ހިތާދޫ ބަނދަރު ހަދަން އެމްޓީސީސީ އާއި ހަވާލުކޮށްފި

b_PxTDdeaWgrZ6BU8n6NSqjSXjE.jpg

ޑިޒައިން އެންޑް ބިލްޑް އުސޫލުން ބ. ހިތާދޫ އަދި ރ. ކިނޮޅަސް ބަނދަރު ހަދަން ހައުސިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ: އެމްޓީސީސީ

ބ. ހިތާދޫ ބަނދަރު، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ހިތާދުއާއެކު ހަމަ މިގޮތަށް ރ ކިނޮޅޮހު ބަނދަރު ހަދަންވެސް މިއަދުވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.

މި ދެ ޕްރޮޖެކްޓްގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.

ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 14،929.60 ކިއުބިކް މީޓަރުގެ (މެދު ދިޔައިން ފެށިގެން 3.5- މީޓަރު ހަމަވާ ވަރަށް) ބަނދަރު ފުން ކުރުމާއި، 4،101 ކިއުބިކް މީޓަރުގެ (މެދު ދިޔައިން ފެށިގެން 4.0- މީޓަރު ހަމަވާ ވަރަށް) ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި، 22 މީޓަރު ގްރޮއިން ޖެހުމާއި، 70 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 425 މީޓަރު ސޭންޑް-ފިލް ބްރޭކް ވޯޓާ ޖެހުމުގެ އިތުރުން 90 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

އޭގެ އިތުރުން ހަތަރު ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 350 މީޓަރު އެއްގަމު ތޮށި މަރާމާތުކޮށް ޖިއޯޓެކްސައިލް ޖެހުމާއި، ފަސް މޫރިންގް ބޮއި ހަރުކުރުމާއެކު އެއްގަމު ތޮށިން ބޭރު ތޮއްޓަށް އެރުމަށް ބުރިޖެއް އެޅުމާއި، ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމާއި، ރޭމްޕް ހެދުމާއި، 18 މަގު ބައްތި ހަރުކުރުމުގެ އިތުރުން 1750 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫއަކީ 17،705،837.20 (17.7 މިލިއަން) ރުފިޔާގެ މަޝްރޫއެކެވެ. މަސައްކަތް ނިންމުމަށް ދީފައިވަނީ 540 ދުވަހެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top