ކަރަންޓްގެ ސަބްސިޑީީކަނޑާލުން: ކަރަންޓް ބިލް އަނެއްކާވެސް ބޮޑުވީ.

0_135797378616_news.jpg

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނިމާލު.

ވިޔަފާރިކުރާ ތަންތަނަށް ސަރުކާރުން ކަރަންޓަށް ދެމުންއައި ސަބްސިޑީ ކަނޑާލާފައި ވިޔަފާރިތަކަށް ކަނއަޅާފައިވާ ރޭޓުން ބިލްކުރަން ފެށީ މިދިޔަ އަހަރުއެވެ. ރާއްޖެތެރެއާ މާލެއަށް ބޮޑު ތަފާތު ބޭންޑެއްގައެވެ. ނަތީޖާއަކީ ކުރިން ދައްކަމުން އައިވަރަށްވުރެ ޑަބަލްކޮށް ކަރަންޓަށް އަގުދައްކަންޖެހުމެވެ. މިކަމުގެ ސަބަބުން ހަމައެކަނި މިރަށަށް ބަލައިލިކަމުގައިވިޔަސް އެތައް ވިޔަފާރި ގެއެއް ބަންދުކުރަން މަޖްބޫރުވިއެވެ. ވިޔަފާރިތައް ބަގުރޫޓްވީއެވެ. ބަނގުރޫޓ ނުވެ ސަލާމަތްވީ މީހުންވެސް މިހާރު ވިޔަފާރި ކުރަމުން ގެންދަނީ އެއީ އެމީހުން އެތައް ދުވަހަކުން ފެށިގެން ކުރަމުންއައި މަސައްކަތްކަމަށްވާތީ އެކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މިނޫން ދުވަހެއް އަތުވެދާނެކަމުގެ އުއްމީދުގައެވެ.

ހަމައެއާއެކު ފްރިޖްކޮށްފައިހުންނަ ހުރިހާ އެެއްޗެއްގެ އަގު %30އަށް ބޮޑުވެގެންދިޔައެވެ. އެއީ ވިޔަފާރިވެރިންގެ މައްސަލައެއްނޫނެވެ. އެމީހުންގެ ކަރަންޓްބިލް ދެގުނައަށް ބޮޑުވުމުން ކަރަންޓްބިލަށް އެފައިސާ ހޯދުމަށް ކުރެވޭނެ ކަމަކީ އެއީ ކަމަށް ވާތީއެވެ. އެންމެ ކުޑަމިނުން ޚަބަރާ މައުލޫމާތު އަދި މުނިފޫހި ފިލުވާލުމުގެ ގޮތުން ބޭނުންކުރާ ކޭބަލްޓީވީއަށް ދައްކަން ޖެހޭ އަގުވެސް ބޮޑުވެގެން ދިޔައީއެވެ.

ހުރިހާ ގެއްލުމެއް ބޮލު އަޅަން ޖެހުނީ ރައްޔިތުންނަށެވެ. އޭގެތެރެއިންވެސް ކުޑަކުޑަ އާމްދަނީއެއް ލިބިގެން ދިރިއުޅޭ އާދައިގެ އާއިލާތަކަށެވެ. އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއްކާވެސް ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީއެވެ. ރައްޔިތުންނަށް ދެމުންއައި ކަރަންޓް ސަބްސިޑީ ކަނޑާލީއެވެ. ކަރަންޓްބިލް ބޮޑުވީއެވެ.

