އޭދަފުށިގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދަން ނިންމާފައިވާ 15 މަގުގެ މަސައްކަތް ތާރު އެޅުމާ ހަމައިގާ އޮއްވާ އިތުރު ދެ މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.
ރިޔާސީ އިންތިޚާބަށް ވޯޓުލާން 31 ދުވަހަށް ވެފައިވަނިކޮށް މި ޕްރޮޖެކްޓަށް ދެމަގު އިތުރު ކޮށްފައިވަނީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ ބ.އަތޮޅު ހޮސްޕިޓަލުގެ ކުރިމަތީގައި އޮންނަ ނޫރާނީ މަގާއި ހުރަވީ މަގުގައި ތާރު އެޅުމަަށް ހަމަޖެހިފައި ވުމުން މިހާރު އަންނަނީ އެ ދެ މަގުސާވޭ ކުރަމުން ކަމުގައެވެ.
އޭދަފުށީގެ 15 މަގުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަތާ ތިން އަހަރު ވެފައިވާ އިރު މިހާރު ވަނީ މަގުތައް ހަދައި ޕޭމަންޓްގެ މަސައްކަތް ވެސް ނިމި ތާރުއަޅަން ފެށުމާ ހަމައިގައެވެ. ތާރު އެޅުމަށް ބޭނުންވާ ގިނަ މެޝިންތައްވެސް މިހާރު ވަނީ އޭދަފުއްޓަށް ގެނެސްފައެވެ.
އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހައުސިން މިނިސްޓްރީއާއި މިހާރު އުވާލާފައިވާ އެމްއާރްޑީސީ އާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫންމަހު އެވެ. މިހާރު މިމަސައްކަތް ކުރަނީ ހައުސިންގ މިނިސްޓްރީގެ ފަރާތުންނެވެ.
33 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކޮށްފައިވާ މި މަސައްކަތް ނުނިމި ދިގުލަމުން ދާތާ މިހާރު ތިން އަހަރު ވެއްޖެއެވެ.
ކިޔުންތެރިންގެ ޚިޔާލު