ސްކޫލުތަކުގައި ނަމާދު ކުރުމަކީ ހަރުކަށި ކަމެއްކަމަށް ނުބަލަން: މިނިސްޓަރު

educa-e1655096005723.jpg

ސްކޫލްތަކުގައި ނަމާދުކުރުމަކީ ހަރުކަށި ކަމެއް ކަމަށް ނުދެކޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ސްކޫލު ޓީޗަރުންނަށް ޚާއްސަކޮށްގެން ބޭއްވި ޕްރޮގްރާމެއްގައި ނަމާދު ގަނޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއްކަމަށް ބުނާ ޕްރެޒެންޓޭޝަންގެ ފޮޓޯއެއް މީސްމީޑިއާގައި އާއްމުވުމުން އެކަމާ ގުޅޭ ގޮތުން މިއަދުގެ މަޖިލިސް ޖަލްސާގައި، މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ކަރިކިއުލަމްގެ މައިގަނޑު އަސާސަކީ ”ޕްރެކްޓިސިން އިސްލާމް“ ކަމަށެވެ.

ސްކޫލުތަކުގައި ދަރިވަރުން ނަމާދު ކުރުމާއި، އިސްލާމްދީނުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ޒަމާނުއްސުރެއް ބާރުއަޅާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންމެ ސްކޫލެއްގައިވެސް ދަރިވަރުންނަށް ނަމާދު ކުރެވޭ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”ސްކޫލުތަކުގެ ތެރޭގައި ނަމާދު ކުރުން އެއީ ހަރުކަށި ކަމެއްކަމު ނުބަލަން. އެއީ އިސްލާމްދީނުގެ ރުކުނެއް. އެހެންވީމާ ނަމާދު ކުރަން ސްކޫލުތަކުން ހަމަ އެންކަރޭޖް ކުރާނެ.“ މިނިސްޓަރުވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީއާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާރާއި ހޯޕް ފޯ ވިމެން ޖަމްއިއްޔާގެ އިތުރަށް އައިޔޫއެމްއާއި ޔޫއެންޑީޕީ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ރ. އުނގޫފާރުގައި ކުރިއަށްގެންދިޔަ ”ހަފްތާރެސް“ގެ ނަމުގައި ރ.އުނގޫފާރުގައި ބޭއްވި ޕްރޮގްރާމުގެ ފަސްވަނަ ދުވަހު އަމާން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާއެކު މި ޝިއާރުގެ ދަށުން ބޭއްވި ސެޝަނުގައި ކުދިން ހަރުކަށި ފިކުރާ ދިމާލަށް ދާކަން ދެނެގަންނާނެ ގޮތްތަކެއް ކިޔައިދީފައިވެއެވެ.

އޭގެ ތެރޭގައި ސްކޫލު ވަގުތުގައި ނަމާދުގެ ވަގުތަށް އިސްކަންދިނުމާއި، ފުރާވަރުގެ ކުދިން ތުނބުޅި ބެހެއްޓުމާއި، އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަން ހިމަނައިގެން ތައްޔާރުކުރި ލިސްޓަކީ ކުރީކޮޅުގައި ހަރުކަށި ވިސްނުމަށް ކުއްޖަކު ދާކަން ދެނެގަންނަ އަލާމާތްތައް ކަމަށް ބުނެދީފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top