މިކަމުގައިވެސް މާލޭ މީހުންނަށް ތަފާތު ގޮތެއް ގެންގުޅޭކަމީ ހަގީގަތްކަމަށްވިޔަސް ހައިރާންވާކަށް ނުޖެހެއެވެ. އެއީ ހުރިހާ ކަމެއްގައިވެސް މާލެއާއި ރާއްޖެތެރެ ތަފާތުކުރުން ގެންގުޅެމުން އައި މި ގައުމުގެ ޒަމާންވީ އާދަކާދައިގެ ތެރޭގައި ހިމެނޭކަމަކަށް ވެފައި އޮންނާތީއެވެ. އެހެންނޫންނަމަ ކަރަންޓްފަދަ ޒަރޫރ،ީ އަސާސީ ބޭނުމެއްގައި މާލޭ މީހާއާއި ރާއްޖެތެރެމީހާ ތަފާތުކުރަންވީ ކީއްވެގެން ހެއްޔެވެ. ރާއްޖެތެރޭގެ އާބާދީގެ ތަފާތުކުރުން ނައްތާލުމަށް ހުރިހާ ރަށަކަށް އެއް ރޭޓެއް ހަމަޖެއްސިއިރު މާލޭ އިސްތިސްނާވީ ސަބަބަކީމިއީނޫންބާއެވެ؟

އާ ގަވާއިދުގެ ދަށުން ކަރަންޓަށް އަގު ނެގުމުގައި މާލެއާ އަތޮޅުތެރޭގެ ތަފާތު

މާލެ :    0-100 ޔުނިޓް ހަމައަށް 2.10ރ
އަތޮޅުތައް : 0-100 ޔުނިޓާ ހަމައަށް 3.00ރ.
މާލެ :    101 -200 ޔުނިޓާ ހަމައަށް : 2.20ރ.
އަތޮޅުތައް : 101- 200 ޔުނިޓާ ހަމައަށް : 3.30
މާލެ :    201-300 ޔުނިޓާ ހަމައަށް . 2.35ރ.
އަތޮޅުތެރެ : 201-300 ޔުނިޓާ ހަމައަށް . 3.40ރ.
މާލެ :    301-400 ޔުނިޓާ ހަމައަށް . 2.70ރ.
އަތޮޅުތެރެ : 301-400 ޔުނިޓާ ހަމައަށް. 3.50ރ.

މި ބަދަލާ ގުޅިގެން އީވީއިން ހިސާބު ހަދާލި އިރު ސަބްސިޑީ ކަނޑާލުމުން 182 ޔުނިޓް ކަރަންޓް ބޭނުންކުރާ އޭދަފުށީގެ ގެއަކުން 107 ރުފިޔާ ވަރު ބޮޑުވެއެވެ.

ކަރަންޓްބިލަށް އަގުނެގޭ އާ އުސޫލުގެ ދަށުން 400 ޔުނިޓަށްވުރެ ދަށްކޮށް ކަރަންޓް ބޭނުންކުރާ ގޭބިސީތަކަށް 80ރުފިޔާ އާ 135 ރުފިޔާއާ ދެމެދުގެ އިތުރުވުމެއް ކަރަންޓްބިލަށްް އަންނާނެކަމުގައި ފެނަކައިންވެސް ވިދާޅުވެއެވެ.

މައްސަލައަކީ އެވަރުގެ ބޮޑުވުމަކީ މާބޮޑުކަމެއްކަން ދެކެވަޑައިނުގަންނަވާކަމަށް ކަރަންޓްގެ އަގަށް ބަދަލުގެނައުމާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެނާޖީ މިނިސްޓްރީއާއި ފެނަކަ އަދި ސްޓެލްކޯ ގެފަރާތުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެނާޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލްމަތީން ވިދާޅުވުމެވެ.  ކަރަންޓް ސަބްސިޑީ ކަނޑާލިނަމަވެސް އެއީ އާއްމު މީހާއަށް ދެއްކޭނެ އަދަދެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މި ބަދަލާއެކު ސަރުކާރުން ކަރަންޓް ސަބްސިޑީއަށް ހޭދަކުރަންޖެހޭނެކަމަށް ގަބޫލު ނުކުރައްވާކަމަށްވިދާޅުވުމެވެ. . ތެދެކެވެ. އެއީދެއްކޭނެއަދަދެކެވެ. އެއަށްވުރެ ބޮޑުވިޔަސް އެވެސް ވާނީ ދެއްކޭނެ އަދަދަކަށެވެ. ދައްކަން ޖެހޭނެ އަދަދަކަށެވެ. ދަރާ ވިކިގެންވެސް ދައްކަންޖެހޭ ސަބަބަކީ ނުދައްކައިފިނަމަ ކަރަންޓަ ކަނޑާލާނޭތީއެވެ. އެހެންނަމަވެސް އެވަރުގެ ބޮޑުވުމަކީ ބޮޑުވުމެއްކަމުގައި ދެކެވަޑައި ނުގަތުމުގެ މާނައަކީ އަތޮޅު ތެރޭގައި ދިރިއުޅެމުންދާ % 89މީހުންނަކީ
މަތީންއަށް ވުރެ މާކުޑަކުޑަ އާމްދަނީ ލިބޭ ބައެއްކަމަށް ނޭނގުމެވެ. ނުވަތަ އެކަން ގަސްދުގައި ހަނދާންނައްތާލުމެވެ.

