ބަޖެޓް 2020: މާޅޮހު ނަރުދަމާ ބަޖެޓްކުރިޔަސް ހިތްހަމަޖެހުމެއްނެތް – ކައުންސިލްގެ ރައީސް

126263_21e4caa6-4_.jpg

މާޅޮހުގެ މައްސަލަތަކާބެހޭގޮތުން ކައުންސިލުގެ ރައީސް ޝުޖާއު ރައީސުލް ޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާއިރު. ކައުންސިލް މެމްބަރުން ވާތްފަރާތުގައި / ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގައި ބ. މާޅޮހުގެ ފެނާ، ނަރުދަމާ ހިމަނާފައިއޮތަސް އަމަލީ މަސައްކަތް ނުފަށަނީސް ރައްޔިތުންނަށް ހިތްހަމަޖެހުމެއް ނުލިބޭނެކަމަށް މާޅޮހު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

އަންނައަހަރަށް މާޅޮހަށް ދައުލަތުން ބަޖެޓްކުރި މަޝްރޫއުތަކާބެހޭގޮތުން އީވީއަށް މައުލޫމާތުދެއްވަމުން ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ ބަޖެޓްގައި ފެނާ ނަރުދަމާ ހިމެނުމަކީ މާޅޮހު ރައްޔިތުން އުފާކުރަން ޖެހޭ ކަމެއްނޫންކަމަށާ، އުފާވާނީ އަމަލީ މަސައްކަތް ފެށުމުން ކަމަށެވެ. އޭނާ ވިދާޅުވީ 2015 ވަނައަހަރުވެސް ބަޖެޓްގައި ހިމެނި މިމަޝްރޫއާމެދު އޭރުގެ ސަރުކާރަށް ރައްޔިތުން ކުރި އިތުބާރު ގެއްލިފައިވާކަމަށެވެ.

“2015 ވަނަ އަހަރުވެސް ބަޖެޓްގައި ފަސް މިލިޔަން ހިމެނިއެއް ނޫންތޯ ފެނާ ނަރުދަމާއަށް. އެކަމަކު އެފަހަރު އެފައިސާ ހަރަދުކުރަންޖެހުނީ ފުނަ ހަރަކާތަށް. އެހެންވީމާ ރައްޔިތުންގެ އިތުބާރެއް ނޯންނާނެ ދެއްތޯ. ބަޖެޓްގަ ހިމަނާފަ ފުނަ ކުޅުނީމަ ކަމަކުނުދާނެ. އަންނަ އަހަރުވެސް ބަޖެޓްގައި ހިމަނާފައި އެބައޮތް. އެކަމަކު އަޅުގަނޑުމެން މަސައްކަތް ފެށޭނެއޭ ބުންޏަސް ސަރުކާރުން އަމަލީ ސިފަ ނުގެންނަ ކަމަށްވާނަމަ ރައްޔިތުން އެކަން ގަބޫލެއްނުކުރާނެތާ!” 2011 ވަނައަހަރުން ފެށިގެން މެދުނުކެނޑި މިހާތަނަށް މާޅޮހު ކައުންސިލްގެ ރައީސްކަމުގައި ހުންނެވި އެމްޑީޕީ މެންބަރު ޝުޖާއު ވިދާޅުވިއެވެ.

ބ. މާޅޮސް

2019 ވަނަ އަހަރުގެ ބަޖެޓްގައި މާޅޮހުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް ގްރީން ފަންޑުން 2.3 މިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ޕީއެސްއައިޕީގެ ދަށުން ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް 33 ހާސްރުފިޔާ ކަނޑައަޅާފައިވެއެވެ. ޝުޖާއު ވިދާޅުވީ ފެނާއި ނަރުދަމާއަށް ސަރުކާރުން ކަނޑައެޅި 2.3 މިލިޔަން ރުފިޔާއަކީވެސް ކުޑަ އަދަދެއްކަމަށާ، އެކަމާމެދު ސަރުކާރާ މަޝްވަރާކޮށް އިތުރު ހައްލެއް މިހާރު ހޯދާފައިވާކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު މިމަޝްރޫއު ފެށޭނެކަމުގެ ޔަގީންކަން ސަރުކާރުންވެސް އެބަދެއްވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

“ދެ މިލިޔަނުން ފެނާ ނަރުދަމާއެއް ނޭޅޭނެ. ބަޖެޓް ބަހުސްގެ ތެރެއިން އެއަދަދު 14 މިލިޔަނަށް މިހާރު ބަދަލުވެސް ވެއްޖެކަން ނޭނގެ. ރައީސް އޮފީހުން އޮބައޮތް އަންގާފަ ވަރަށް ފަހުން ބަދަލުކުރެއްވިކަމަށްވެސް. އަދި އެންމެ އަވަހަށް ފެށޭ ފެނާ ނަރުދަމާގެ މަޝްރޫއުތަކުގެ ތެރޭގައި މާޅޮސް ހިމެނޭނެކަމުގެ ޔަގީންކަން ރައީސް އޮފީހުގެ ޕޮލިސީއާބެހޭ ޑިޕާޓްމަންޓުން ވަނީ ދެއްވާފައި”

ހަސަތޭކައަށްވުރެ ބޮޑު އާބާދީއެއްއޮތް މާޅޮހުގެ ފެންފަށަލަ ހަލާކުވެ، އެރަށުގެ ގިނަ ގޭގޭގައި ފެން ބޭނުންކުރުމުގައި ބޮޑެތި ދަތިތައް ދިމާވަމުން އަންނަކަމަށް ދޭތެރެ ދޭތެރެއިން މާޅޮހު ކައުންސިލުން ދަނީ ބުނަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top