ސްކޫލް ޗުއްޓީ ދުވަސްވަރު ދަރިވަރުންނަށް އުގެއިލް ފައުންޑޭޝަންގެ ”ދަ ސާކަލް“ގެ އެހީ 

DSCN0286.jpg

ބ.އަތޮޅު ތައުލީމީމަރުކަޒުގެ 2021ގެ ދިރާސީ އާއަހަރު ފެށުން --އީވީ ފޮޓޯ

ސްކޫލް ޗުއްޓީ ދުވަސްވަރުގެ ބޭނުން ދަރިވަރުން ހެޔޮގޮތުގައި ހިފުމުގެ ގޮތުން އުގެއިލް ފައުންޑޭޝަންގެ ފަރާތުން “ދަ ސާކަލް” ގެ ޕްރޮގްރާމްތައް ފެށުމަށް ނިންމައިފި އެވެ.

ޗުއްޓީ ދުވަސްވަރު ކިޔެވުމާ ދުރަށް ދަރިވަރުން ދިއުމުގެ ބިރަކީ ބައެއް ކުދިންގެ ބެލެނިވެރިންނަށް އޮތް ގޮންޖެހުމެކެވެ. އެކަމަށް ވިސްނައި، “ދަ ސާކަލް ބައި އުގެއިލް ފައުންޑޭޝަން” ގެ ފަރާތުން ސްކޫލް ޗުއްޓީ އަށް ހާއްސަކޮށް ޕްރޮގުރާމްތަކެއް ވަނީ ތައާރަފު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ބަސް ދަސްކުރުމާއި ކޯޑިން އެންޑް ތިންކިން ޕްރޮގްރާމެއް ހިމެނެ އެވެ.

މިހާރު ނޫހުގައި ވާގޮތުން މި ޕްރޮގްރާމްގެ ދަށުން އިނގިރޭސި ބަހުގެ ގަވާއިދުތަކާއި ވާހަކަ ލިޔުމާއި ޅެން ހެދުމާއި އުފެއްދުންތެރި ލިޔުން އަދި އިނގިރޭސި ބަހުން މުއާމަލާތު ކުރުމުގެ ހުނަރު، އިނގިރޭސި ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ކިޔައިދޭނެ އެވެ. އެ ޕްރޮގްރާމުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފަ އެވެ. ރަޖިސްޓަރީ ކުރެވޭނީ އޮންލައިންކޮށެވެ.

ކޯޑިން ޕްރޮގްރާމްގައި ކިޔަވައި ދޭނީ ބޭސިކް ކޮމްޕިއުޓާ ކޯޑިން އާއި ކުއްޖާ އަމިއްލަ އަށް ތަފާތު ގޮތްގޮތަށް ވިސްނަން ދަސްކޮށްދިނުމާއި ކޯޑިންގެ އެންމެ ބޭސިކް ޕްރޮގްރާމުތަކާއި ލޭންގުއެޖް ތަކެވެ. އެ ޕްރޮގްރާމްގައި ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ރަޖިސްޓަރީ ކުރެވޭނީ އޮންލައިންކޮށެވެ.

ދަ ސާކަލް އިން ބުނީ އެ ޕްރޮގްރާމްތަކުގައި ކިޔަވައިދޭނީ އެ ދާއިރާތަކުން ތަޖުރިބާ ހޯދާފައިވާ އިނގިރޭސި ވިލާތުގެ މާހިރުން ކަމަށެވެ.

ސެޝަންތައް އޮންނާނީ ޒޫމް މެދުވެރިކޮށް، ހުރިހާ ކުދިންނަށް ވެސް އެ ކުއްޖަކު ހުރި ތަނަކުން ކްލާސްތަކުގައި ބައިވެރިވެވޭނެ ގޮތަށް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ކަމަށް ދަ ސާކަލް އިން ބުނެ އެވެ. އަދި ކޮންމެ ހަފުތާއަކު ވެސް ކުދިންނާ މަސައްކަތް ހަވާލުކޮށް، ޖެހިގެން އަންނަ ހަފުތާގައި ޓީޗަރުން އެ މަސައްކަތް މުރާޖައާކޮށް، ކޮމެންޓު ކުރާނެ ކަމަށް ދަ ސާކަލް އިން ބުންޏެވެ.

އަންނަ މަހުގެ 1 އިން އެ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮގްރާމްތައް ހުޅުވާލާފައި ވަނީ އުމުރުން 7-14 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށެވެ. އެ ޕްރޮގްރާމް ފުރިހަމަކުރި ކަމުގެ ލިޔުމެއް ކުދިންނަށް ދޭނެ އެވެ.

އުގެއިލް ފައުންޑޭޝަނުން މިދިޔަ އަހަރު ވެސް ވަނީ ގިނަ ޕްރޮގްރާމުތަކެއް ހިންގައިފަ އެވެ. އެ ޕްރޮގްރާމްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ ޕްރޮގްރާމްތަކުގައި 7،000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ދަ ސާކަލްގެ ނަމްބަރު 7310600 އިން ލިބޭނެ އެވެ.

އިނގިރޭސި ޕްރޮގްރާމްގެ ރަޖިސްޓްރޭޝަން ލިންކް: theCircle.ac/English22

ކޯޑިން ޕްރޮގްރާމް ރަޖިސްޓްރޭޝަން ލިންކް: theCircle.ac/Coding22

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top