އޭދަފުށީގެ ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކާފައި އެއޮތީ އެހެން އެއްވެސް ބޭނުމަކު ނޫނެވެ. ގެދޮރުގެ ދަތިކަން އިންތިހާއަަށް ބޮޑުވެފައިވާ އޭދަފުށީގެ ރައްޔިތުންނަށް ގޯތި ދޭށެވެ. އޭގެ ފަހުން 11 އަހަރު ވަނީއެވެ. ބިލިއަނުން ހަރަދުކޮށްގެން ހިއްކާފައިވާ އެބިން އަދިވެސް އެއޮތީ ވިނަފަޅަން ދޫކޮށްލާފައެވެ. ބުޅާ ތެތް މަސްގަނޑަށް ބަލާހެން އަމިއްލަ ރަށުގައި ރެފިއުޖީންގެ ގޮތުގައި ތިބި އެތައް ބަޔަކު އެބިމަށް ދަހިވެތިކަމާއެކު ކަޅިއަޅައަޅާ އެބަތިއްބެވެ.
ގޯތިދޭން ރަށު ކައުންސިލުން މަސައްކަތްތަކެއް ކޮށްފި އެވެ. ރައްޔިތުން އުޅޭ ހާލު އެންމެ ގާތުން ފެންނާނީ ރަށު ކައުންސިލަށް ތާއެވެ. ސަރުކާރަށް އެބިން ފެންނާނީ ހަމައެކަނި މަންޒަރެއްގެ ގޮތަށެވެ. އެމަންޒަރު ފެންނަނީ 25 އޭކަރުގެ ބޮޑުބިމެއްގައި މީހުން އާބާދު ކުރުމުގެ ކުރިން ސަރުކާރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ޚިދުމަތްތަކަށް ކުރަން ޖެހޭ ބޮޑު ޚަރަދު ތަކަކާއި އެކުގައެވެ. މި ބިމުގެ ބޭނުން ސަރުކާރުން ހިފަނީ އިންތިޚާބެއް ކައިރިވުމުންނެވެ. އެކަން ރައްޔިތުންނަށް އެންގުމަށް ޖަހާ ހަވަރު ބެރެއްގެ ގޮތަށް ގޯތި ދޭ ވާހަކަ އަޑުގަދަކޮށް ދެކެވެއެވެ. އިންތިޚާބު ނިމުމާއެކު އެއަޑުމަޑުވެ އަނެއްކާވެސް ކުރިން އޮތް ހާލަތަށެވެ.
ރައީސް ޔާމީން ވެރިކަން ނިމިގެން ދިޔައީ ރައްޔިތުންނަށް އެ ހުވަފެން ދައްކަމުންނެވެ. ރައީސް ސޯލިހު ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަން އޭދަފުއްޓަށް ވަޑައިގެން ވޯޓަށް އެއްލެވި އެންގަނޑަކީވެސް އެއީއެވެ. ތިމަން މަނިކުފާނު ވެރިކަމަށް ވަޑައިގެން ލަސްވެގެން ހަމަސްދުވަހުގެ ތެރޭގައި ހިއްކި ބިމުންގޯތި ދެއްވާނެ ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވި އެވެ. އެންމެ ފަހުން ޑރ.މުއިއްޒު، ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށާއި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ އަރިހުން އެދިވަޑައިގަތުމަށް ކުޅުއްވި ކާޑަކީވެސް އެއީއެވެ.
ސުވާލަކީ ދިވެހި ރައްޔިތެއް ވިއްޔާ އެމީހާއަށް އެންމެ ކުޑަމިނުން ހިންދީ ބަހުގައި އެބުނާ ”ރޯޓީ ކަޕްޅާ އައުރު މަކާން“ ދޭން ނުޖެހޭ ހެއްޔެވެ. ސުވާލަކީ ގޯތީގެ ދަޅަ ދައްކައިގެން ރައްޔިތުންގެ އިހްސާސްތަކާ ކުޅެން ރައްޔިތުންގެ ސަރުކާރަކުން އަދިވެސް ކިތައް އަހަރު ނަގާނެ ހެއްޔެވެ. ގޯތި ބޭނުންވާ އެތައް ބަޔަކު އެހައްގުން މަހުރޫމު ކުރާއިރު އެޒިންމާ ނަގާނީ ކާކު ހެއްޔެވެ. ގާނޫނު ލާޒިމްކުރާ އަސާސީ ހައްގެއް ނިގުޅައިގަންނައިރު އެހައްގު ހޯދަން ދާނީ ކޮންތާކަށް ހެއްޔެވެ.
