މުޅި ރާއްޖެ ލޮކްޑައުން އަކަށް

large_158326596960RWH6.jpg

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޅި ރާއްޖެ ލޮކްޑައުން ކުރަން ސަރުކާރުން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ރޭ ނެރުނު އެންގުމެއްގައި ބުނީ މާލެ ސިޓީ ސަރަހައްދު ފިޔަވައި އެހެން ރަށަކަށް ޒަރޫރީ ބޭނުމެއްގައި މެނުވީ ދަތުރު ކުރުން މަނާ ކުރާ ކަމަށާ މި އެންގުމަށް މިއަދު ހަވީރު ހަޔަކުން ފެށިގެން އަމަލު ކުރަމުން ގެންދާނެ ކަމަށެވެ.

އެ އެންގުމުގައިވާ ގޮތުން އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ނުކުރަން އެޗްޕީއޭއިން ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މާލެއިން އިއްޔެ ވަނީ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފަ އެވެ. އޭނާއާ ކޮންޓެކްޓްވި ދެ މީހަކު އިއްޔެ ޕޮޒިޓިވްވެފައިވާކަން އިއުލާނު ކުރުމަށްފަހު ރޭ އަނެއްކާވެސް ވަނީ އިތުރު ދެމީހުން ޕޮޒިޓިވްވެފައެވެ. މި މީހުންނާ ކޮންޓެކްޓްވި 200 އަށްވުރެ ގިނަ މީހުން ތިބިއިރު ބައެއް ރަށްރަށުގައި ވެސް އެމީހުން އެބަ ތިއްބެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނީ ރަށްރަށަށް އަރާ ފޭބުން މަނާ ކުރި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެން ވެސް ޒަރޫރީ ތަކެތި ކައުންސިލްތަކާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

އެންގުމުގައި އިތުރަށް ވަނީ ރަށްރަށުގައި މީހުން އެއްވެ އުޅުމާއި ޕާޓީތަކާއި މާހެފުން ފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް އަންގާފަ އެވެ. އަދި، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުނިކުތުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. ނަމަވެސް ގެއިން ބޭރަށް ނުކުމެ އުޅުން މާލެއާ އެއްގޮތަށް މަނަލެއް ނުކުރެ އެވެ.

މާލޭ ސަރަހައްދަށް އިއްޔެ އިއުލާން ކުރި ލޮކްޑައުން ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފަ އެވެ. މާދަމާ އަނެއްކާވެސް ލޮކްޑައުންގެ މުއްދަތު އިތުރު ކުރާނެ ކަމަށް ބެލެވެ އެވެ.

އެޗްޕީއޭއިން ރޭ ނެރުނު އެންގުމުގައި އިތުރު ކަމެއް ވެސް އަންގާފައިވެ އެވެ. އެއީ މިދިޔަ ދެތިން ދުވަހު މާލެއިންނާއި ރިސޯޓްތަކުން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް-19އަށް ޝައްކު ކުރެވޭ ފަދަ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެކަން ލަސްނުކޮށް އެންގުމެވެ.

މާލެއިން ޕޮޒިޓިވްވެފައިވާ މީހުންނާ ކޮންޓެކްޓްވި މީހުން ޓްރޭސްކޮށް ޓެސްޓް ކުރުމަށް މިހާތަނަށް 22 ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އެއީ މާލެ ސިޓީއިންނާއި ހުޅުމާލޭގެ އިތުރުން ހއ. ވަށަފަރުން ގެއަކާއި ކ. ކާށިދޫއިން ގެއަކާއި އައްޑޫ ސިޓީއިން ގެއަކާއި ތ. މަޑިފުށިން ގެއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top