އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ބ. ދަރަވަންދޫ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް ތަރައްގީކުރުމަށް ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ނިޒާމު ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އުމްރާނީ ތަރައްގީ ގެނައުމަށް ކުރިއަށްގެންދާ މި މަޝްރޫއު ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގެ ދަށުން މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއީ ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ކުންފުނިތަކުގެ އިންވެސްޓްމަންޓާއެކު އަވަސް ދުވެއްޔެއްގައި މަޝްރޫއުތައް ނިންމުމަށް މަގުފަހިކޮށްދޭނެ ނިޒާމެކެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ.
އައިލެންޑް އޭވިއޭޝަނުން ނެރެފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، ޕްރޮޕޯސަލްތައް ބަލައިގަންނާނީ ހަމައެކަނި ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުންނެވެ.
ދަރަވަންދޫ އެއާޕޯޓަކީ 2012 ވަނަ އަހަރު ހުޅުވި، ރާއްޖޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް އެތެރޭގެ ވައިގެ ބަނދަރެވެ. މި އެއާޕޯޓުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް އަށަކަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކުރެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދަރަވަންދޫ އެއާޕޯޓު ހުޅުވިފަހުން މިހާތަނަށް 42،000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށް، 1.8 މިލިއަން ފަސިންޖަރުންނަށް ވަނީ ޚިދުމަތްދީފައެވެ. މީގެ ތެރެއިން 72 އިންސައްތަ ފަސިންޖަރުންނަކީ ބައިނަލްއަގުވާމީ ފަތުރުވެރިންނެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން ވަނީ މި އެއާޕޯޓު ހިންގުން ރަސްމީކޮށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައެވެ. ކުރިން އިއުލާން ކޮށްފައިވާ ގޮތަށް ބަލާއިރު އައު ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި 959 އަކަމީޓަރުގެ ޓާމިނަލް 1،874 އަކަމީޓަރަށް ބޮޑުކުރެވިގެންދާނެއެވެ. މީގެ ސަބަބުން ގަޑިއިރެއްގެ ތެރޭގައި ހިދުމަތްދެވޭ ފަސިންޖަރުންގެ އަދަދު 80 އިން 175 އަށް އިތުރުވެގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.
ބ. އަތޮޅަކީ 16 ރިސޯޓާއި 79 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގަމުން އަންނަ، ފަތުރުވެރިކަމުގެ މުހިންމު މަންޒިލަކަށްވާއިރު، އެ އެއާޕޯޓުގެ ޖާގަ ބޮޑުކޮށް ޚިދުމަތްތައް ޒަމާނީކުރުމަކީ ސަރަހައްދުގެ އިގުތިސާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެކެވެ. އައު ޓާމިނަލްގައި ޒަމާނީ ޗެކިން ކައުންޓަރުތަކާއި، ބެގޭޖް ކޮންވެޔާ ބެލްޓް ސިސްޓަމެއްގެ އިތުރުން 75 މީހުންގެ ޖާގައިގެ އެގްޒެކެޓިވް ލައުންޖެއް ހެދުމަށް ވަނީ ނިންމާފައެވެ.