އެއްވެސް ސަރުކާރެއްގައި ނުދައްކަވާ އޮތް ވާހަކައަކީ އެހެން އޮތް ހުސް ބިމެއްގައި ގޯތި ދިނުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ނިޒާމްތަކުގެ ވާހަކަ އެވެ. އަހަރެމެންނަށް ބުނެނުދީ އޮތީ ބިމެއް އަދި ހިއްކާފައި ދެއްކިޔަސް އެއީ ގޯތިދޭން ތައްރާވުން ނޫން ކަމެވެ. ފެނާ ނަރުދަމާ އާއި ކަރަންޓު ވިއުގަ ފުރިހަމަ ނުކޮށް ގޯތި ދީގެން ދެން ނުކުންނާނެ މައްސަލަ ތަކުގެ ވާހަކަ އެވެ. ސަރުކާރުން ގައިގާދުރު ކިޔާފައި އެކަން ކަނޑާލަނީ ކައުންސިލު ތަކުގެ ބޮލަށެވެ. ކައުންސިލުގެ އިހުތިސާސް ތެރޭގައި އޮތް ބިމަކުން ކައުންސިލު ބޭނުންވީމާ ގޯތި ނުދެވޭންވީ ކީއްވެގެންހޭ ބުނާކަހަލައެވެ.
ހިއްކި ބިމުން ގޯތިދޭން ބޭނުންވާނަމަ 10 އަހަރު ވެގެންދާއިރު ހުންނާނީ މަގުތައް ހެދި ފެނާއި ނަރުދަމާ އާއި ކަރަންޓު ވިިއުގަ ގާއިމު ކުރެވިފައެވެ. މަގުތައް ފާހަގަކޮށް ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލައި ނިމިފައެވެ. މާލޭ ރައްޔިތުންނަށް ހުޅުމާލެއިން ހިއްކި ބިންތަކުން ގޯތި ދީފައިވަނީ ވެސް މިއަސާސްތައް ފުރިހަމަ ކޮށްފައެއް ނޫންތޯއެވެ. އެއީވެސް އަދި މިއީވެސް ދިވެހި ރައްޔިތުންނެވެ. ހަމަ އެގޮތަށް މިރަށުގެ ހިއްކި ބިމުގައި މަގުތަކާއި ގޯޅިތައް ވަކި ހަމައަކުން ތަރުތީބު ކޮށްގެންނޫނީ އެ ސަރަހައްދުގެ ގޯތިތައް ކަނޑައަޅައި، ބިން ދޫކުރެވޭނެ ގޮތެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެ ވާހަކަ ނުވެސް ދައްކަނީ އެވެ. ބަޖެޓް ކޮށްފައެއްވެސް ނެތެވެ. ރަށު ކައުންސިލުން ވެސް ރައްޔިތުންނަށް އޮޅުން ފިލުވައިނުދީ އޮތް ވާހަކައަކީ ވެސް މިއީއެވެ.
އެވާހަކަތައް އޮއްބާލައިގެން ތިބެ ރައްޔިތުންނަށް އަވަހަށް ގޯތި ދެވޭތޯ މަސައްކަތް އެބަ ކުރައްވާކަމަށް ވިދާޅުވަނީ ރައްޔިތުން އަޑުއަހާ ބާވެފައިވާ ވާހަކަ އެކެވެ. އެކަމަކު ރައްޔިތުންގެ ޕްރެޝަރާހުރެ ގޯތިދޭން އަވަސް އަވަސްކުރުމަށް ފޯމްތައް ޗެކް ކުރުމުގެ މަސައްކަތް ކައުންސިލުން ބުނާގޮތުގައި ރޮކެޓް ސްޕީޑްގައި ކުރިއަށް އެބަދެއެވެ. އެކަމަށް ދެން ގިނަ ދުވަސްތަކެއް ނުނަގާނެކަމަށް ވިދާޅުވެއެވެ.
އޭގެ ފަހުން އިން ކަނޑާފައި ގޯތި ދީފާނެއެވެ. އެކަމަކު ކަރަންޓާ ފެނާ ނަރުދަމާއާއި ނުލައި އެތަނުގައި ދިރިއުޅެނީ ކިހިނެއް ހެއްޔެވެ. އިހު މީހުން ފަދައިން ހަޑަސް ބުރީގައި ފާހާނާކޮށް ގިފިލި ވަޅުން ފެންވަރައިގެން ފުޅި ބައްތި ދިއްލައިގެން ހެއްޔެވެ. އެނޫން ގޮޮތަކީ ކޮބައިތޯ އެވެ. ކަރަންޓާ ފެނާ ނަރުދަމާ ނިޒާމް ގާއިމް ކޮށްދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެކެވެ. ގާނޫނު ލާޒިމް ކުރާ ކަމެކެވެ. މިހާރުވެސް ކަންކުރާ ފަދައިންނެވެ. އެނިޒާމްތައް ފުރިހަމަވާން އަދި ކިތައް އަހަރު ބޭނުންވާނެ ބާއެވެ.
އޭދަފުއްޓެކޭ އެއްފަދައިން ރާއްޖޭގެ ކިތަންމެ ރަށެއް ހިއްކާފައި ގޯތި ނުދީ އެތައް އަހަރެއް ވެފައި އެބަހުއްޓެވެ. މައުލޫމާތު ތަކުން އެނގޭ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ބިން ހިއްކުމުގެ 35 އަށްވުރެ ގިނަ މަޝްރޫއު ސަރުކާރުން ހިންގައިފައިވެ އެވެ. ނުވަތަ އެކި ރަށްރަށުން 800 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 2010 އިން ފެށިގެން ވަނީ ހިއްކައިފަ އެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ބިން ހިއްކި ރަށްތަކުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ތަރައްގީ ކޮށްފައިވަނީ ހުޅުމާލެ ފިޔަވައި ހއ. ދިއްދޫގައި އެކަނި ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ދާދި ފަހުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ. އެހެން ރަށްރަށުގައި ގޯތި ދިނުމާއި ބައެއް ކުދިކުދި މަސައްކަތްތަކެއް ހިންގިޔަސް ފެނާއި ނަރުދަމާ އާއި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ރައްޔިތުންނަށް ބޭނުންވެފައިވާ ބޯހިޔާވެހިކަމުގެ މަޝްރޫއެއް އެކަށީގެންވާ ގޮތެއްގައި ހިންގިފައި ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަން އެހެން ދިމާވެފައި އެވަނީ އެއީ ސަރުކާރުން އުފުލަން ޖެހޭ ވަރަށް ބޮޑު ބުރަައަކަށް ވާތީއެވެ. ސަރުކާރުން ބިލިޔަނުން ޚަރަދުކޮށްގެން ހިއްކާފައިވާ ބިމަކުން ގޯތި ދޫކުރާނަމަ އެއަށްވުރެ ކުރިން ފުރިހަމަކުރަން ޖެހޭ އަސާސީ ޚިދުމަތްތަކެއް ވާކަމާއި ދިގު މުއްދަތުގައި ދައުލަތަށާއި ރައްޔިތުންނަށް ވެސް ފައިދާވާނެ ގޮތަކަށް ސަރުކާރުން ވިސްނަވާނެއެވެ.
