އާމިސްކިތުގެ މަސައްކަތް ރޯދައަށް ނިމޭނެ – ދޮންފަނު ކައުންސިލް

IMG_20170111_105538.jpg

ބ. ދޮންފަނުގައި އަލަށް ސަރުކާރުން އަޅަމުންގެންދާ މިސްކިތުގެ މަސައްކަތް އަންނަ ރަމަޟާންމަހަށް ނިމޭވަރުވާނޭކަމަށް ދޮންފަނު ކައުންސިލުން ބުނެފިއެވެ.

ދޮންފަނު ކައުންސިލުން ބުނީ އެލް އެފް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދާ މިމަޝްރޫއުގެ މަސައްކަތް މަޑުނުޖެހި ކުރިޔަށްދާކަމަށާ، މަސައްކަތުގެ ފެންވަރުވެސް ވަރަށް ރަނގަޅުކަމަށެވެ. ދޮންފަނު ކައުންސިލްގެ ޒިންމާދާރުވެރިޔާ، ޑިރެކްޓަރ މުހައްމަދު ސާލިމް އީވީއަށް ވިދާޅުވީ މަސައްކަތް ކުރިޔަށް މިދާ ރޭޓަށް ބަލާއިރު ރަމަޟާންމަހުގެ ފުރަތަމަ ދުވަހު މިސްކިތުގައި ނަމާދުކުރަން ފެށޭނެކަމަށެވެ.

“ވަރަށް ބާރަށް އިނގޭތޯ މަސައްކަތް އެދަނީ. އަޅުގަނޑުމެންނަށް ޔަގީންކަމާއެކު ދަންނަވަންކެރޭ މިހާރު މަސައްކަތް ދާ ސްޕީޑުގައި ދަންޏާ އޭޕްރީލް ފަހުކޮޅު މުޅިން މަސައްކަތް ނިންމާނެ. ރޯދަމަހުގެ ފުރަތަމަ ދުވަހު މިމިސްކިތުގައި ނަމާދުކުރުން އަމާޒަކީ” ސާލިމް ވިދާޅުވިއެވެ.

ސާލިމް ވިދާޅުވީ މިހާރު އެރަށުގައި ފިރިހެނުން ބޭނުންކުރާ މިސްކިތް ކުޑަވެ، ބޭރުގައި ނަމާދުކުރާކުރުން، ބޮޑު މިސްކިތާއެކު ހައްލުވާނެކަމަށެވެ. އަދި އަންހެނުން ނަމާދުކުރުމަށް ހާއްސަބައެއްވެސް ބޮޑު މިސްކިތުގައި ހުންނާނެކަމަށް ސާލިމް ވިދާޅުވިއެވެ.

“މިހާރު މިވާގޮތަކީ ހުކުރުދުވަސްދުވަހު މިސްކިތުން ބޭރުގައި ނަމާދުކުރަން މިޖެހެނީ. ރޯދަމަހުވެސް އެފަދަ ހާލެއްގައި. އާމިސްކިތުގެ ކެޕޭސިޓީއަކީ ފައްސަތޭކަ ތިރީސް. އެހެންވީމާ އަންހެނުންނަށް ބައެއް ދީގެންވެސް މިސްކިތް މާބޮޑަށްވެސް މިރަށަށް ފުދޭނެ އިނގޭތޯ” އާމިސްކިތް ހުޅުވުމާއެކު ލިބޭނޭފަސޭހަތަށް ސާލިމް އީވީއަށް ވިދާޅުވެދެއްވިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ދިވެހި ސަރުކާރުން އާމިސްކިތް ބިނާކުރުމަށް ހިންގަމުންގެންދާ މަޝްރޫއުގެ ދަށުން ދޮންފަނުގައި މިސްކިތެއް ބިނާކުރުމަށް އެލްއެފް ކޮންސްޓްރަކްޝަންއާ ހަވާލުކުރީ މިދިޔަ އަހަރުގެތެރޭގައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top