެލި، ށ. މިލަންދޫ، ވިހަފަރު، ރ. ފައިނު، އއ. މަތިވެރި، ފ. ނިލަންދޫ، ގއ. މާޅެންދޫ އަދި ތ. ގުރައިދު އެވެ.

މީގެ އިތުރުން ލ. އަތޮޅުގައި ކަނޑައަޅާ ރަށެއްގައި ވެސް އެއާޕޯޓެއް ހަދަން ރައީސްގެ ގަރާރުގައިވެ އެވެ.

ރައީސްގެ ގަރާރުގައި ވަނީ ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓްގެ އަދަދު ކަނޑައަޅުއްވާފަ އެވެ.

އެގޮތުން މި މަޝްރޫއުތަކަށް އެންމެ މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހެ އެވެ.

މިހާރު މަސައްކަތް ފެށިފައިވާ ހދ. މަކުނުދޫ، ރ. އަލިފުށި، މ. މުލި، ށ. ބިލެތްފަހި، ބ. ތުޅާދޫ، އަދި ތ. ވިލުފުށި އެއާޕޯޓް މަޝްރޫއު ނިންމަން އިންވެސްޓްކުރަން ވަނީ ހުޅުވާލާފަ އެވެ. މި މަޝްރޫއުތަކަށް އިންވެސްޓްކުރެވޭނެ އެންމެ ދަށް މިންވަރަކީ ހަތަރު މިލިއަން ޑޮލަރެވެ.

ރައީސްގެ ގަރާރުގައި ވަނީ ދަރަވަންދޫ އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ފުނަދޫ އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓާއި ފުވައްމުލައް ސިޓީ އެއާޕޯޓް އަދި މާވަރުލު އެއާޕޯޓް ތަރައްގީކުރަން ކަނޑައަޅުއްވާފަ އެވެ. މި އެއާޕޯޓްތަކަށް އިންވެސްޓްކުރެވޭނެ އެންމެ ދަށް އަދަދަކީ ހަތަރު މިލިއަން ޑޮލަރެވެ.

ގަރާރުގައި، މިހާރު މަސައްކަތްތައް ކުރިއަށްދާ އެއާޕޯޓްތަކުގެ ތެރޭގައި ހދ. މަކުނުދު އާއި ށ. ބިލެތްފައްސާއި ރ. އަލިފުއްޓާއި ބ. ތުޅާދު އާއި ތ. ވިލުފުއްޓާއި މ. މުލީ އެއާޕޯޓް ހިމެނެ އެވެ.

ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަދި ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަން ރައީސްގެ ގަރާރުގައި ވަނީ ކަނޑައަޅުއްވާފަ އެވެ. މި މަޝްރޫއުތަކަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަދަދަކީ ހަތް މިލިއަން ޑޮލަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top