އަތޮޅުތަކުގައި ދިރިއުޅޭ މީހުންގެ %89 އަކީ 400 ޔުނިޓަށް ވުރެ މަދުން ބޭނުންކުރާ މީހުންކަމަށް ސަރުކާރުން ބުނެއެވެ. އަދި 400ޔުނިޓަށްވުރެ ދަށްކޮށް ކަރަންޓްބޭނުންކުރާ މީހުންގެ ބިލަށް 135 ރުފިޔާ އާހަމައަށް ބޮޑުވާނެކަމަށް ވިދާޅުވެފައި ރާއްޖޭގެ އެވަރެޖް މުސާރައަކީ 4000 ރ. ކަމަށް ވިޔަސް ކަރަންޓަށް ހޭދަކުރަން ޖެހޭ އަދަދަކީ ކުޑައަދަދެއްކަމުގައި ބެލެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެހެންކަމަށްވާނަމަ މަތީންގެ އެވިދާޅުވުމަކީ އޭނާއަކީ ސްޓޭޓް މިނިސްޓަރަކަށް ވާތީ ލިބިވަޑައިގަންނަވާ ބޮޑުމުސާރައަށް ބޭސްކޮށްފައި ވިދާޅުވި ވާހަކައަކަށް ވެދާނެއެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި 400 ޔުނިޓަށްވުރެ ދަށްކޮށް ބޭނުންކުރާ %89މީހުންނޭ އެވިދާޅުވީ އެންމެ އާދައިގެ ގެއެއްގައި ކަރަންޓް ބޭނުންކުރާ ވަރެވެ. މިފަދަ ގޭގެއަކު އެއަރކޯންއާއި ހީޓަރުފަދަ ތަކެއްޗެއް ނުހުންނާނެއެވެ. އެހެންކަމަށްވާނަމަ މިގޭބިސީތަކުގެ އާމްދަނީ އުޅޭނީ އެންމެ ގިނަވެގެންވެސް 4000ރ.އެވެ.

ރައްޔިތުންނަށް ސަބްސިޑީދީގެން ގައުމު ހިންގުމަކީ ރަނގަޅުގޮތެއް ނޫންކަމަށް އިގްތިސާދީ ނަޒަރުންބަލާއިރު ގަބޫލުކުރަންޖެހެއެވެ. އައިއެމްފަދަ ދުނިޔޭގެ މާލީއިދާރާތަކުން އެވާހަކަ ގޮވަމުން އެގެންދަނީ އެހެންވީމައެވެ. އެހެންނަމަވެސް އެނޫންގޮތެއް ނެތިއްޔާ އެކަންވެސް ޖެހޭނީ ކުރާށެވެ. ކަރަންޓަށް ސަބްސިޑީ ދިނީ ކީއްވެގެންތޯއެވެ. ރައްޔިތުންނަށް ލުޔެއް ހޯދައިދޭންކަމަށް ވާނަމަ ސަބްސިޑީ ކަނޑާލެއްވީ އެހާލަތު ބަދަލުވީތޯއެވެ؟ ހާލަތު ބަދަލުވެފައިވާނަމަ ބަދަލުވެފައިވަނީ ކަރަންޓްއުފައްދަން ބޭނުންކުރާ ތެލުގެ އަގު މީން ޒަމާނަކުވެސް ނުދާހާ ވަރަށް ދަށަށް ދިއުމެވެ. އެކަމަކު އެކަން ދިވެހި ރައްޔިރުން ތަޖްރިބާކުރަން ޖެހުނީ ކަރަންޓް އަގުބޮޑުވުމެއްގެ ގޮތުގައެވެ.

