ފަގީރުކަމާ ދެކޮޅަށް މަތީނު ކުރި ހަގުރާމަ

DSCN8099.jpg

އަބްދުލް މަތީނު އަބްދުލް ގާދިރު ---ފޮޓޯ :އީވީ

އަވިބާރު މެންދުރެއްގެ ދިލަހޫނުން އާވިއަރައަރާ އޮތް މާޅޮހުގެ ސާފު ހުދުކުލައިގެ ދޮންވެލީގެ އަތިރިމަތި ފެންނަނީ މުތީތަކެއްހެން ވިދަވިދާ އޮތްހެންނެވެ. އެކަމަކު ހަވީރުވާން ފެށުމުން ހިޔާދޭ ބޮޑެތި ގަސްތަކުގެ ހިޔަނިތައް ވެލިގަނޑަށް އެޅުމުން އެރީތި މަންޒަރު މަޑުމަޑުން ދިޔައީ ފަނޑުވަމުންނެވެ. އިރު އޮއްސެން ކައިރިވި ވަރަކަށް އަތިރިމަތީގެ ހަލަބޮލިކަން އިތުރުކުރަމުން ދިޔައީ ހަވީރުގެ އަރާމު ފިނިން އުފާ ހޯދަން ހިނގަމުން ގެންދާ ޒުވާން އަންހެންކުދިންނާއި އެކުދިންގެ ފަހަތުން މުގޯލި އަޅަމުން ގެންދާ ޒުވާން ފިރިހެން ކުދިންނެވެ. އަނެއްބަޔަކު ތިބީ ހޭޅިފަށުގައި ހެދިފައިވާ ހިޔާދޭ ބޮޑެތި ގަސްތަކުގައި އެލުވާފައިވާ ޖޯލިފަތި ތަކުގައެވެ.

ގެސްޓް ހައުސް ވިޔަފާރީގައި މާޅޮހަށް ދޫކުރާނެ އެހެން ރަށެއް ބ.އަތޮޅަކު ނޯންނާނެއެވެ. އެކަން މި ބީޗުން މިއަދުވެސް ފެނެއެވެ. ތަފާތު ގޮތަކަށެވެ. އިރުއޮއްްސޭ މަންޒަރު ބަލައިލަން ބޭނުންވާ ގެސްޓުންނަށް އެމަންޒަރު ދައްކަން މިއަދު ބޭނުންވަނީ ހަވީރުގެ ނާސްތާ އަކާ އެކުގައެވެ. ހޭޅިފަށުގައި ބަހައްޓާފައި ހުރި ދިގު މޭޒުތައް ގެސްޓުން ބޭނުންވާ ގޮތް ބަލައިގެން ފާޑުވެރިކަމާއެކު ނާސްތާ ތައްޔާރު ކުރުމުގައި ހައެއްކަ ބަންގާޅީން އަވަދިނެތި އުޅެއެވެ. އެމީހުންނަށް އެކަން ކުރާނެ ގޮތްފާޑު ކިޔައިދޭން މޭޒުކައިރީގައި ހުރި ގޮޑިއެއްގައި ނިތްގަނޑު ފުޅާ ތޮތްޕެއް އަޅައިގެން އެއިނީ މާޅޮހުގައި ހިންގާ މަޑިފިނޮޅު ގެސްޓްހައުސް ގެ ސީއީއޯ އަބްދުލް މަތީނު ސޯލިހެވެ. އަހަރެމެން ގޮވަނީ މަތީނުގެ ނަމުންނެވެ. ގެސްޓްހައުސް ވިޔަފާރީގައި އުޅެން ފެށުމުން މިހާރު އެއީ މިސްޓަރ މާޓީންއެވެ.

ނިކަން ހަމަޖެހިލައިގެން މިއަދު މާޓިން އެމީހުންނަށް އަމުރުކުރަން އަމުރުގެ ދާނުގައި އިންކަމުގައި ވިޔަސް މިހާ ހިސާބަށް އޭނާ އައީ ދިގު ބުރަ ދަތުރެއް ކޮށްގެންނެވެ.

ކިރިޔާ ހޭވެރިކަންވާން ފެށީއްސުރެ އޭނާގެ އަމާޒެއް އޮތެވެ. ފަގީރު ކަމުން ސަލާމަތް ވުމެވެ. އޭނާއާއި އޭނާގެ އާއިލާ އަށް ދިމާވެފައިވާ މި ބަލިމަޑުކަމާ ދުރަށް ދިއުމެވެ. އެކަމަށް އޮތް ހައްލަކީ މޮޅަށް ކިޔެވުމެވެ. ރަށުން ކިޔެވެން އޮތް ވަރަކަށް ކިޔަވައިގެން އޭނާ މާލެއަށް ދިޔައީ އެ ބޭނުމުގައެވެ. މާފަންނު މަދަރުސާ އަށް ވަތް ފުރަތަމަދުވަހު އެ އުއްމީދުތައް އާސްމާނުގައި ހުރިނަމަވެސް ކަންތައް ދިމާވީ މުޅިން އެހެން ގޮތަކަށެވެ. އޭނާއަށް ޖެހުނީ އެއްގެއިން އަނެއް ގެއަށް ބަދަލުވެ އަޅެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ. ކެއްކުމާ ގޭތެރެ ކުނިކަހައި ސާފު ކުރުމާ އެއްޗެތި ދޮވުމާ މިހެން ގޮސް ހަމަ ހުރިހާކަމެކެވެ. އެކަން ކޮށްގެންވިޔަސް ކިޔެވުމަށް އެކަށީގެންވާ ވަގުތު ކޮޅެއް ލިބުނުނަމަ އޭނާ ހުރީހީ އުފަލުންނެވެ. އެކަމަކު އެވަރުވެސް ނުވީއެވެ. ކުރަން ޖެހުނު ބުރަމަސައްކަތާއެކު ކިޔެވުމުގެ ދޮރު މުޅިން ބަންދުވީއެވެ. އެހިސާބުން އަމިއްލަ ފައިމައްޗަށް ތެދުވުން ނޫން އެހެން ގޮތެއް ނެތެވެ. ދިރިއުޅުމުގެ ފުރަތަމަ ފިޔަވަޅު ހޮޓަލެއްގެ ބަދިގެއަށް އަޅަން ޖެހޫނީ އެހެންވެގެންނެވެ.

“ވަރަށް ހިތްދަތި ތަޖްރިބާ އެއް އެއީ. އެއްގެއިން އަނެއް ގެއަށް އަޅެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައީ. އެކަމަކު އެއީ މާލެއިން އަހަންނަށް ދަސްވި އެންމެ އަގުބޮޑު ފިލާވަޅު.” މަތީނު އަސަރާއެކު ކިޔައިދިނެވެ.

މައްސަލައެއް ނެތެވެ. ބޭނުންވާ ވަރަށް ނުކިޔެވުނީތާއެވެ. އެޚިޔާލު ދޫކޮށްލާފައި ދެން ގަސްދު ކުރީ އޭނާއަށް ނުލިބުނު މި ނަސީބު ، ކޮއްކޮމެންނަށް ހޯދައިދޭށެވެ. އެކުދިންނަކީ އޭނާ ފަދައިން ބައެއްގެ އަޅުވެތިނުވެ އެކުދިން ބޭނުންވާ ވަރަކަށް ބޭނުން ވަރަކަށް ކިޔެވުމުގެ މަގު ތަނަވަސްކޮށްދިނުމަށެވެ.

އެކަމަށް ބޭނުންވަނީ ފައިސާއެވެ. ހިތްވަރު ހުރިއްޔާ ކޮންމެ މަސައްކަތަކީވެސް ފައިސާއެވެ.

ހޮޓަލެއްގެ ބަދިގެއިން އުމުރަށްވުރެ ހަގު ވަޒީފާއެއް ހޯދީ އެންމެ އަވަހަށް ފައިސާލިބޭ މަގަކުން ކުރިއަށް ދިއުމަށެވެ. ކޮއްކޮމެން މާލެއަށް ގެނެސްގެން ކިޔަވައި ދިނުމަށް ފައިސާ އެއްކުރުމުގެ ގޮތުންނެވެ. ބުރަ އަދި ގަޔާނުވާ ކަމެއްކަމަށްވިޔަސް ހާލާތުގެ މަޖުބޫރީއެވެ. ދުވަސް ކޮޅެއްގެ ފަހުން ކޮންސްޓަކްޝަން މަސައްކަތާއެކު ވީޑިއޯފިލްމް ކުއްޔަށް ދޫކުރުމުގެ ވިޔަފާރިއާއި ގާޑިއަލެއްވެސް ހިންގިއެވެ

އެވަރުންވެސް ފުދިގެން ހުންނަހިތް ނުވެގެން ދެން ބަދަލުވީ ރިސޯޓަކަށެވެ.

“ރިސޯޓެއްގެ ސުވެނިއަރ ޝޮޕެއްގަ މަސައްކަތް ކުރީ. އެތަނުގައި ހުރެގެން ޖަޕަނީޒް ބަހާއި އިޓަލީ ބަސް ކިޔެވުމުގެ ފުރުސަތު ލިބުނުކަމީ މުސްތަގްބަލަށް ކުރެވުނު ވަރަށް ރަނގަޅު ކަމެއް.” 41 އަހަރުގެ މަތީނު ބުންޏެވެ.

ކިތަންމެ ކިޔަވާ ހިތްވިޔަސް އެނަސީބު އޭނާގެ ތަގުދީރުގައި ލިޔެވިފައި ނުވަނީކަން ނޭނގެއެވެ. ކިޔަވާ އުމުރުގައި ނުކިޔެވުނީ ގޭގޭގައި ގުލާނު ކުރަން ޖެހުމުން އެކަމަށް ވަގުތެއް ނުލިބިގެންނެވެ. މިފަހަރު ދިމާވީ މުޅިން އެހެން ގޮތެކެވެ. ރޭގަނޑު ހޭލާ ހުރެ ކިޔަވަމުން ގެންދާތީ ދުވާލު ޑިއުޓީއަށް ބަރާބަރަށް ނާދެވޭ ކަމުގެ ރިޕޯޓް މާލެއަށް ލިބިގެން ވަޒީފާ މާލެއަށް ބަދަލު ކުރީއެވެ.

މިފަދަ ގޮތެއް ދިމާވެދާނެ ކަމަށް އޭނާ ހުރީ ވިސްނައިގެންނެވެ. އެހެން ވިޔަފާރިއަކަށްވެސް އިންވެސްޓް ކޮށްގެންނެވެ.

އާމްދަނީ ހޯދުމަށް ކުރި މަސައްކަތުން ހީކުރި ކަހަލަ ރަނގަޅު ނަތީޖާ އެއް ނުފެނުނު ކަމަށް ވިޔަސް ކޮއްކޮ މެން މާލެ ގެނެސް ކިޔަވައިދޭހައި ތަނަވަސްކަން ހުރީތީވެ ވިލިގިނލިން ތަނެއް ކުއްޔަށް ހިފައިގެން ހުރިހާ ކުދިން ގެނެސްގެން ކިޔަވައިދޭން ފެށިއެވެ.

“އެއްކޮޓަރީގައި ހަ ކޮއްކޮ ބައިތިއްބައިގެން ކިޔަވައިދިނީ. އެކުދިން ގާތު ބުނިން މިއަދު ކޮއްކޮމެން ނިދާލާށޭ ޝެއަރކޮށްލައިގެން .އެކަމަކު ކުރިމަގުގައި ތިޔަކުދިން ވާނެއޭ އެންމެ އަރާމުގައި ނިދާނެ ކުދިންނަށް. ”

އެދުވަސް މިއަދު އެކުދިންނާ ބައްދަލު ކޮށްފިއެވެ.

އެންމެ އަންހެން ކޮއްކޮއެއް ނޫނީ ހުރިހާ ކުދިންވެސް ރަނގަޅަށް ކިޔެވިއެވެ. އެކޮއްކޮވެސް އޯލެވެލް ހަދައިގެން ރަނގަޅު ނަތީޖާ ހޯދިއެވެ. އެހެން ހުރިހާކުދިންނަކީ ރަނގަޅު ވަޒީފާގައި ރަނގަޅު މުސާރަލިބިގެން އުފަލުގައި ދިރިއުޅެމުން ގެންދާ ކުދިންނެވެ.

އޭނާގެ މަގްސަދު ހާސިލްވީއެވެ. އިތުރަށްދެން މާލޭގައި ހުރުމުގެ ބޭނުމެއްވެސް ނެތެވެ. އެނބުރި ރަށަށް އައީ ބައްޕަގެ އެދުމާވެސް އެއްގޮތަށެވެ. ހުސްއަތާއެއް ނޫނެވެ. ކޮންސްޓްރަކްޝަން މަސައްކަތާ އެކުގައެވެ.

ދިރިއުޅުމުގެ ދެވަނަ މަރުހަލާ ފެށުނީއެވެ. އިތުރު މަސައްކަތެއް ފެށުމުގެ ޚިޔާލުގައި ހުއްޓާ ދެންވެސް ފުރުސަތު ލިބުނީ ކިޔެވުމަށެވެ.

“މާޅޮހު ކަލޭފާނު ހޯއްދަވައިދެއްވި ފުރުސަތެއް އެއީ. ބުނުއްވީ އައްޑޫގައި އެބައޮތޭ އިންޖިނިއަރިން ކޯހެއް. ޕޮކެޓް މަނީއެއްވެސް ލިބޭނެއޭ. ދާންވީ ނޫންހޭ.”

އެ ކޯހަށްދިޔައީ އާ ކަމެއް ދަސްކުރާ ހިތުންނެވެ. 2007ވަނަ އަހަރު މެދު ތެރޭގައި އައްޑޫއަށް ގޮސް ދޮޅު އަހަރުގެ އެ ކޯސް ފުރިހަމަކޮށް އެނބުރި ރަށަށް އައީ މުޅި ކޯހުން ދެވަނަ ހޯދައިގެންނެވެ.

އެކަމަކު ކޯހުން ދަސްކުރި އެއްޗެއްގެ ބޭނުން ނުކުރެވި އުޅެނިކޮށް 2008ގައި އެމްޑިޕީ ސަރުކާރުން ރަށްރަށަށް އައްޔަނު ކުރި ކައުންސިލަރުންގެ ތެރޭގައި މަތީނު ހިމެނުނީ މާޅޮހު ކައުންސިލަރަކަށެވެ.

“އެހިސާބުން ސިޔާސީ މީހަކަށް ބަދަލުވެއްޖެ. 18 މަސްދުވަހު އެމަގާމު އަދާކުރުމަށް ފަހު ދެވަނަ ފަހަރަށްވެސް ކައުންސިލް ކަމަށް ކުރިމަތިލިން. އެކަމަކު ދެވޯޓުގެ ތަފާތުން ބަލިވީ.”

ވޯޓުން ބަލިވެގެން ވަޒީފާގެއްލުނު ނަމަވެސް ހާސްކަނޑާލާފައި އަނެއްކާވެސް އާކަމެއް ފެށިއެވެ. މިފަހަރު ކެފޭއެއް ހިންގުމެވެ. މާޅޮހުގެ ބަނދަރުމަތީގައި މިހާރުވެސް ފެންނަން އެހެރަ ވާޓަރު ކެފޭއަކީ މިގޮތުން 2011ގައި މަތީނު ކުއްޔަށް ހިފި ބިމެއްގައި އިމާރާތް ކޮށްފައިވާ ކެފޭއެކެވެ.

ސިޔާސީ ޖިންނި އަވަލައިފި މީހަކަށް އެކަމުން ސަލާމަތް ނުވާނޭ ކަމަށް ބުއްދި ވެރިން ބުނެއެވެ. މަތީނަށްވެސް ވީ މިހެންނެވެ. ކައުންސިލު އިންތިހާބުން ބަލިވިކަމަށް ގަބޫލު ކުރާހިތް ނުވީއެވެ. އެ ދައުރު ހަމަވެގެން އާ ދައުރަށް ރަށު ކައުންސިލަށް ކުރިމަތިލައިގެން އޭނާ ބޭނުންވީ އޭނާއަކީ ރައްޔިތުން ގަބޫލު ކުރާ ފެންވަރު ހުރި މީހެއްކަން ދެއްކުމަށެވެ. ނަތީޖާ ދެއްކީވެސް އެގޮތަށެވެ. އެންމެ ގިނަ ވޯޓު ލިބިގެން އެއްވަނައަށް ހޮވުނު ކެންޑިޑޭޓްގެ ގޮތުގައެވެ.

އެ ދައުރު ފުރިހަމަކޮށް އިތުރު ދައުރަކަށް ކުރިމަތިލާން ވިސްނިއިރު ސިޔާސީ މަގާމެއް އަދާކުރެވޭ ވަރަށް ވުރެ އަމިއްލަ ޒިންމާ އިތުރުވުމާއެކު ދެން އެނބުރުނީ އަމިއްލަ މަސައްކަތަށެވެ.

އޭރުވެސް އައީ ކެފޭ ހިނގަމުންނެވެ. ކޮންސްޓްރަކްޝަން މަސައްކަތްވެސް ހަލުވި ދުވެލީގައި ރަށުގެ ނިސްބަތުން އޮތީ ކުރީގައެވެ.

އޭނާގެ އަސްލު ވިޔަފާރީގެ ކެރިއަރ ފެށުނީ މިހިސާބުންނެވެ. މަޑިފިނޮޅާ ގުޅެން ޖެހުނު ހިސާބުންނެވެ.

“ޅިޔަނު ބުނެފި އަންނާށޭ ތިމަންނާ އާއެކު ގެސްޓު ހައުސް ވިޔަފާރި ކުރަން. އާއިލާގެ މަސްލަހަތުވެސް އޮތްކަމަކަށް ވާތީ އޭނާއާއެކު މިމަސައްކަތް ފެށީ. ތިން ކޮޓަރިން ފެށި މިމަސައްކަތް އިތުރު ޕާޓްނަރެއް ލައިގެން ތިންމީހުން އެއްކޮށް މިހާރު ޖުމްލަ 10 ކޮޓަރި މިހިންގަނީ.” މަތީނު ބުންޏެވެ.

މާޅޮހުގައި މަޑިފިނޮޅު ގެސްޓް ހައުސް ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް އަދާ ކުރަނީ މާޓިންއެވެ. އަނެއް ދެ ޕާޓްނަރުންގެ ދައުރަކީ މަޑިފިނޮޅު އިޝްތިހާރު ކުރުމާ ގެސްޓުން ހޯދުމުގެ މަސައްކަތާ އިދާރީ ކަންކަމެވެ.

މަތީނުމެންގެ މަޑިފިނޮޅު ގެސްޓް ހައުސް ވިޔަފާރީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާ ކޮށެވެ. އެންމެ އަވަސް އަމާޒަކީ އެމީހުންނަށް ލިބިފައިވާ 3800 އަކަފޫޓުގެ ބިމެއްގައި އިތުރު 8 ނޫނީ 10 ކޮޓަރީގެ ތަނެއް ހަދައި ވިޔަފާރި ފުޅާ ކުރުމެވެ.

މަތީނުގެ އަމިއްލަ މަސައްކަތަށް ބަލާއިރު އޭނާގެ ކޮންސްޓްރަކްޝަން ޑިޕާޓްމަންޓުން މާޅޮހުގައި މިހާރުވެސް ހަތަރު ގެސްޓް ހައުސް ހަދަމުން އެބަގެންދެއެވެ. އޭގެ އިތުރުން ބ.އައިދޫއަކީ އެނާގެ ބެލުމުގެ ދަށުން ދަނޑުވެރިކަމަށް ތައްޔާރުވަމުން ދާ ރަށެއްކަން ފާހަގަ ކުރަން ޖެހެއެވެ.

“މިހާރުވަނީ  ގްރީން ހައުސްގެ ސްޓްރަކްޗަރ ރާވާ ނިމިފައި. އެތަން ހިޔާ ކުރަން މެލޭސިއާއިން މީހުން އައިސް މަސައްކަތް ނިމިއްޖެ. ފެނުގައި ގަސް ހެއްދުމުގެ މި މަޝްރޫއުގެ ދަށުން 3 މަސް ދުވަހުގެ ތެރޭގައި ރޮކް މެލަން އާއި ހަނީ މެލަން ،މިހިސާބުގަނޑުގެ ރަށްތަކަށް ބޭނުންވާ ވަރަށް އުފެއްދޭނެ.  ” އުމުރުން 25 އަހަރުގައި މީހަކާ އިނދެ 4 ދަރިން ލިބިފައިވާ މަތީނު ބުންޏެވެ.

އެންމެ ކުޑައިރުން ފެށިގެން އޭނާ ބޭނުންވީ މަގާމަށް މިއަދު އެހެރީ އާދެވިފައެވެ. ބޭނުންވީ ފަގީރު ކަމުން ދުރުވެ ފުދުންތެރި އާއިލާއެއް ބިނާކުރުމެވެ. އެކަން ހާސިލު ވެއްޖެއެވެ. އެކަމަކު އެއީ ވަރަށް ބުރަ އަދި އެތަކެއް ގުރުބާނީއަކަށް ފަހުގައި ކަން ، ފަހު ވަގުތުވެސް މަތީނު ފާހަގަކުރި އެވެ.

 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު