ސައޫދީން ހަދިޔާކުރި ކަދުރު ، މީހަކަށް 86.612 ގްރާމްގެ މަގުން ބަހަންފަށައިފި

20160628_122927.jpg

ސައޫދީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކަދުރުތަކުގެ ތެރެއިން އޭދަފުށީ ރައްޔިތުންނަށް ބެހުމަށް ލިބިފައިވާ ކަދުރުތައް ބަހަން ފަށައިފިއެވެ.

އިއްޔެއިން ފެށިގެން މި ކަދުރުތައް ގޭގެއަށް ދޫކުރަން ފަށާފައިވަނީ ކަދުރު ބަހަމުން އެބަގެންދާކަން ރައްޔިތުންނަށް އެންގުމެއް ނެތިއެވެ.

އޭދަފުށީރައްޔިތުންނަށް އަންގަން ބޭނުންވާކަންކަން އެންމެ ފަސޭހައިން އެންގުމަށްޓަކާ ބޭނުންކުރާ ވަސީލަަތަކީ މެގަފޯނެއްހިފައިގެން ކައުންސިލްގެ މުވައްޒަފަކު ނުކުމެ ރަށުތެރޭގައި ގޮވުމެވެ. ކުރީ އަހަރު ތަކުގައި ސައޫދީން ދިވެހި ރައްޔިތުންނަށް ހަދިޔާކުރާ ކަދުރު އޭދަފުށީ ރައްޔިތުންނަށް  ބަހާކަން އެންގުމަށްވެސް ބޭނުންކުރަނީ މިދެންނެވިގޮތަށް މެގަފޯނެވެ. އެހެންނަމަވެސް މިއަހަރު އެކަދުރުތައް  އޭދަފުށީ ކައުންސިލާ ހަވާލުކުރިފަހުންވެސް ހަފްތާއަކަށްވުރެ ގިނަދުވަސްވެފައި ވަނިކޮށް އިއްޔެއިން ފެށިގެން އެއްވެސް އެންގުމަކާ ނުލާ ގޭގެއަށް ދޫކުރަން ފަށައިފިކަން މި ނޫހަށް އެނގުނީ ރައްޓެއްސެއްގެ ފަރާތުންނެވެ.

“އަމިއްލަ ބޭނުމަކު ކައުންސިލަށް ގޮސް އަހާލީ ކަދުރުބަހަން ފަށަނީ ކޮން އިރަކުންހޭ ؟  އެހެން އަހާލުމުން  ކައުންސިލްގެ މުވައްޒަފަކު ބުނީ  ބަލާ އައި މީހަކަށް މިހާރު މިދަނީ ދޫކުރަމުންނޭ.” ރައްޓެހި މީހާއަށްކަން އެނގުނުގޮތް ކިޔައިދެމުން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން އޭދަފުށި ކައުންސިލުގެ މެންބަރަކު ވިދާޅުވީ ތިޔައީ އިދާރީ މައްސަލައެއްކަމާއި ކަދުރުބެހުމުގެ ކަންތަކުގައި ރަށުކައުންސިލުން އިދާރީ މުވައްޒަފުންނަށް އަންގާފައި އޮންނާނީ ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށެވެ.

އޭދަފުށީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އޭދަފުށީ ރައްޔިތުންނަށް ބެހުމަށް މިއަހަރު ކަދުރު ލިބިފައިވަނީ ކުރީ އަހަރަށް ވުރެ މަދުންނެވެ.  ކުރީ އަހަރު  2 ކިލޯގެ 222 ޕަކެޓް ނުވަތަ 444ކިލޯ ލިބުނުކަމަށާއި  އެކަމަކު މިއަހަރު ލިބިފައިވަނީ ދެކިލޯގެ 149 ޕަކެޓް ނުވަތަ 298 ކިލޯ ކަމުގައި ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

ސަރުކާރުން ބ. އަތޮޅުގެ ރަށްރަށަށް ބަހާ ކަދުރު ފޮނުވާފައިވަނީ އަތޮޅު ކައުންސިލަށެވެ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލު ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މުޅި އަތޮޅުގައި ބެހުމަށް މިއަހަރު ފޮނުވާފައިވަނީ 10 ޕަކެޓް ހިމެނޭ 65 ފޮށި ނުވަތަ 1300ކިލޯ ކަމުގައެވެ. އެހެންނަމަވެސް މިދިޔަ އަހަރު 96 ފޮށި ނުވަތަ 1920 ކިލޯ ލިބިފައިވާ ކަމުގައި ވިދާޅުވިއެވެ.

އާދިލު ވިދާޅުވީ މި ކަދުރުތައް ބެހުމަށް ރަށްރަށަށް ފޮނުވާފާއިވާނީ އެރަށެއްގެ އާބާދީގެ ނިސްބަތުންނެވެ.

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް 50 ޓަނުގެ ކަދުރު މިއަހަރު ހަދިޔާކޮށްފައިވެއެވެ. އޭގެ ތެރެއިން ދިހަ ޓަނު ކަދުރު ފަގީރުންނަށް ބެހުމަށް ކަމަށް ބުނެ ރިޔާސީ ގަނޑުވަރަށް ނަގައިގެން ބަހަމުން ދަނީ ސަދަގާތް ފައުންޑޭޝަނުގެ ފަރާތުންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top