އަޑުފޮށި: ވިލަރެސް ކޮމެޓީއަށް 22 ދުވަސް. އޭދަފުށިން ގޯތި ދޫކުރަން ހުޅުވާލުން ލަސްވަނީ ކީއްވެ؟

Doc1-800x491-800x491-1.jpg

ނޯޓް :”އަޑުފޮށި މި ސެގްމަންޓަކީ ބ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޖަވާބު ލިބުން ބޭނުންވާ ސުވާލުތަކެއް ހުށަހަޅާލުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސެގްމެންޓެކެވެ. ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރަމުން ގެންދާ ކަމަކަާ ބެހޭ ގޮތުން ކަމަށް ވިޔަސް އެއީ ރައްޔިތުންނާ ގުޅުން ހުރި ކަމެއްކަމުގައިވާނަމަ އެކަމުގެ މައުލޫމާތު މި ސަފްހާ މެދުވެރިކޮށް ހިއްސާ ކުރާނަމުއެވެ.

މިފަހަރުގެ ސުވާލު އަމާޒުކުރެވިފައިވަނީ އޭދަފުށިން ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށެވެ. އޭދަފުށިން ގޯތިދޫކުރުން އިއްލާނު ކުރުން ލަސްވަމުންދަނީ ވިލަރެސް ކުރާ ކޮމެޓި އެކުލަވާ ނުލެވިގެންކަމަށް މިދިޔަމަހު އޭދަފުށީ ކައުންސިލުން ބުންޏެވެ. އަދި އޮކްޓޯބަރ 31 ވަނަ ދުވަހު ކޮމެޓީ އެކުލަވާލައި، ކޮމެޓީގެއާއެކު ކައުންސިލުން ފުރަތަމަ ބައްދަލުވުންވެސް މިމަހުގެ ކުރީކޮޅު ބާއްވާފައިވާކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލުން އޭރުބުނީ އާންމުންގެ ހިޔާލު ހޯދުމަށް ވަރަށް އަވަހަށް ބައްދަލުންތަކެއް ބާއްވަން ވިސްނަމުން އަންނަ ކަމަށެވެ.

ސުވާލު: އޭދަފުށިން ގޯތިދޫކުރުމުގެ ކަންކަން ވިލަރެސް ކުރާ ކޮމެޓީ އެކުލަވާލެވި 22 ދުވަސް ވޭތުވެގެންދިޔައިރުވެސް ގޯއްޗަށް އެދި ފުރުސަތު ހުޅުވާލެވިފައިނުވެއެވެ. ކައުންސިލާއި، ތިޔަކޮމެޓީ މެދުވެރިވެގެން މިހާރު ކުރެވެމުންދަނީ ކޮން މަސައްކަތެއްތޯ؟ ގޯއްޗަށް އެދި ފުރުސަތު ހުޅުވާލަން އަދި ކިހާދުވަހެއް ވާނެތޯ؟

ޖަވާބު: ކޮމެޓީގެ މެމްބަރ ރިފާއު ޔޫސުފް: ކޮމެޓީ އުފެދުނު ފަހުން ދުވަސްތަކެއް ވެއްޖެ. ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުން ނިންމީ ގޯތި ދިނުމާ ބެހޭގޮތުން މިހާރު ހަދާފައިވާ ގަވާއިދަށް އިތުރު އިސްލާހެއް ގެންނަން އޮތްތޯ ރައްޔިތުންގެ ހިޔާލުހޯދަން. މިދިޔަ ބުރާސްފަތިދުވަހު ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު މިހޯދީ. ފެށޭ ހަފްތާ ކޮމެޓީގެ އިތުރު ބައްދަލުވުމެއް އޮންނާނެ. ބައްދަލުވުމުގައި ގަވާއިދަށް ބަދަލެއް ގެންނަށް ހައުސިން މިނިސްޓްރީއަށް ދެންނެވުމާ ބެހޭ ގޮތުން ވަކިގޮތަކަށް ނިމޭނެ. ބަދަލު ނުގެންނަންޏާ އަވަހަށް އިއުލާން ކުރަންވީ. ބަދަލުގެންނަންޏާ އަދިވެސް ލަސްވާނެ. އަޅުގަނޑުވެސް ގަބޫލުކުރަން ރައްޔިތުންނަށް ވަރަށްބޮޑަށް ލަސްވެފައި އޮތް މައްސަލައެއްކަމަށް ގޯތި ދިނުމުގެ މައްސަލައަކީ. އަދި ކޮމެޓީ މަސައްކަތްވެސް އެންމެ ބާރު ސްޕީޑުގައެއް ނުހިނގާ. ކައުންސިލުން މިއަށްވުރެ ބާރަށް ގެންދަން ބޭނުމިއްޔާ، ކޮމެޓީ އޮންނާނީ ތައްޔާރަށް.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top