ސްކޫލްކުދިންނަށް މޯބައިލް ޑޭޓާ ދެނީ ހަމައެކަނި ދިރާގު ނަންބަރުތަކަށް ؟!

ް

އެޑިއުކޭޝަން މިނިސްޓަރު، ޑރ.އައިޝަތު އަލީ ދެ ދަރިވަރުންނާއި އެކު

އޮންލައިންކޮށް ކިޔެވުމަށް ބޭނުންވާ މޯބައިލް ޑޭޓާ ފޯރުކޮށްދޭއިރު މިފަހަރު ހަމައެކަނި ދިރާގުގެ ނަންބަރުތަކަށް ޑޭޓާ ދޭން ނިންމާފައިވާތީ ބެލެނިވެރިންނާއި ޓީޗަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭތީ އެކަމަށް އެހީތެރިވުމުގެ ގޮތުން 5ޖީބީގެ މޯބައިލް ޑޭޓާ ދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އަދި އެބުނުމާއި އެއްގޮތަށް ދިރާގާއި އުރީދޫގެ އެހީތެެރިކަމުގައި އެގޮތަށް ޑޭޓާ ފޯރުކޮށްދެމުން ދިޔަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މި މަހުގެ 21 ވަނަ ދުވަހު ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އޮންލައިންކޮށް ކިޔެވުމަށް މިވަގުތު ބޭނުންވާ މޯބައިލް ޑޭޓާ ދިރާގު މެދުވެރިކޮށް ލިބިފައިވާ ކަމަށާއި ޑޭޓާ ދިނުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ޑޭޓާ ބޭނުންވާ ފަރާތްތަކުން ދިރާގުގެ މޯބައިލް ނަންބަރެއް ސްކޫލާ ހިއްސާކުުރުމަށް ވަނީ އެދިފަ އެވެ.

“މިރަށުގައި އުރީދޫ ނަންބަރުތައް ބޭނުންކުރާ ބެލެނިވެރިން މަދެއް ނުވާނެ. އެހެންވީމަ އެ ބެލެނިވެރިންނަށް ޑޭޓާ ލިބޭނެ ގޮތެއް ނެތް. ދެން މި ޖެހެނީ އަލުން ދިރާގު ނަންބަރެއް ހޯދަން. މިއީ ވާނޭ ވަރު ކަމެއް ނޫން،” ބެލެނިވެރިޔަކު ބުންޏެވެ.

އެތައް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ހުއްޓިފައިވާ މިފަދަ ވަަގުތެއްގައި ބެލެނިވެރިޔަކު ނުވަތަ ދަރިވަރަކު ކޮންމެ ނެޓްވޯކެއް ގެންގުޅުނު ނަމަވެސް ޑޭޓާ ލިބޭނެ ގޮތެއް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސަން ޖެހޭނެ ކަމަށް ބެލެނިވެރިން ބުނެ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ މާލެ ސަަރަހައްދުގައި އަދި ވަރަށް ގިނަ ރަށްރަށުގައިވެސް ކިޔަވައިދިނުން ވަނީ އޮންލައިންކޮށްފަ އެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްްކާ ގޮތުން މިވަގުތުވެސް 74 ރަށެއް އޮތީ މޮނިޓަރިންގަ އެވެ. ބައެއް ރަށްރަށުގައި ކޮވިޑް ކޭސްތައް ގިނަވެ ކާފިއުވެސް ދަނީ ހިންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top