އެކްސިޑެންޓެއްގެ ކުރިން ބަންޕަރުތަކުން ރައްޔިތުން ސަލާމަތްކޮށްދެއްވާ!

ހހހ.jpg

ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ބަންޕަރެއްގެ މައްޗަށް އެރި ތަނުން ކައްސާލައިގެން އުމުރުން 29 އަހަރުގެ ޒުވާން އަންހެނަކު ނިޔާވީ އިހަކަށް ދުވަހުއެވެ. ބަންޕަރުގައި ލާފައިހުރި ކުލަ ފަނޑުވެގެން ގޮސް ތާރުގަނޑާ އެއްކުލައެއްގައި ހުރީތީވެ އެކަމަށް ސަމާލުކަން ނުދެވި ބަންޕަރުގައި ޖެހުމާއެކު ކުއްލިއަކަށް ބުރަކީގައި ހިފާލެވިގެންނެވެ.

އޭދަފުށީގެ މަގުތަކުގައި ހަދާފައިވާ ބަންޕަރުތައް ވެސް ހުރީ އެ ހާލަތުގައެވެ. ބަންޕަރު ތަކުގައި ލާފައިވާ ކިލާ ހުދުކުލަ ފަނޑުވެ ފާޑެއްގެ އަޅި ކުލައެއްގައެވެ. ރޭގަނޑު ނަމަ ބަންޕަރު މައްޗަށް އެރުމުން ނޫނީ ނުފެންނާނެއެވެ. ދެން ވާނެ ގޮތަކީ ހުޅުމާލޭގެ އެކްސިޑެންޓުގައި ވީހެން ބަންޕަރާ އަރާ ހަމަވުމުން ކުއްލިއަކަށް ބުރަކީގައި ހިފާލެވިގެން ކައްސާލައިގެން ދާނީއެވެ. ހިތާމަވެރި ހާދިސާއެއް މެދުވެރި ވާނީ އެ ހިސާބުންނެވެ.

މިއީ އެއްގަމު އުޅަނދު ދުއްވާ އެންމެންގެ ވެސް ކަންބޮޑު ވުމެކެވެ. އަވަސް ހައްލެއްް ބޭނުން ވެފައިވާ ކަމެކެވެ. މަގުތަކުގައި ދުއްވާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެކަމަށް ޒިންމާ ވާން ޖެހޭ ފަރާތުން އިހުމާލު ވެއްޖެނަމަ އެތައް ބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ ކަމެކެވެ.

”ހުޅުމާލޭގައި ހިނގާދިޔަ ހާދިސާއަށް ފަހު ހީކުރިން ބަންޕަރު ތަކުގެ ކުލަ އާކުރާނެ ކަމަށް. އެކަމަކު  އެކަމެއް ނުވި. ނަސީބަކުން އަދި އެކްސިޑެންޓެއް ވީކަން އެނގިފައެއްނެތް. ބަންޕަރުގެ ކުލަ ގޮސްފައި ހުރުމުން، ބަންޕަރާ އަރާ ހަމަވުމުން ނޫނީ އެތަން ނުފެންނާތީ ދުއްވާފައިދާ ސްޕީޑްގައި މިއެރެނީ ބަންޕަރަށް. އެއާއެކު މައިބަދައަށް ވެސް އެކަމުގެ އެނގުންވޭ. މިގޮތަށް ކިތައް ފަހަރު ކިތައް މީހުންނަށް މި ލަނޑު ލިބިފައިވާނެބާ؟“އީވީއާ ވާހަކަ ދެއްކި މީހަކު ހިޔާލު ފާޅުކުރިއެވެ.

އޭނާ ބުނީ މަގުތަކުގައި ރޮނގު ދަމާފައިހުރީ ވެސް އަރަތެއްގެ ގޮތުގައި ކަމަށެވެ. މަގު ހުރަސް ކުރާ ރޮގާއި ކައިރީގައި ހުންނަ ބަންޕަރުގައި އަޅާފައިވާ ރޮނގު އެއް ކުލައެއްގައި ހުރުމުން އެގަހު ކޭލެއް މިގަހު ކޭލެއް ވަކި ކުރަން ނޭނގޭ ކަމަށް ބުނެ އޭނާ ޝަކުވާ ކުރިއެެވެ.

”އޭދަފުށީގެ މަގުތަކުގެ ބަންޕަރުތައް މިހާރު ހުރީ ވަރަށް ނުރައްކާތެރި ހާލަތެއްގައި. އެއްރެއަކު އާދައިގެ ވަރަކަށް ދުއްވާފަ ދަނިކޮށް ކުއްލިއަކަށް ބަންޕަރަކަށް އެރުނީ ނޭނގިގެން. އެއާއެކު ބުރަކައްޓަށް އެރި ތަދު އަދިވެސް މިއުޅެނީ ނުފިލައިގެން.”

މިއީ އެންމެ ދެމީހެއްގެ ވާހަކަ އެވެ. ކުޑަ މިންވަރެކެވެ. މިގޮތަށް ނޭނގިގެން ބަންޕަރަށް އެރިގެން ބުރަކައްޓަށް ތަދުވެފައި އެތައް ބަޔަކު ތިބޭނެ ކަމަށް އޭނާ ލަފާކުރިއެވެ.

