ހަގު އުމުރުގައި ކުޅިވަރުގެ ދާއިރާއިން އެތުލީޓުން އުފެއްދުމަށާއި ކުޑަކުދިންގެ ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ”ސްކޫލް ސްޕޯޓްސް ސިސްޓަމް“ ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ، މިއަހަރުގެ ކުރީކޮޅު ބޭރުގެ މާހިރުން ގެނެސް ސްޓޭކްހޯލްޑަރުންނާއި، ކުޅިވަރުގެ ދާއިރާއިން އެކި މުއައްސަސާތަކާއި އެސޯސިއޭޝަންތަކުގެ އިތުރުން މިނިސްޓްރީ ތަކާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށް ދިރާސާ ކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތުން އެނގުނީ ކުދިން ހެލިފެލިވެ އުޅުމާއި، ކުޅިވަރު ކުޅުމަށްޓަކައި އެޑިއުކޭޝަން ސިސްޓަމެއް ގާއިމުކުރުމުގެ މުހިންމުކަން ކަމަށް ރާފިއު ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީއާ ދެމެދު ވެސް ވާހަކަތަކެއް ދެކެވުނު ކަމަށް ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ އެޓާނީ ޖެނެރަލް (އޭޖީ) އަށް މިހާރު ހުށަހަޅާފައިވާ ކުޅިވަރުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލް ތަންފީޒު ކުރަން ފެށުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ސިސްޓަމް ގާއިމްކުރެވޭނެ ކަމަށެވެ.
ހަމައެއާއެކު ސްކޫލްތަކުގެ ޕްރެކްޓިކަލް އެކްސަސައިޒް (ޕީއީ) ޓީޗަރުންނާއި ސްޕޯޓްސް ކައުންސިލަރުން ވެސް ތަމްރީނުކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުން ވަނީ އެކަމަށް އެފަރާތްތައް ތަމްރީނު ކުރާނެ ބަޖެޓު ވެސް ހަމަޖައްސާފައިކަމަށް ވިދާޅުވިއެވެ.