ވިސްނާލަމާ: އަހަރެންނަކީ ރިމޯޓް ކޮންޓްރޯލް ކާރެއްތަ؟

yelling.jpg.CROP_.cq5dam_web_1280_1280_jpeg.jpg

އެޑިޓަރުގެ ނޯޓް: މިކޮލަމަކީ ރާއްޖޭގެ މަސްރަހުން ފާހަގަކޮށްލެވޭ އިޖްތިމާއީ މައްސަލަތަކަށް ރިއާޔަތްކޮށް ބ. އޭދަފުށީ / އޯކިޑްމާގޭ އަހްމަދު ނަދީމްއާއި، އީވީ ގުޅިގެން ކޮންމެ ހަފްތާއަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. އަހްމަދު ނަދީމްވަނީ ކައުންސިލިން ސައިކޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވާފައެވެ. އޭނާ ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގައި ހިދްމަތްކުރައްވާތާ 8 އަހަރަށްވުރެ ގިނަދުވަސްވެއްޖެއެވެ. މިކޮލަމްގައި ބޮޑަށް އަލިއަޅުވާލާނީ އިޖްތިމާއީ މައްސަލަތަކާއި، މައްސަލަތައް ދިމާވާ ސަބަބުތަކާއި، ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ. އީވީއާ ގުޅިގެން އާންމުން ހޭލުންތެރިކުރުވުމަށްޓަކައި އަހްމަދު ނަދީމް ފެއްޓެވި މިމަސައްކަތަށް މަރުހަބާ ދަންނަވަމެވެ.

އަހްމަދު ނަދީމްގެ ނޯޓް: ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި ބައެއްމައިންބަފައިންނަށް ބައެއްފަހަރު ގޯސް ހެދޭކަމަށް ޤަބޫލުކުރެވޭތޯއެވެ. ގޯސް ހެދޭކަމަށް ޤަބޫލު ކުރެވޭނަމަ އެކަން ރަގަޅުކުރުމަށް މަސައްކަތް ކުރުމަކީ އެބައެއްގެ ޒިއްމާއެކެވެ. އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އެހީތެރިކަން ހޯދާށެވެ. “ވިސްނާލަމާ!” މި މައުޟޫއުގެ ދަށުން ލިޔެފައިވާ ލިޔުންތަކަކީ ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ފައިވާ ލިއުންތަކެކެވެ. އިބުރަތް ހާސިލްކޮށް ހެދޭ ގޯސްތައް މަދު ކުރުމަށް މަސައްކަތް ކުރައްވާށެވެ. މިފަހަރުގެ ހާދިސާ އަކީ ރާއްޖެގެ ދެކުނުގައި ހިނގާފައިވާ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިއުމެވެ.

އަހަރެންނަކީ ވާތްތެރި ކުއްޖެކެވެ. މަންމަގެ ބުރަ މަސައްކަތުން އަހަރެންނަކީ ކަނާއަތުން ލިޔެއުޅޭ ކުއްޖަކަށް ހެދިއެވެ. ނަމަވެސް ފުޓްބޯޅަ ކުޅެ އުޅެނީ ވާތުފައިންނެވެ. ފިލާވަޅު ކިޔައިގެން ދަސްކުރުމަކީ އަހަރެންނަށް ވަރަށް އުނދަގޫކަމެކެވެ. ނަމަވެސް މަންމަގެ ޕްރެޝަރުގެ ސަބަބުން ކޮންމެ ދުވަހަކުވެސް އަހަރެން ފިލާވަޅު ދަސްކުރަމެވެ. ރައްޓެހިންނާއެކު ކުޅެ މަޖާކޮށް ހަދަން ބޭނުންވެއެވެ. ނަމަވެސް ރައްޓެހިންގެ ނުރަގަޅު ނުފޫޒުގައިޖެހި އަހުލާގު ގޯސްވެދާނެތީ މަންމަ އެކަން ހުއްޓުވިއެވެ. ފުޓްބޯޅަ ކުޅެންދަނީ ވަރަށް މަދުފަހަރަކުއެވެ. މަންމަ ތަކުރާރުކޮށް ކަންކަން ހަނދާންކޮށްދެއެވެ. ޤުރުއާން ކުލާހަށް ދިއުމާއި ޓިއުޝަންތަކަށް ބަރާބަރަށް ފޮނުވައެވެ. އަހަރެންގެ އަތުން ފެންތައްޓެއްވެސް އަޅާލާކަށް ނުޖެހެއެވެ. ހިތަށްއެރި ކޮންމެއެއްޗެށް ހޯދައިދެއެވެ. ބޭނުން ކޮންމެ އެއްޗެށް ލިބެއެވެ. މިވަރުންވެސް އަހަރެންގެ ހިތް ނުފުރެއެވެ. ސަބަބަކީ އަހަރެންނަކީ ރިމޯޓް ކާރެއް ފަދަ އެއްޗަކަށްވުމެވެ. ކާރުގެ ކޮންޓްރޯލް ވަނީ ރިމޯޓުގައެވެ. އަހަރެންގެ ކޮންޓްރޯލް އޮތީ މަންމަގެ އަތުގައެވެ. މަންމަގެ ކޮމާންޑާއި ޚިލާފަށް ފިޔަވަޅެއް އެޅުންވެސް މަނަލެވެ.

އެއްދުވަހަކު މަންމަ އަހަރެންނާއި ސުވާލުކުރިއެވެ. ދަރިފުޅާއެވެ. ދަރިފުޅަށް މަންމަމެން ހޯދައި ނުދެނީ ކޮންއެއްޗެށް ހެއްޔެވެ. އަބަދު ދަރިފުޅު ހުންނަނީ ރުޅި އައިސްފައެވެ. ދަރިފުޅު ބޭނުންކަމެއް ބުނާށެވެ. މަންމަ އެކަމެއް ކޮށްދޭނަމެވެ. އަހަރެން ވަރަށް އަސަރާއެކު ބުނީމެވެ. އަހަރެން ބޭނުންވަނީ އޮފީހުގައި ހުންނަ މަންމަގެ ކޮމްޕިއުޓަރުގެ މޮނީޓަރުގެ ސްކްރީނަށް ވާށެވެ. އެވަގުތު މަންމަ ކުއްޖާ އެބުނި އެއްޗެއް ވިސްނި ދެލޮލުން ކަރުނަ ހިލުނެވެ. އަދި ކުރަކި އަޑަކުން މަންމަ އޮފީހަށް ދިއުން ހުއްޓާލަން ބޭނުންވާހަކަ ބުންޏެވެ.

ވިސްނުނީ އަދި ކިރިޔާއެވެ. ވަޒީފާ އަދާ ކުރަމުންވެސް ދަރިންނަށް ލޯބި ދެވިދާނެއެވެ. ދަރިފުޅު ރިމޯޓް ކޮންޓްރޯލް ކާރަކަށް ނުހެދިޔަސް ކިޔަވައިދެވި ރަގަޅަށް ތަރުބިއްޔަތު ކުރެވިދާނެއެވެ.

މަތީގައިވާ ހާދިސާއަށް ބަލާއިރު ކުއްޖާ އުފަންވިއިރު ކުއްޖާއަކީ ވަާތްތެރިއެކެވެ. ގަދަބާރުން ކުއްޖާ ކަނާތުން ލިއުންވަން އުޅުން މަޖުބޫރުހެއްޔެވެ. ވަާތުން ލިޔެއުޅޭ ކިތައްމެ ބަޔަކު ކާމިޔާބު ކަމާއެކު އެބައުޅެއެވެ. ވާތުން ކަނާތަށް ލިއުން ބަދަލު ކުރަން ބޮޑު ޕްރެޝަރއެއް ކުއްޖާއަށް ދޭންޖެހޭހެއްޔެވެ. ހަގީގަތަށް ބަލާއިރު އެއީ ބޭކާރު ޕްރެޝައެކެވެ.

ދުވަހުގެ ތާވަލް ރާވާއިރު ކުއްޖާއަށް އަރާމުކުރާނެ ވަގުތާއި ކުޅިވަރު ކުޅޭނެ ވަގުތު އަދި ކިޔަވާނެ ވަގުތުވެސް ހިމެނުން މުހިއްމެވެ. އެންމެ ރަގަޅުވާނީ ދަރިފުޅާއި މައިންބަފައިން ގުޅިގެން ތާވަލް ތައްޔާރުކުރީމައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top