”ބައެއް ފަހަރަށް ބަންޕަރަށް އެރުމުން އެނގެނީ ބަންޕަރެއްކަން. ކިތަންމެ މަޑުން ދިޔަޔަސް. އާދައިގެ ވަރަކަށް ދުއްވާފަ ދިޔަޔަސް ކުއްލިއަކަށް ބުރަކި ޖައްސަން މި ޖެހެނީ“ އޭނާ އިތުރަށް ކިޔައިދިނެވެ.

މަގުތަކުގެ ހާލަތު މިހެން ހުރިއިރު މިކަމުގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބާ ހެއްޔެވެ؟

ރަށު ކައުންސިލުން ބުނީ އެއީ އެ ކައުންސިލާ ބެހޭކަމެއް ނޫން ކަމަށެެވެ. އޭދަފުށީގެ މަގުތަކުގައި ތާރު އަޅާފައިވަނީ އެމްޓީސީސީ އިންނެވެ.

”މަގުތަކުގެ މަސައްކަތް ނިންމާފައި އަދި ކައުންސިލާ ހަވާލެއް ނުކުރޭ. މަގުތަކުގެ ނުނިމި ހުރި ނުވަތަ ފުރިހަމަ ކުރަންޖެހޭ 24 ކަމެއް އަޅުގަނޑުމެން ވާނީ އެމްޓީސީސީ އަށް ދަންނަވާފައި.“ އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގުތަކުގެ މައްސަލައިގާ އެތައް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާ އެންމެ ފަހުން މިއަދުވެސް އެމްޓީސީސީއަށް ސިޓީއެއް ފޮނުވާފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް އެންމެ ސިޓީއެއްގެ ޖަވާބުވެސް ނުފޮނުވާ ކަމަށެވެ.

“އެންމެ ހަފްތާއެއްވެސް ނުދާނެ އެމްޓީސީސީ އާ ވާހަކަ ނުދައްކާ، މިހަފްތާގައި މީހުން އެބަ ފޮނުވަމޭ ނިކަން ފަސޭހައިން ވިދާޅުވާނެ. އެކަމަކު އެ ވިދާޅުވާ ބަޔަކު މިރަށަކަށް ނާދޭ.“

ރަށު ކައުންސިލުގެ ވާހަކައަކީ މިއީއެވެ.

އަޅުގަނޑުގެ ވާހަކައަކީ ރަށު ކައުންސިލުން އެމްޓީސީސީ އާ ވާހަކަ ދައްކައިގެން ކުރިއެރުމެއް ނުލިބުނު ކަމަށްވާ ނަމަ ދެވަނަ ވިސްނުމަކަށް ދާންޖެހޭނެ އެވެ. އެމްޓީސީސީއާ މަސައްކަތް ހަވާލު ކުރި މުވައްސަސާ ހުންނާނެއެވެ. އެއަށްވުރެ މަތީ ފަރާތްތަކުގައި ދަންނަވައިގެން ވިޔަސް މެއެެވެ. އެކަން އެމަގަށް ހިނގާނީ ހުޅުމާލޭގައި ދިމާވިފަދަ އެކްސިޑެންޓެއް ދިމާވެ މީހެއްގެ ފުރާނަ ދިއުމުން ހެއްޔެވެ. އެހާލަތަށް ދިއުމުގެ ކުރިން މިކަން ހައްލު ކޮށްދިނުމަކީ އޭދަފުށީ ކައުންސިލުގެ ޒިންމާއެކެވެ. ރައްޔިތުންގެ ބަދަލުވެރިޔާ ކަމަށް ވާތީއެވެ. ސިޓީ ފޮނުވައިފީމޭ އަޅައެއް ނުލިޔޭ ޖަވާބެއް ނުލިބުނޭ ވިދާޅުވެ ދުވަސްތައް ބޭކާރު ކޮށްލުމަކީ ޒިންމާދާރު ކައުންސިލެއްގެ ސިފައެއް ނޫނެވެ.

ކުރިއަށް އޮތީ ރޯދަމަހެވެ. ޒުވާނުންނާއި ޅަދަރި މައިންނާއި ބަފައިން، ދަރިން ސައިކަލުގެ ފަހަތަށް އަރުވައިގެން ހަވީރު ބުރު ޖަހަން ދިއުމަކީ ރޯދަމަހުގެ އާދައެކެވެ. އެކަމަކު މަގުތަކުގެ ބަންޕަރުތައް މި ހާލުގައި ހުރިއިރު އަމާންކަމެއް ނެތްކަން ހަނދާން ކުރައްވާށެވެ. ޚާއްސަކޮށް ޒުވާނުން ހަވީރުގެ ސައިކަލް ބުރުގައި ވައިރޯޅިއާ ވާހަކަ ގޮވަަމުން ދާއިރު ”ލަނޑެއް“ލިބުމަކީ ހަމަ ވަރަށް ގާތް ކަމެކެވެ.

ބަންޕަރުތައް މިހެން ހުރިއިރު ރަށު ކައުންސިލުން އެކަން އެމްޓީސީސީގެ ބޮލަށް ކަނޑާލިޔަސް މަގުތައް މިހެން ހުރުމުން ރައްޔިތަކަށް ކިތަންމެ ކުޑަ ނުވަތަ ބޮޑުގެއްލުމެއް ލިބުނަސް އެކަމުގެ ޒިންމާ ރައްޔިތުން އަޅުވާނީ ރަށު ކައުންސިލުގެ ބޮލުގައެވެ. އެކަން ހަނދާން ކުރައްވާށެވެ!

 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު