ލައިސެންސް ނެތި ބިދޭސީން ރެކްރޫޓް ކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް “ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދު” އެކުލަވާލައި މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ
އިކޮނޮމިކް މިނިސްޓްރީން ނެރުނު ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކާ ބެހޭ ގަވައިދަކީ ރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމާއި ލައިސަންސް އާކުރުމާއި ލައިސަންސް ހިފެހެއްޓުމާއި ލައިސަންސް ބާތިލުކުރުމާއި އެޖެންސީ ހިންގުމާއި އެފަދަ އެޖެންސީއަކުން ދެވޭ ހިދުމަތްތަކާއި ހިދުމަތްތަކުގެ މިންގަނޑުތައް ބަޔާންކޮށްފައިވާ ގަވާއިދެވެ.
ގަވާއިދުގައިވާ ގޮތުން ލައިސެންސެއް ނެތި ވަޒީފާއަށް މީހުން ގެނައުމުގެ ހިދުމަތްދީފި ނަމަ އެ ފަރާތެއް ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ޤަވާއިދުގައިވާ ގޮތުން މިގޮތަށް ގެންނަ ކޮންމެ ބިދޭސީއެއްގެ ބޮލަށް އިތުރު 5000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ނަގާނެއެވެ.
މީގެ އިތުރުން ވިޔަފާރިއަކުން ލައިސެންސް ނެތި ބިދޭސީން ރެކްރޫޓްކޮށްފިނަމަ އެ ވިޔަފާރިއަކަށް 40 ރުފިޔާގެ ޖޫރިމަނާއަަކާއި ރެކްރޫޓްކުރި ކޮންމެ މީހަކަށް 5000 ރުފިޔާގެ މަގުން ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނެއެވެ. މީގެ އިތުރުންވެސް އެކި ކަންކަމާއި ގުޅޭ ޖޫރިމަނާތައް މި ގަވާއިދުގައި ވެއެވެ.
މިގަވާއިދުގައި އޭޖެންސީތަކުން ބަހައްޓަންޖެހޭ ޑިޕޮސިޓްގެ އަދަދުތައްވެސް ބަޔާންކޮށްފައިވާއިރު އޭ ކެޓަގަރީގެ އޭޖެންސީ ރަޖިސްޓްރީ ކުރާނަމަ ޑިޕޮސިޓްގެ ގޮތުގައި ތިން ލައްކަ ރުފިޔާ ބަހައްޓަން ޖެހެއެވެ. ބީ ކެޓަގަރީގައި 50 ހާސް ރުފިޔާ އަދި ސީ ކެޓަގަރީގައި ތިން މިލިއަން ރުފިޔާ ބަހައްޓަން ޖެހެއެވެ.
ކެޓަގަރީ އޭގައި ހިމެނޭނީ ރެކްރޫޓްމަންޓުގެ ހިދުމަތާއި، ވޯކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތަކެވެ. ކެޓަގަރީ ބީގައި ވޯކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތައް ހިމެނޭއިރު ކެޓަގަރީ ސީގައި ހިމެނެނީ މޭންޕަވާ ސަޕްލައި ކުރުމުގެ ހިދުމަތް ދޭ އެޖެންސީތަކެވެ.