އޭދަފުށިވެސް ހިމެނޭ ގޮތަށް ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމަށް މެލޭޝިޔާގެ ހެކްސްޓާ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ހެކްސްޓާ ކުންފުންޏާ މަޝްރޫއު ހަވާލުކޮށް ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ 55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށާއި އެއްބަސްވުން ބާތިލުކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން ކަމަށެވެ. މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އެ އެއްބަސްވުން ބާތިލު ކުރި ނަމަވެސް، 55 ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މި މަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ކައުންސިލް އާ އިމާރާތް އެޅުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި، ކައުންސިލްތަކުގެ ހާލަތަށް ބެލުމަށް ފަހު 102 ކައުންސިލްގެ އާ އިމާރާތް އެޅުމަށް ޝަރުތު ހަމަވާ ކަމަށް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މީގެތެރެއިން ފުރަތަމަ 55 ރަށުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދެ އަހަރާ 6 މަސް ތެރޭގައި ނިންމުމަށެވެ.
އެ މިނިސްޓްރީން ބުނާ ގޮތުގައި މި އިމާރާތްތައް ވެގެންދާނީ ޖާގަ ތަނަވަސް އަދި ކައުންސިލަރުންނާ އިދާރީ މަސައްކަތްތަކަށް ވެސް ފަހިވާނެ ގޮތަށް ހުރިހާ ވަސީލަތެއް ބޭނުން ކުރެވޭ ގޮތަށް ހުންނާނެ އިމާރާތް ތަކަކަށެވެ.
55 ރަށުގެ ކައުންސިލް އިމާރާތް އަޅަން މި ކުންފުންޏާ ހަވާލު ކުރި ބ.އަތޮޅުގެ ރަށްރަށަކީ ބ ކަމަދޫ، ކުޑަރިކިލު، ފެހެންދޫ، އޭދަފުށި، ތުޅާދޫ، އަދި ކިހާދުއެވެ.






