އޭދަފުށި ކޮޅަށް ޓީސީއިން 13 ގޯލު !

ysYUQV7vbfOtzfrSScT2.jpg

ޓީސީ އާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން - އެފްއޭއެމް

އެފްއޭއެމް އެފްއޭ ކަޕުގެ ފުރަތަމަ މެޗުގައި މިއަދު އޭދަފުށި ކޮޅަށް 13 ގޯލު ޖަހައި ޓީސީއިން ފެށުން ރަނގަޅުކޮށްފި އެވެ.

މިއަދުގެ މެޗަށް ޓީސީ ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. މެޗު ފެށުނުތާ އެންމެ 10 ސިކުންތުގެ ތެރޭގައި ޓީސީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ޖައްސާލި ބޯޅައަކުން ޓީސީއަށް ކުޅޭ އޭދަފުށީގެ މަޝްހޫރު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ވަނީ މެޗުގެ ފުރަތަމަ ގޯލް ޖަހާފަ އެވެ.

އޭގެ 10 މިނެޓު ފަހުން އަދި މެޗުގެ 13 ވަނަ މިނަޓުގައި އިތުރު ގޯލެއް ޖަހައި އޭނާ ވަނީ އެފްއޭ ކަޕުގައި އެންމެ އަވަހަށް ހެޓްރިކް ހެދި ކުޅުންތެރިޔާގެ މަގާމުވެސް މިއަދުގެ މެޗުން ހޯދާފައެވެ.

ސައްޓުގެ ތިން ގޯލުގެ އިތުރުން ފުރަތަމަ ހާފުގައި ޓީސީއަށް ގޯލު ޖަހައިދިނީ ދަގަނޑޭއާއި އިސްމާއިލް އީސާ (މެސީ)ގެ އިތުރުން މެލްކޮމް ސްޓެވާޓް އެވެ.

މެލްކޮމްއާއި ދަގަނޑޭ އެ މެޗުގައި ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ ދެވަނަ ހާފުގަ އެވެ. މެޗު ނިމެންދަނިކޮށް މެސީއާއި އަހުމަދު ފައްރާހު ވަނީ އިތުރު ގޯލުތަކެއް ޖަހައި މެޗުގެ ނަތީޖާ 13-0 އަށް ބަދަލު ކޮށްލާފަ އެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗުގެ ނަތީޖާއާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މެޗުގައި ގިނަ ގޯލުތަކެއް ޖެހި ނަމަވެސް އަމާޒަކަށްވީ މޮޅަށް ކުޅެ މޮޅުވާން ކަމަށް ޝާޒް ބުންޏެވެ.

އޭދަފުށީގެ އެސިސްޓަންޓް ކޯޗު އަބްދުލް މަޖީދު ހަސަން ބުނީ މި މުބާރާތުގައި މުޅިން އަލަށް އޭދަފުށި ވާދަކުރިއިރު، މި މެޗުގައި އެޓީމުގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި މި މެޗުގައި ތަފާތު ބޮޑު ކޮށް ބަލިވީ މެޗުގެ ވަރަށް ކުރީކޮޅު ޓީސީން ލަނޑެއް ޖެހުމުން ކަމަށެވެ. އަދި ގައުމީ ފުޓްބޯޅަ ދަނޑަށް ކުޅުންތެރިން އާވުމަކީވެސް ކުޅުންތެރިންގެ ކުޅުން ރަނގަޅަށް ފެނިގެން ނުދިޔަ ސަބަބެއްކަމަށް މަޖީދު ބުންޏެވެ.

މިފަހަރުގެ އެފްއޭ ކަޕްގައި މުޅިން އަލަށް ކްލަބު އޭދަފުށި ވާދަކުރިއިރު، މުބާރާތާ ކުރިމަތިލި އޭދަފުށި ޓީމުގެ ސްކޮޑުގައި ހިމަނާފައިވަނީ މުޅިންވެސް އޭދަފުށީގެ ކުޅުންތެރިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top