ބ. އޭދަފުށީގައި ހުރި ސަރުކާރު އިދާރާތަކުގެ އިސްވެރިންނަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އެވުޒާރާގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދީފިއެވެ.
މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުނީ އޭދަފުށީ ކައުންސިލް އިދާރާގައެވެ. މި ބައްދަލުވުމުގައި ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮގްރާމާ ގުޅޭ މައުލޫމާތުގެ އިތުރުން “ހާލު ކިހިނެއް؟” އަދި ”ކޮންމެ ކުއްޖަކަށް އާއިލާއެއް“ ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތުވެސް ބައިވެރިންނާ ހިއްސާ ކުރެވުނެވެ.
މި ބައްދަލުވުމުގެ މަގުސަދަކީ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ހޭލުންތެރިކުރުވައި، އެ އިދާރާތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކުރުން ކަމަށް އެވުޒާރާއިން ބުންޏެވެ.
މުސްތަގުބަލުގައި މިފަދަ ބައްދަލުވުންތައް އިތުރަށް ބޭއްވުމަށް ރޭވިފައިވާކަމަށްވެސް ވުޒާރާއިން ބުނެއެވެ.