އޭދަފުށީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށްފި

12802991_344791412311812_6335423111277890089_n.jpg

އޭދަފުށި.

އޭދަފުށީ ކައުންސިލުން  އޭދަފުށީ ރައްޔިތުންނާ ރޭ ބައްދަލުކޮށްފިއެވެ. އޭދަފުށީގެ ރައްޔިޔުންނަށް އާއްމުކޮށް ހުޅުވާލައިގެން ބޭއްވި މި ބައްދަލުވުން އޮތީ މަލްޓިޕާޕަސް ބިލްޑިންގގެ ޖަލްސާކުރާ ހޯލްގައެވެ.

ކައުންސިލްގެ ފަރާތުން މީގެތިން ދުވަސް ކުރިން އިއުލާނުކޮށްގެން އަދި އިއްޔެ ރަށުތެރޭގައި އަޑުގަދަކުރާއިން މިބައްދަލުވުމަށް އައުމަށް އެދުމުންވެސް ބައްދަލުވުމަށް ހާޒިރުވެފައިވަނީ މަދު އަދަދެއްގެ މީހުންކޮޅެކެވެ.

މި ބައްދަލުވުމަކީ ލާމަރުކަޒީ ގާނޫނުގެ 110ވަނަ މާއްދާ ގައިބުނާ ކޮންމެ އަހަރެއްގެ ފެބްރުއަރީމަސް ހުސްވުމުގެ ކުރިން ރައްޔިތުންނާ ބައްދަލުކޮށް ކައުންސިލްގެ އަހަރީ ރިޕޯޓާ މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ބޭއްވި ބައްދަލު ވުމެކެވެ.

ބައްދަލުވުން ބާއްވަން ގާނޫނުގައި ބުނާ މުއްދަތު ހަމަވިފަހުން ބޭއްވި މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން 2015ވަނައަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް އިއްވުމަށްފަހު އެރިޕޯޓްގައި ހުރި ސުވާލު އުފެދޭ ކަންކަމާ ބެހޭ ގޮތުން ރައްޔިތުން ސުވާލުކުރަން ފެށުމުން ރިޔާސަތުން އެސުވާލުތަކަށް ޖަވާބުދީފައިވަނީ އެންމެ ޒިންމާދާރު ގޮތުގައި ނޫންކަމަށް ގިނަ ބަޔަކު ފާހަގަކުރިއިރު އަނެއްބަޔަކު ބުނަމުން ދިޔައީ ކައުންސިލުން މި ބައްދަލުވުން ބާއްވާފައިވަނީ ތައްޔާރުވާންވީ ވަރަށް ތައްޔާރު ނުވެކަމުގައެވެ.

ކައުންސިލްގެ ރިޕޯޓްގައި ވޭތުވެދިޔައަހަރު ރައްޔިތުންނާ ގުޅުންހުރި ރަށުގެ ތަރައްގީއަށް އެއްވެސް ކަމެއް ކުރެވިފައިވާ ކަމެއް ފާހަގަ ކުރައްވާފައިނުވާތީ އެއީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. މުޅި ކައުންސިލްގެ ބަޖެޓުގެ ބޮޑުބައެއް ޚަރަދު ކުރެވިފައިވާކަމަށް ރިޕޯޓުން ފާހަގަވެގެންދިޔައީ މިނިވަން50އަށާއި އެކިިއެކި ފުޓްބޯޅަ މުބާރާތްތަކަށެވެ. އެކަމަކު އެކަންކަމަށް ކުރެވިފައިވާ ޚަރަދުތަކަށް ފިހާރަތަކުން ދަރަންޏަށް ނަގާފައިވާ ތަކެއްޗަށް އަދިވެސް ފައިސާ ދައްކާފައި ނުވާކަން ކައުންސިލުންވެސް އެއްބަސްވެއެވެ.

ކައުންސިލްގެ ރިޕޯޓުގައި މިއަހަރު ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގެ ގޮތުގައި ފާހަގަކޮށްފައި ހުރީ މުޅިންވެސް ސަރުކާރުން މި ރަށުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއު ތަކެވެ. އެހެންކަމުން މިއަހަރު ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ކޮށްދިނުމަށް ރާވާފައި ހުރީ ކޮންކޮން ކަންތައް ތަކެއްތޯ އާއްމު ރައްޔިތަކު ސުވާލުކުރުމުން އެފަދަ ކަމެއް ރޭވިފައިނުވާކަމަށް ކައުންސިލްގެ ރައީސާ ވިދާޅުވުމުން ރައްޔިތުން ކެކިގެން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ.

މީގެ އިތުރުން ބޯޅަދަނޑުގެ ހުޅަނގުގައި އެހެން ބައެއްގެ ބިމެއްގައި ކައުންސިލްގެ ފަރާތުން އިމާރާތެއް ކޮށްފައިވަނީ ކައުންސިލަށް ލިބިފައިވާ ކޮން ހައިސިއްޔަތަކުންތޯ ސުވާލުކުރުމުން އެކަން ކޮށްފައިވަނީ ކައުންސިލްގެ ގަރާރަކުން ފާސްކޮށްގެންކަމަށް ރައީސާ ވިދާޅުވުމުން އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެއީ ގާނޫނާ ޚިލާފުކަމެއްކަމަސް ބުނެ ރައްޔިތުން ނުރުހުންފާޅުކުރަމުން ގެންދިޔައެވެ.

އެންމެ އަޖާއިބުވާން ޖެހުނު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ މާލީ ބަޔާން ހުށަހެޅި އިރު އެއީ ތެދު ރިޕޯޓެއްކަން އެނގޭނެ އެއްވެސް ގޮތެއް ބަޔާންކުރެވިފައި ނެތުމެވެ. ލޯކަލް ކައުންސިލް ގާނޫނުގައި ބުނާ ގޮތުން އޯޑިޓް ރިޕޯޓެއް ހުށަހަޅަން ޖެހޭނެކަމަށް އޮތްއިރު އެރިޕޯޓް ހުށަނާޅާކަން އެއީވެސް ފާހަގަވެގެން ދިޔަ ކަމެކެވެ

މިބައްދަލުވުމުގެ ވަކި ހިސާބަކުން މަސްރަހް ހޫނުވަމުންދިއުމާއެކު 11 ޖަހަންދެން ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައި އޮތް ބައްދަލުވުން 10:30 އެހާކަށް ހާއިރު ނިންމާލައިފިއެވެ.  މި ބައްދަލުވުމަށް ހާޒިރުވެފައިވަނީ ހަތް ކައުންސިލަރުންގެ ތެރެއިން އެންމެ 4 ކައުންސިލަރުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top