ސަރުކާރުން ކަރަންޓަށް ދިން ސަބްސިޑީ ކަނޑާލުމުން ބަޖެޓަށް އެލިބުނީ ވަރަށް ބޮޑު ލުޔެކެވެ. އެކަން ހެޔޮ ހިތުން އުފަލާއެކު ގަބޫލުކުރަން ޖެހެއެވެ. އެކަމަކު ބަޖެޓަށް ލުއިކުރުމުގެ ގޮތުން ގައުމުގެ އެތައް ނިކަމެތިރައްޔިތުން ގުރުބާންކުރެވިގެން ނުވާނެއެވެ.  ރައްޔިތުންގެ އަތުން ޓެކްސް ނަގަމުން އަދި އޭގެ އިތުރުން މިކަމުގެ އަގު އަދާކުރަން ޖެހިގެން ނުވާނެއެވެ. މިއީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރައްވަން ފިނި ކޮޓަރީގައި ސަރުކާރުގެ ކަރަންޓްގައި އުޅުއްވާ ބޭފުޅުންނަށް ނުވަތަ ނިކަމެތިންގެ ދިރިއުޅުމުގެ އަގުވަޒަންކުރަންނޭގޭ ބަޔަކު ކުރާކަހަލަ ކަމެއްކަމުގައި ދެންނެވުމުގެ ފުރުސަތު އެބައޮތެވެ. ނިކަމެތިންގެ ދިރިއުޅުމާއި އެމީހުންނަށް ލިބޭ އާމްދަނީއަށް ވިސްނަވާނަަމަ ކޮންމެކަމެއް ރައްޔިތުމީހާގެ ޖީބަށް ބުރަބޮޑުވާ ގޮތަކަށްނިންމަވާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

އެކަމަކު ހަގީގަތަކީ މިފަދަކޮންމެ ކަމެއްގައި ސަރުކާރުގެ އަމާޒުހުންނަނީ ރައްޔިތުންނާދިމާލަށެވެ. ރައްޔިތުންނަށް އެކަން އަމާޒުކުރުމުން އެކަމުގައި އެންމެ ބޮޑަށް އަސަރުކުރަނީ އެންމެ ނިކަމެތި މީހާއިން ފެށިގެންނެވެ.

މިވާހަކަ މިގޮތަށްދައްކަމުންދާއިރު ސަރުކާރުން ރަށްރަށުގައި ހިންގާ ބިޔަ ޕްރޮޖެކެޓްތަކުގެ ވާހަކަ ނުދައްކަނީ ކީއްވެގެންހޭ ސުވާލު އުފައްދާފާނެއެވެ. ސަރުކާރުން ކިހާ ގިނަ ރަނގަޅުކަންތައްތަކެއް ކޮށްދޭހޭ ބުނެފާނެއެވެ. އަޅުގަނޑުގެ ޖަވާބަކީ ސަރުކާރުން އެންމެ ފުރަތަމަ ކޮށްދޭން ޖެހޭނެކަމަކީ އެންމެ އާދައިގެ މީހާއަށްވެސް އަބުރުވެރި ދިރި އުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މަގުހެދުމާ ތޮށިލުމަކީވެސް ކުރަންޖެހޭ ކަންކަމަށް ވިޔަސް އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭ ތަރުތީބު އޮޅުވާލައްވައިގެން ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ އެހާ ހިތްގައިމުކަމާއެކު ބަލައިގަންނަން ފަސޭހަކަންތައްތަކެއްނޫނެވެ.

އުފާވެރި ޚަބަރަކީ ސަބްސިޑީކަނޑާލުމުން ސަލާމަތްކުރެވޭ ފައިސާއިން ކަރަންޓާއި ފެނުގެ ޚިދުމަތް ތަރައްގީކުރާނެކަމަށް ސަރުކާރުން ވިދާޅުވާ ވިދާޅުވުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top