މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ސަރުކާރުން ފައިސާގެ އެހީ ދޭ ޖަމިއްޔާތަކުގެ ތެރޭގައި ބ.ތުޅާދޫ ސިލްވަރ ޝައިން ކްލަބް ހިމެނޭކަމަށް ޔޫތު މިނިސްޓްރީން ހާމަކޮށްފި އެވެ.
މިކްލަބް ހިމެނޭގޮތަށް ޖުމްލަ 10ޖަމިއްޔާ އަކާއެކު މިއަދު ވަނީ ސޮއިކޮށްފައެވެ. އަދި މާދަމާ ވެސް އިތުރު ޖަމްއިއްޔާތަކާއެކު ސޮއިކުރުން ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވި އެވެ.
މަދަނީ ޖަމިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އިއުލާނުކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.
އެ ވުޒާރާއިން ބުނީ، މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމަށް ކަމަށެވެ.