ދޮންފަނު އާމިސްކިތް ހުޅުވަން ތައްޔާރުވެއްޖެ

miskiy-1.jpg

ދޮންފަނުގައި އަލަށް ގާއިމްކުރި މިސްކިތް. މިމިސްކިތް މަސައްކަތް ނިމި ހުޅުވަން ވަނީ ތައްޔާރުވެފައި / އީވީ ފޮޓޯ: މުހައްމަދު ސާލިމް

ބ. ދޮންފަނުގައި އަލަށް ސަރުކާރުން އަޅަމުންގެންދާ މިސްކިތުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ދޮންފަނު ކައުންސިލުން ބުނީ އެލް އެފް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދާ މިމަޝްރޫއުގެ މަސައްކަތުގެ ފެންވަރު ވަރަށް ރަނގަޅުކަމަށާ، މިސްކިތް ވަރަށް ރީތިކަމަށެވެ. ދޮންފަނު ކައުންސިލްގެ ޒިންމާދާރުވެރިޔާ، ޑިރެކްޓަރ މުހައްމަދު ސާލިމް އީވީއަށް ވިދާޅުވީ މިސްކިތުގެ މަސައްކަތް ނިމުނު ނަމަވެސް މިސްކިތް ހުޅުވުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ނިންމަންޖެހޭ ބައެއް ކަންކަން އަދި ނުނިމިވާކަމަށެވެ. ނަމަވެސް އަންނަ ބޮޑު އީދުގެ ކުރިން މިސްކިތް ހުޅުވޭނެކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

“މިސްކިތް ވަރަށް ޗާލު. އިސްލާމިކް މިނިސްޓްރީން ސުޕަވައިޒް ކުރަން އަންނާނެކަމަށްވަނީ މަސައްކަތްތައް . ދެން މިނިސްޓްރީން ނިންމަންޖެހޭ ކަންކަން ނިންމައި، ބޮޑު އީދުގެ ކުރިޔަށް މިސްކިތް ހުޅުވޭނެކަމަށް ލަފާކުރެވެނީ” ސާލިމް ވިދާޅުވިއެވެ.

ސާލިމް ވިދާޅުވީ މިހާރު އެރަށުގައި ފިރިހެނުން ބޭނުންކުރާ މިސްކިތް ކުޑަވެ، ބޭރުގައި ނަމާދުކުރާކުރުން، ބޮޑު މިސްކިތް ހުޅުވުމާއެކު ހައްލުވާނެކަމަށެވެ. އަދި އަންހެނުން ނަމާދުކުރުމަށް ހާއްސަބައެއްވެސް ބޮޑު މިސްކިތުގައި ހުންނާނެކަމަށް ސާލިމް ވިދާޅުވިއެވެ.

“މިހާރު މިވާގޮތަކީ ހުކުރުދުވަސްދުވަހު މިސްކިތުން ބޭރުގައި ފެންޑާގެ ތެރޭގައި އެގޮތް މިގޮތަށް ނަމާދުކުރަން މިޖެހެނީ. ރޯދަމަހުވެސް އެފަދަ ހާލެއްގައި. އާމިސްކިތުގެ ކެޕޭސިޓީއަކީ ފައްސަތޭކަ ތިރީސް. އެހެންވީމާ އަންހެނުންނަށް ބައެއް ދީގެންވެސް މިސްކިތް މާބޮޑަށްވެސް މިރަށަށް ފުދޭނެ އިނގޭތޯ” އާމިސްކިތް ހުޅުވުމާއެކު ލިބޭނޭފަސޭހަތަށް ސާލިމް އީވީއަށް ވިދާޅުވެދެއްވިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ދިވެހި ސަރުކާރުން އާމިސްކިތް ބިނާކުރުމަށް ހިންގަމުންގެންދާ މަޝްރޫއުގެ ދަށުން ދޮންފަނުގައި މިސްކިތެއް ބިނާކުރުމަށް އެލްއެފް ކޮންސްޓްރަކްޝަންއާ ހަވާލުކުރީ މިދިޔަ އަހަރުގެތެރޭގައެވެ. މިމަޝްރޫއުގެ ދަށުން ކިހާދޫގައިވެސް މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް ދެއެވެ. އަދި މިއަހަރު އޭދަފުށިގައިވެސް އާ މިސްކިތެއް އަޅަން ފެށޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top