“ފުނަ”އިން ވަފާ ވަކިވުން – ރަނގަޅު ނިންމުމެއްބާ؟

ވަފާޖަމްއިއްޔާގެ ހުށަހެޅުމެއް އަޟްހާއީދު 1437

ވަފާޖަމްއިއްޔާގެ ހުށަހެޅުމެއް އަޟްހާއީދު 1437

ނޯޓް: މިއީ ކިއުންތެރިއަކު އީވީގައި ޝާއިއު ކޮށްދިނުމަށްއެދި ފޮނުވާފައިވާ ލިއުމެކެވެ.

 

މިނިވަން ފަންސާހާއި ގުޅިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފުނަ ހަރަކާތް ބާއްވަމުން އަންނަކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެގެއެވެ. “އެހެންވެއްޖިއްޔާ ވަފާ ޖަމްއިއްޔާއިން އެހަރަކާތުގައި ބައިވެރިނުވުމަކީ ސަރުކާރަށް ގޮންޖެހުންނޫން ހެއްޔެވެ؟” ހުޅަނގު އަވަށުގެ ވަރަށް ގަދަރުވެރި ބޭފޫޅަކު ވިދާޅުވިއެވެ.

އެންމެންނަށްވެސް އެނގިފައި އޮތީ ފުނަ ހަރަކާތުގައި ވަފާ ބައިވެރިނުވީ އެޖަމްއިއްޔާގެ އިދާރާ ކައިރީގައި ފުނަ ނުބޭއްވުމުންނެވެ. އެމީހުން ބޭނުންގޮތަކަށް ފުނަ ކުރިޔަށްގެންދަން ރަށުކައުންސިލުން ކުރިން އެއްބަސްވެ އެކަމަށް އެއްވެސް އަމަލީ ސިފައެއް ނުގެނެވުނީމައެވެ. ވަފާ ޖަމްއިއްޔާއިން ރަށު ކައުންސިލާއެކު ފުނަ ބާއްވާނެ ސަރަހައްދެއް އަމިއްލަ އަމިއްލައަށް ކަނޑައެޅިކަމަށް ވަފާއިން ރަށުކައުންސިލަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިހަރަކާތުގެ އިސްފަރާތްކަމުގައިވާ އަތޮޅު ކައުންސިލުން ބުނަނީ އެކަން ކަނޑައެޅުމަކީ އަތޮޅު ކައުންސިލްގެ ޒިންމާއެއްކަމުގައެވެ. ރަށުކައުންސިލާ އެޒިންމާ ހަވާލުކުރެވިފައި ނުވާނެކަމުގައެވެ. ނަމަވެސް ރަށުކައުންސިލުން މިކަމާ ދެކޮޅެވެ. ބޮޑުމަނަޒަރު ފެންނަންފެށީ މިހިސާބުންނެވެ.

ކޮންމެއަކަސް ފުނަ ހަރަކާތް އޭދަފުށީގައި ބާއްވާ ނިމިއްޖެއެވެ. ސުވާލަކީ ވަފާ މިހަރަކާތުން ވަކިވީ ޖަމިއްޔާގެ މެމްބަރުން މިކަމަށް ރުހިގެންތޯއެވެ؟ ނުވަތަ މިވަރުގެ ގައުމީ ކަމެއްގައި ނޫނެކޭ ބުނީ އާއްމު މެންބަރުންގެ ރުހުންލިބިގެންބާއެވެ. ނޫނެކެވެ. އެކަން އެއަވަށުގެ ވަރަށް ގިނަ ބަޔަކު ކުއްވެރިކުރެއެވެ. “އަޅުގަނޑު ހަމަ ވަރަށް ހައިރާންވެފައި މިހުންނަނީ ސަރުކާރުން ކުރާ ކަމެއްގަ ސަރުކާރުން ރަޖިސްޓްރީވެފައިވާ ޖަމްއިއްޔާއަކުން ބައިވެރިނުވީތީ. މިއީ ޖަމްއިއްޔާގެ ނުފޫޒުގަދަ ބަޔަކު ރާވައިގެން ކުރި ކަމެކޭ އަޅުގަނޑު ދަންނަވާނީ. ކޮންމެ ބަޔަކު މިކަމާ ދެކޮޅު ހެދިޔަސް މިއީ ވަފާއިން ސަރުކާރަށް ކުރި ޖެއްސުމެއް. ޗެލެންޖެއް. މީގައި ބަޔަކު އަމިއްލަ އެދުން އިސްކޮށްފައިވޭ” ކުރިން ވާހަކަދެއްކެވި ދައުލަތަށް ގިނަދުވަހު ހިދްމަތްކުރައްވާފައިވާ ވަފާ ޖަމްއިއްޔާގެ އިސްބޭފުޅާ ވިދާޅުވިއެވެ.

