އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ދުނިޔޭގެ ރީތީގެ މުބާރާތުން އެއްވަނަ ޕޯޓޮރިކާގެ ސްޓެފަނީ ޑެލްވެލޭ ހޯދައިފިއެވެ.
ލޯއެންޑް ކޮމިއުނިކޭޝަން ގެ ރޮނގުން ކިޔަވަމުން އަންނަ އުމުރުން 19 އަހަރުގެ ސްޓެފަނީގެ ބޮލުގައި ރާނީގެ ތާޖު އަޅުވައިދިނީ 2015ގެ ރީތީގެ ރާނީ ސްޕެއިންގެ މާރިޔާ ލަލަގުނާއެވެ. މި ރަސްމިއްޔާތު އޮތީ އެމެރިކާގެ މޭރީލޭންޑްގެ އެމްޖީއެމް ނެޝަނަލް ހާބަރގައި ޑިސެމްބަރ 18ވަނަ ދުވަހުއެވެ.
ސްޓެފަނީ ބުނީ ރީތީގެ ރާނީގެ ތާޖާއެކު އަމިއްލަ ގައުމަށް ރީތި ނަން ހޯދައިދެވުން އެއީ ލިބުނު ޝަރަފަކާއި ފަޚުރެއްގެ އިތުރުން ކޮނޑުގައި އެޅުނު ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ.
މުބާރާތުގެ ދެވަނަ ކާމިޔާބުކުރީ ޑޮމިނިކަން ރެޕަބްލިކްގެ ރީތީގެ ރާނީއެވެ. ތިން ވަނަ ލިބުނީ އިންޑޮނޭޝިޔާގެ ރީތީގެ ރާނީ ނަތާޝާ މެނުއެލާ އަށެވެ. މުބާރާތުގެ ގަދަ ފަހެއްގައި ދެން ހިމެނުނީ ކެންޔާގެ ރީތީގެ ރާނީ އާއި ފިލިޕީންސްގެ ރީތީގެ ރާނީ އެވެ.
މިސްވޯލްޑް ކޮންޓެސްޓަކީ އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ. މިސްވޯލްޑް ނުވަތަ ދުނިޔޭގެ ރީތީގެ ރާނީއަކަށް ހޮވޭ ކުއްޖަކީ ހަމައެކަނި ބޭރު ފުށުގެ ރީތިކަމަށް ބަލައިގެން ހޮވާ ވަނައެއް ނޫނެވެ. އޭނާގެ ހުނަރާ ވިސްނުމުގެ ތޫނުކަމާ ހިލޭ ސާބަހަށް ކުރާ މަސައްކަތާއި މީޑިއާގެ ސުއާލުތަކަށް ޖަވާބު ދޭ ގޮތާއި ހޭލުންތެރިކަމަށްވެސް ބަލައެވެ.
މި ދެންނެވި ކަންތައް ތަކަށް ބަލައިގެން މުބާރާތުގެ ގަދަ ފަހަކަށް ހޮވޭ ފަސްކުދިންނަށް ފަނޑިޔާރުން ހުށަހަޅާ ފަސް ސުވާލަށް ޖަވާބު ދޭން ޖެހެއެވެ.
މި ފަސްސުވާލުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ސުވާލަކީ ދުނިޔެއިން ކޮންމެވެސް ކަމެއް ބަދަލު ކޮށްލުމުގެ ފުރުސަތު ލިބިއްޖެނަމަ ބަދަލުކުރާނީ ކޮން ކަމެއް ހެއްޔެވެ؟
މިސުވާލަށް ޖަވާބު ދެމުން ސްޓެފީ ބުނީ އެފުރުސަތު ލިބިއްޖެނަމަ އޭނާ ބަލާނީ އެއްވެސް މީހަކު ބާކީ ނުކޮށް އެންމެންވެސް އެމީހެއްގެ ގޮތުގައި ގަބޫލު ކުރުމުގެ މުހިއްމުކަން އެހެންމީހުންނަށް އަންގައިދިނުމަށް ކަމުގައެވެ. ހަމައެއާއެކު އެކަކު އަނެކަކަށް ލިބެންޖެހޭ ހައްގުތައް ލިއްބައިދިނުމުގެ މުހިއްމުކަން އަންގައިދިނުމަށާއި އެހީއަށް ބޭނުންވެފައިޥާ މީހުންނަށް ވީވަރަކުން އެހީވެދިނުމަށެވެ.
ސްޓެފީގެ ޖަވާބު ސަޅިއެއް ނޫން ހެއްޔެވެ؟