ރަމަޟާންމަހަކީ ދަރުމައިން ފުރިގެންވާ މައްސަރެއް

resoved-pic-of-ramzan.jpg

 

ރަމަޟާންމަހަކީ، މާތްﷲ އިސްލާމީ އުންމަތަށް މިންވަރުކުރައްވާފައިވާ، އެއްވެސް މީހެއްގެ ހިތަށް ތަޞައްވުރު ކުރަންވެސް ނޭގޭހާ، ގިނަގުނަ، ދަރުމައިން ފުރިގެންވާ، މާތް މައްސަރެކެވެ. އެއީ ކީރިތިޤުރްއާން އެމަހެއްގައި ބާވައިލެއްވުނު މައްސަރެވެ. މާތްﷲ ކީރިތިޤުރްއާނުގައި ވަޙީކުރައްވަނީ، (شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ) (سورة البقرة185)

މާނައީ، “ރަމަޟާންމަހަކީ، އެމަހެއްގައި ކީރިތިޤުރްއާން ބާވައިލެއްވުނު މައްސަރެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ހިދާޔަތެއްކަމުގައްޔާއި، (އެބަހީ:ތެދުމަގެއްކަމުގައްޔާއި) ހިދާޔަތާއި، ޙައްޤާއިބާޠިލު ވަކިކޮށްދެނިވި ހެކިތަކެއްކަމުގައެވެ.”

ރަމަޟާންމަހަކީ، އެއްހާސްމައްސަރުގެ ހެޔޮކަން ލިބިގެންދާނޭކަމަށް މާތްﷲ ކީރިތިޤުރްއާނުގައި އަންގަވާފައިވާ، ލައިލަތުލްޤަދްރި ވިލޭރޭ، ހިމެނިގެންވާ މައްސަރެވެ.

މާތްﷲ ކީރިތިޤުރްއާނުގައި ވަޙީކުރައްވަނީ،   ( إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ  وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ  لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ  ) މާނައީ: “ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ ލައިލަތުލްޤަދްރި ވިލޭރޭގައެވެ. އަދި ލައިލަތުލްޤަދްރި ވިލޭރެއަކީ، ކޮންރެއެއްކަން،ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ ލައިލަތުލްޤަދްރި ވިލޭރޭ، އެއްހާސްމައްސަރަށްވުރެން ހެޔޮކަން ބޮޑެވެ.”

ރަމަޟާންމަހު ރޯދަ ހިފުމުގެ ސަބަބުން، ޙާޟިރުވެހުރި ރޯދަމަހާއި، އިސްވެދިޔަ ރޯދަމަހާއި ދެމެދުގައި ކުރެވިފައިވާ، ކުދިކުދި ފާފަތައް ފުހެވިގެންދާނެއެވެ. އެކަމުގެ ދަލީލަކީ، ކީރިތި ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަގެ ބަސްފުޅެވެ. އެބޭކަލެއްގެމައްޗަށް މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ( الصَّلَوَاتُ الْخَمْسُ ، وَالْجُمُعَةُ إِلَى الْجُمُعَةِ ، وَرَمَضَانُ إِلَى رَمَضَانَ ، كَفَّارَةٌ لِمَا بَيْنَهُنَّ مَا اجْتُنِبَتِ الْكَبَائِرُ ) رواه مسلم.

އާދެ! އިސްވެދިޔަ ޢިބާރާތްތަކުގައި އެވާ ކަންކަމާމެދު ވިސްނާލުމުން އެނގެނީ، ރަމަޟާންމަހަކީ، ވަރަށް ބަރަކާތްތެރި މައްސަރެއްކަމެވެ. މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން އިންތިހާއަށް ގެނުވައިދޭ މައްސަރެއް ކަމެވެ. އެއީ ބަރަކާތްތެރި ރަމަޟާންމަހުގައި ކުރާނެ ޚާއްޞަ އަޅުކަމުގެ(ތަރާވީޙުނަމާދުގެ)  ސަބަބުން، އިސްވެގޮސްފައިވާ، ފާފަތައް ފުހެވޭނެކަމުގެ ޚަބަރު ކީރިތިރަސޫލާޞައްލަﷲޢަލައިވަސައްލަމަ ދެއްވާފައިވާތީއެވެ. އަދި ހަމައެހެންމެ،އެއްހާސްމައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް، ރަމަޟާން މަހުގައި ލައްވަވާފައިވާކަމަށް ކީރިތިޤުރްއާނާއި، ކީރިތިރަސޫލާ ޞައްލައްﷲޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާތީއެވެ.

މިއީ ޙަޤީޤަތެވެ. ﷲ ގެ އަޅުތަކުންނަށް އޮތީ، މިއީ ޙަޤީޤަތްކަމަށް ޤަބޫލުކޮށް، ރަމަޟާންމަހަށް މާތްﷲ މިންވަރުކުރައްވާފައިވާ، ފޮނިމީރުކަން ލިބިގަތުމެވެ. އެމަހަށް ކަނޑައަޅުއްވާފައިފާ ގިނަގުނަ ހެޔޮދަރުމައާއި ޘަވާބު ލިބިގަތުމެވެ. އެ ހުރިހާ ދަރުމައަކާއި ޘަވާބެއް ލިބިގަނެވޭނީ، މާތްﷲ އެންގެވިގޮތުގެމަތީން ރޯދަހިފައި، ހީވާގިކަމާއެކު ރޭއަޅުކަންކޮށްގެންނެވެ. އަދި ލައިލަތުލްޤަދްރި ވިލޭރެގެ ދަރުމައާއި ޘަވާބު ހޯދުމަށް، ރޯދަމަހުގެ ފަހުދިހައިގެ ރޭތަކުގައި އަޅުކަމާއިގެން މަޝްޣޫލުވެ، ގަދައަޅައި މަސައްކަތް ކޮށްގެން ނެވެ.

ދިވެހިންނަކީ، މުޖްތަމަޢުގެ  ސަލާމަތާއި ރައްކާތެރިކަމަށް ލޯބިކުރާ އަދި އެކަން ދަމަހައްޓަން މަސައްކަތްކުރާ،ދީންވެރި ބަޔަކުކަމުގައިލައްވާށީ! އަދި  ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ލައްވާށި! އާމީން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top