ވަފާ ޖަމްއިއްޔާގެ ހަރަކާތްތަކުގައި ކުރިން އިސްކޮށް އުޅުއްވި އެހެންބޭފުޅަކު ވިދާޅުވީ ވަފާގެ ތެރޭގައި އަމިއްލަ އެޖެންޑާއެއް ގެންގުޅޭ ނުފޫޒުގަދަ އަތްތަކެއް އުޅޭ ކަމަށާ، އަވަށުގައި ބައިބައިވުން އުފެދޭ ކޮންމެ ފަހަރަކު އެމީހުންގެ ދައުރު ބޮޑުވާކަމަށެވެ. “ދިމާވާ މައްސަލައަކީ މަށަކީ އެންމެމޮޅު މީހާ. އޭނާއަށްވުރެ މޮޅު މީހަކު ނުހުރޭ. މިވަރަށް ބުނީމަ އެންމެނަށްވެސް އެނގޭނެ. އަމިއްލަ އެދުން ބޮޑުވަނީ. ޖަމްއިއްޔާގެ ކުރީގެ އިސްބަޔަކު ޖަމްއިއްޔާގެ ހިންގާ ކޮމެޓީއަށް އަދިވެސް ބޮޑު ނުފޫޒު ފޯރުވާ. ގައުމީ ކަންކަމުގައި އިސްކުރަންޖެހޭނީ ގައުމީ ރޫހު. މާބޮޑަށް އަމިއްލައެދުން އިސްކުރުމުގެ ނަތީޖާ ފެނިގެން މިދިޔައީ” އޭނާ ވިދާޅުވިއެވެ.

މާއްޑޫ އަވަށުގެ އާންމު ގިނަބަޔަކު ފުނަ ހަރަކާތަށް ވަރަށް ބޮޑަށް ތާއީދުކުރިއެވެ. އެކަން ފާހަގަކުރެވުނީ އެހަރަކާތަށް ތައްޔާރުވަމުންދިޔައިރު އެސަރަހައްދަށް ހުޅަނގު އަވަށު މީހުން އިސްވެ ތިބެގެން ސަޔާއި، ޖޫންފަދަތަކެތި ގެންގޮސް، އެކަމަށް ސަޕޯޓްދީފައިވާތީއެވެ. ބައެއް މީހުން ސީދާ ފުނަ ހަރަކާތުގައި ސަގާފީ ހެދުމާއެކު އަމިއްލައަށް ބައިވެރިވެސް ވިއެވެ.

“މީ ގައުމީ ކަމެއް. ވަފާ ޖަމްއިއްޔާއަކީ ކޮންމެ ކަމަކުވެސް ދެކޮޅުހަދާ ބައެއް. ވަރަށް ފޫހިވެއްޖެ މިފަހަރު ހެދިގޮތުން. އަހަރެމެންނަށް ކުޅިވަރުތަކުގައިވެސް ބައިވެރިނުވެވުނީ. އެންމެންގެވެސް ރަށްމީ. ވަކިތާކު ކޮންމެހެން ބާއްވާކަށް ނުޖެހޭދޯ” ފުނައަށް ވަފާ ޖަމްއިއްޔާއިން ކުޅިވަރު ހުށައަޅައިދޭން ތައްޔާރުވި ޒުވާން އަންހެންކުއްޖަކު ބުންޏެވެ.

ފަހަކަށްއައިސް އޭދަފުށީގައި ބާއްވާ ގައުމީ އަދި ރަށުފެންވަރުގެ ހަރަކާތްތަކުގައި ވަފާ އެކަހެރިވާތަން ފެންނަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. 2014 ވަނަ އަހަރު ޖަމްއިއްޔާތައް ގުޅިގެން އީދުކުޅިވަރު އޭދަފުށީގައި ކުރިޔަށް ގެންދިއުމަށް އޭދަފުށީ ކައުންސިލުން ވަފާ ޖަމްއިއްޔާގައި ދެންނެވުމުން އެސިޓީ ވަށިގަނޑަށްލީއެވެ. އަދި މިއަހަރު ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް އޭދަފުށީ ކައުންސިލުން ހިންގި ހަރަކާތްތަކުގައިވެސް ވަފާޖަމްއިއްޔާއިން ކޮޅުފައިންޖެހިއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު