ކޮވިޑުން އަރައިގަތުމަށް އީޔޫއާއި ޑަބްލިޔު އެޗްއޯ އިން އެއްމިލިޔަން ޔޫރޯގެ އެހީ

Capture-9-1.png

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އެއް މިލިއަން ޔޫރޯ (19 މިލިއަން ރުފިޔާ) ގެ އެހީއެއް ވެދީފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް ބޭނުންވާ ބޭހާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި ރީޖަނަލް ކޮވިޑް އައިސީޔޫ ފެސިލިޓީތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން ރީޖަނަލް އައިސީޔޫއެއް ވެސް މި އެހީގެ ދަށުން ގާއިމުކުރާނެ ކަމަށާއި އެއާއެކު އައިސޮލޭޝަނަށް އަދި އައިސީޔޫ އަށް ގެންދާ ބަލިމީހުންނަށް ދެވޭ ހިދުމަތް މިހާރަށް ވުރެ ހަރުދަނާ ވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި އެހީ އާއި ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކޮވިޑްގެ ކަންކަމުގައި ޑަބްލިއުއެޗްއޯ އިން ވަރަށް ގާތުން އެ މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގައި އެ ޑަބްލިއުއެޗްއޯ އާއި އީޔޫ އަދި އަވަށްޓެރ ގައުމުތަކުން ދިން އެހީތެރިކަން މުހިއްމު ދައުރެއް އަދާކުރި ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

އީޔޫ އިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެކްޓިން އެމްބެސެޑަރ އެޗްއީ ޑެނިސް ޗައިބީ ވިދާޅުވީ ރާއްޖެ މިވެވޭ މާލީ އެހީއަކީ މި ބަލިމަޑުކަމުން އަރައިގަންނަން އެކި ގައުމުތަކަށް އީޔޫ އިން ވަމުން އަންނަ އެހީތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާ ވެފައިވާ ގައުމަކަށް އެހީވެ ސިއްހީ ނިޒާމު ހަރުދަނާވުމުން، ދިވެހިންގެ އިތުރުން ރާއްޖެއަށް ދަތުރުކުރާ އީޔޫ އާއި އެހެން ގައުމުތަކުގެ ޓޫރިސްޓުންނަށް ވެސް އޭގެ ފައިދާ ކުރާނެކަމަށް ޑެނިސް ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑަށް މިހާތަނަށް 13،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި ވަނީ 48 މީހަކު ނިޔާވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top