މާލެ އިން ރަށްރަށަށް ދެވޭނީ ޒަރޫރީ ބޭނުމަކަށް!

DSCN9842-ެެ.jpg

ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން ރަށްރަށަށް ދެން ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭ ގެ ޑިރެކްޓަރު ޖެނެރަލް ސޮއިކުރައްވާ ރޭ އާންމުކުރި އުސޫލުގައި ބުނެފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން ރަށްރަށަށް ދެން ދަތުރު ކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަަށެވެ.

މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން ރަށްރަށުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ޓަކައި ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅުތަކަށް ދަތުރުކުރުމުގެ ހުއްދަ ދިނުން ވަނީ މިހާރުވެސް މެދުކަނޑާލައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މާލެއިން އަތޮޅު ތެރެއަށް ދަތުރު ކުރެވޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާން ޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާން ޖެހޭ މީހުންނަށް ކަމަށެވެ. އަދި މާލޭގައި އަދާކުރަމުން އަންނަ ވަޒީފާގެ މަސައްކަތް ހުއްޓާލަން ޖެހުމާ ގުޅިގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވާ މީހުންނަށްވެސް ހުއްދަ ދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޭގެ އިތުރުން މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލު ކުރަން ޖެހޭ މީހުންނާއި މާލެއަށް ތައުލީމު ހާސިލުކުރުމަށް އައިސް ތައުލީމު ހާސިލުކުރުން މުޅިން ނިމި، ރަށަށް އެނބުރި ދާން ޖެހިފައިވާ މީހުންނަށްވެސް ހުއްދަ ލިބޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީ ގޮތުން މެދުކެނޑިފައިވާ ފަރާތްތައް ނުހިމެނެއެވެ. އަދި މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް ދާން ޖެހޭ މީހުންނަށްވެސް ހުއްދަ ދެވޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ މީހުން ދަތުރު ކުރުމުގެ ހުއްދަ ހޯދުމަށް އެދި މާދަމާއިން ފެށިގެން ހުށަހަޅަން ޖެހޭނީ “ހާލުބެލުން ޕޯޓަލް” މެދުވެރިކޮށް ކަމަށާ އެގޮތަށް ހުށަހަޅާއިރު، އެމީހަކު ދަތުރުކުރާ ރަށުގެ ކައުންސިލުން ދޫކޮށްފައިވާ ދަތުރުކުރާނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލު ބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންޖެހޭނެ ކަމަށެވެ.

ޒަރޫރީ ބޭނުންތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭ މީހުންވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހެއެވެ. އަދި ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމުން ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top