ލައިލަތުލް ޤަދްރި ވިލޭރޭ ، ޙައިޟުވެރިޔާއާއި ނިފާސްވެރިޔާގެ ރޭއަޅުކަން

544275c4bd956.jpg

ލައިލަތުލްޤަދްރި ވިލޭރޭ ވަނީ، ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެތެރެއިން ރެއެއްގައިކަން ކީރިތިރަސޫލާގެ ސުންނަތުން ޘާބިތުވެއެވެ. އެއީ ކަނޑައެޅިގެން ވަކިރެއެއްކަމެއް ސާފެއްނުވެއެވެ. އެހެންކަމުން ރަމަޟާންމަހުގެ މުޅިފަހުދިހައިގެ ހުރިހާރެއެއްގައި ވަރަށްގިނަބަޔަކު ދަނީ، އެރޭގެދަރުމައާއި ޘަވާބު ހޯދުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މާތްﷲ ކީރިތިޤުރްއާނުގައި ވަޙީކުރައްވަނީ،   (لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ) މާނައީ: ” ލައިލަތުލްޤަދްރި ވިލޭރޭ، އެއްހާސްމައްސަރަށްވުރެން ހެޔޮކަން ބޮޑެވެ.”

ބައެއްމީހުންގެ ސުވާލަކީ، އެ މަތިވެރިރޭގެ ދަރުމައާއި ޘަވާބު ހޯދުމަށްޓަކައި، ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް އަޅުކަމުގެގޮތުން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯއެވެ؟

އާދެ! ޙައިޟުވެރިޔާއާއި ނިފާސްވެރިޔާގެމައްޗަށް ރޯދަ ހިފުމާއި،ނަމާދުކުރުމަކީ، ޙަރާމްކަމެކެވެ. އަދި ހަމައެހެންމެ ގެފުޅުވަށައިގެން ޠަވާފުކުރުމާއި، އިޢުތިކާފަށް އިނުމަކީ، ޙަރާމްކަމެކެވެ. މި ބުނެވިދިޔަ ކަންތައްތަކުގެ އިތުރަށް ރޭއަޅުކަމުގެގޮތުން ކުރެވިދާނެ ކިތަންމެ ކަންތައްތަކެއްވެއެވެ. ރޭއަޅުކަމުގެގޮތުން ކުރެވޭކަމަކީ، ނަމާދުއެކަންޏެއްނޫނެވެ. އެގޮތުން ކުރެވިދާނެ ބައެއްކަންތައްތަކަކީ:

1- ޛިކުރު ކުރުން : (سُبْحَانَ الله ) (سُبْحَانَ الله وَبِحَمْدِهِ )   (سُبْحَانَ الله وَبِحَمْدِهِ سُبْحَانَ الله الْعَظِيْم)

(لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ ) މިފަދަ ކަލިމަތައް ތަކުރާރުކޮށް ގިނަގިނައިން ކިޔުން.

2- އިސްތިޣްފާރުކުރުން : (سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، أَشْهَدُ أَنْ لا إِلهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتْوبُ إِلَيْكَ)

( أَسْتَغْفِرُ اللَّهَ الْعَظِيمَ ) މިފަދަ ކަލިމަތައް ގިނަގިނައިން ކިޔުން.

3- ދުޢާކުރުން : ދުނިޔެއާއި އާޚިތުގެ ޙަޔާތް ބާއްޖަވެރި ކުރުމަށްއެދި ކޮންމެ މީހަކަށްވެސް، ގިނަގިނައިން ދުޢާކުރެވިދާނެއެވެ. ދުޢާކުރުމަކީ، ވަރަށް މަތިވެރި އަޅުކަމެކެވެ. ކީރިތިރަސޫލާޞައްﷲޢަލައިހިވަސައްލަމަ ޙަދީޘްކުރައްވަނީ،        ( الدُّعَاءُ هُوَ الْعِبَادَةُ ) ( ރިވާކުރެއްވީ އަލްއިމާމުއްތިރުމިޛީ) މާނައީ، “ދުޢާކުރުން އެއީ،އަޅުކަމެކެވެ.”

މިސާލަކަށް ، ( اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّي ) މިއީ، ލައިލަތުލްޤަދްރިވިލޭރޭ ޢާއިޝަތުގެފާނު ވިދާޅުވުމަށް، ކީރިތިރަސޫލާ ވިދާޅުދެއްވި ދުޢާއެކެވެ.

ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ، ރޭއަޅުކަމުގެގޮތުން މިފަދަ އަޅުކަންތައްތަކާއި، އަދި މިނޫންވެސް އެތައް ހެޔޮކަންތައްތަކެއް ކުރެވިދާނެއެވެ.

އަޅުގަނޑުގެ ދުޢާއަކީ، އެކަނބަލުންނާއި އަޅުގަނޑުމެން އެންމެން، ރޭއަޅުކަމުގެގޮތުގައި ކުރާ ހުރިހާ ހެޔޮޢަމަލުތަކެއް މާތްﷲގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ޢަމަލުތަކެއްކަމުގައިލެއްވުމެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top