ބިން ހިއްކަން އެކަނި އެތައް މިލިއަނެއް ޚަރަދުކުރާ އިރު އޭގެ ތެރެއަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ލައިފި ނަމަ އެ މަޝްރޫއަށް ދައުލަތަށް ޚަރަދު ކުރެވޭ ވަރަށްވުރެ މާ އަގު ބޮޑުވާ ކަމަށާއި އެހެންވެ ގިނަ ފަހަރަށް އެކަން ނުވެ ހުންނަނީ އެހެންވެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
”ހިއްކާފައި އޮތް ބިންތަކުން ދޫކުރާ ގޯތިތަކުގައި ދިރިއުޅެވޭ ވަރުވާން އަދި އެތައް އަހަރެއް ނަގާފާނެ. އެކަމަކު އެ ފައިސާ އިން ފްލެޓު އަޅައިގެން ވިޔަސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވިދާނެތޯ ވިސްނަން ޖެހޭ. އެންމެ އަވަހަށް މަންފާ ލިބޭ ގޮތަކަށް އޭގެ ބޭނުން ހިފަން ޖެހޭ،” މިނިސްޓަރު ވިދާޅުވި އެވެ.
އަސްލު މައްސަލަ މިނިސްޓަރު އެވިދާޅުވީއެވެ. ބިމެއް ހިއްކާފައި އޮތަސް އެތަނުގައި އިންސާނުން ދިރިއުޅެވޭ ވަރަށް ކުޑަމިނުން އަސާސީ ޚިދުމަތްތައް ނުވަތަ އިންސާނީ ވަސީލަތްތައް ފުރިހަމަ ނުކޮށް ގޯތި ނުދެވެނީ އެވެ.
އެހެންވީމާ ސަރުކާރުން ރަށެއްގެ ބިން ހިއްކަން ފަށަންވާނީ އެކަމަށް ބަޖެޓް ކުރާއިރު ބިން ހިއްކުމާ އެއްކޮށް އަސާސީ އެހެނިހެން ޚިދުމަތްތަކަށް ވެސް ފައިސާ ހިމަނައިގެންނެވެ.
މި ސަބަބުތަކާހުރެ އޭދަފުށީގެ ހިއްކި ބިމުން ގޯތި ލިބިގެން އެތަނުގައި ދިރިއުޅެން އަހަރުތަކެއް އަދިވެސް ނަގާފާނެ ކަމަށް ބެލެވެއެވެ.
ދެން އޮތީ ބޯހިޔާވަހިކަމުގެ އަވަސް އަދި ކުރު މަގެވެ. ފްލެޓް އެޅުމެވެ. ރައީސް ޔާމީން ފެއްޓެވި އެވާހަކަ އަނެއްކާވެސް ކުރިއަށް ގެންދެވީ ރައީސް މުއިއްޒެވެ. މިދިޔަ ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ރައީސް މުއިއްޒު ވަނީ އޭދަފުށީގައި ގިނަ އަދަދަކަށް ފްލެޓް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެފަހުން 5 އެޕްރީލް ގައި މަޖިލިސް އިންތިޚާބުގެ ކެމްޕޭން ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”މިހާރު އިނީޝިއަލް މަސައްކަތްތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ދާދި އަވަހަށް ސަރުކާރުން ހުރިހާ ހުއްދައެއް އަޅުގަނޑުމެން ދީ، ވަރަށް އަވަހަށް އޭދަފުށީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ފަށާނަން،“ ރައީސް ވިދާޅުވެފައި ވެ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރުން ރާވާފައި ހުރި ކަމަށެވެ.
އޭގެ ތެރެއިން ވެސް އޭދަފުށީ ދާއިރާއަށް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ކޮންމެ ވާހަކަފުޅެއްވެސް ވިދާޅުވަމުން ގެންދަވާނީ ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު ކަމަށް އެންމެ ގިނައިން ވަކާލާތު ކުރައްވަނީ ވެސް އެމަނިކުފާނެވެ. އެއަކު ޝައްކެއްނެތެވެ. އެމަނިކުފާނަށް ބައިއަތު ހިފައިގެން އަޅުގަނޑުމެން މިތިބީ އެޔަގީން ކަމުގަ އެވެ. އެކަމަކު ވަރަށް އަވަހަށް އޭދަފުށީގައި 1000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފައްޓަވާނެކަމަށް ވިދާޅުވި ފަހުން 10 މަސްވެގެން ދާއިރު ރައްޔިތުންނަށް އަދި ކިރިޔާ ދައްކައިލެވުނީ ކަރުދާހުގެ ޕްލޭނެކެވެ. އެއީވެސް ސަރުކާރަކުން ނޫނެވެ.