އެމްއާރްއެމް އުވާލަން ނިންމައިފި

MRM.jpeg

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ޒައީމުގެ މަގާމުގައި ހުންނެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޕާޓީ އުވާލީ 3،000 މެންބަރުން ހަމަނުވާތީ ކަމަށެވެ.

މެންބަރުން ހަމަނުވެގެން އެ ބޭފުޅުން ހުށަހެޅުއްވި ފޯމްތަކަށް އަޅުގަނޑުމެން ބަލާލާއިރު 140 އަކަށް ފޯމް ހުށަހެޅުއްވި. އެހެންނަމަވެސް އޭގެ ތެރެއިން އަޅުގަނޑުމެންގެ ފުރަތަމަ ޗެކިންގަ ވެސް 66 ފޯމް ސައްހަ ވެގެން ދިޔައީ،” ހަބީބް ވިދާޅުވިއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ 3،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އުވާލާނެ ކަމުގެ ނޯޓިސް އިލެކްޝަންސް އިން މިދިޔަ އަހަރުގެ ޖޫން މަހު ދިން އިރު، އެ ޕާޓީތަކުގެ ތެރޭގައި އެމްއާރްއެމް ހިމެނެއެވެ. އެގޮތުން އޭރު އެޕާޓީގައި ތިބީ 2،300 މެމްބަރުންނެވެ.

ސިޔާސީ ޕާޓީއެއް ނަމަ 3،000 މެންބަރުން ތިބެން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެ އެވެ. އެ އަދަދު ހަމަނުވާ ޕާޓީތަކުން ވަކި މުއްދަތެއްގެ ތެރޭގައި އަދަދު ހަމަކުރަން އަންގާ ނޯޓިސް ދިނުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭނެ ކަމެކެވެ.

އެމްއާރްއެމްގެ މެންބަރުންގެ އަދަދު 3،000 މެންބަރުންނަށް ވުރެ ދަށްވުމާ ގުޅިގެން އަދަދު ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އެމްއާރްއެމް އަށް ނޯޓިސް ދިނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެފަހަރު 3،000 މެންބަރުން ހަމަކޮށް އެމްއާރްއެމް އިން ހުށަހެޅުމުން އުވާލާ ޕާޓީތަކުގެ ލިސްޓުން އެމްއާރްއެމްގެ ނަން ފަހުން އުނިކުރި އެވެ. ނަމަވެސް އަނެއްކާވެސް އެމްއާރްއެމްގެ މެންބަރުންގެ އަދަދު 3،000 އަށް ވުރެ ދަށްވުމާ ގުޅިގެން އެ އަދަދު ހަމަކުރުމަށް އެންމެ ފަހުން އެ ޕާޓީއަށް ނޯޓިސް ދިނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ދެވަނަ ފަހަރަށް ދިން ނޯޓިސްއާ އެއްގޮތަށް 3،000 މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް އެންމެ ފަހުން މައުލޫމާތު ހިމަނާފައިވަނީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. އޭރު އެމްއާރްއެމްގައި ތިބީ 2،981 މެންބަރުންނެވެ.

އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނީ ނޮވެމްބަރު 20، 2019 ގައެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލުމަށް ނިންމިއިރު އެ ޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ. އަދި ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އިސް މަގާމުތަކުގައިވެސް އެމްއާރްއެމްގެ ބޭފުޅުން އެބަތިއްބެވި އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނާއި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އަކީ އެމްއާރްއެމްގެ ސްލޮޓްތަކުގައި ވަޒީރުކަން ކުރައްވާ ބޭފުޅުންނެވެ.

އެމްއާރުއެމްއަކީ މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ. އެމަނިކުފާނު 2005 ވަނަ އަހަރު ފުރަތަމަ އުފެއްދެވީ ޑީއާރްޕީއެވެ. އެ ޕާޓީ ހިންގުމުގައި އޭރު ހުންނެވި ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ޑީއާރްޕީ ދޫކޮށްލައްވައި ޕީޕީއެމް އުފެއްދެވިއެވެ. ނަމަވެސް ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގައި ޕީޕީއެމް ދޫކުރައްވަން މަޖުބޫރުވެވަޑައިގެން އެމްއާރްއެމް އުފެއްދެވީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top