ބ. ތުޅާދޫގައި ހަދަމުންގެންދާ ބަނދަރާ ގުޅިފައިވާ ނެރަށް ވެލިފައިބާ، ނެރު މުޅިން ބެދިދާނެކަމުގެ އިންޒާރު އެރަށު ކައުންސިލުން ދީފިއެވެ.
ކައުންސިލުން މިކަމަށް އިންޒާރުކުރީ އެރަށުގެ ބަނދަރުގެ މަސައްކަތްތަކާ ބެހޭގޮތުން އޭދަފުށި ވޮއިސްއަށް ދިން އިންޓަވިއުއެއްގައެވެ. އެރަށު ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވީ، މީގެ ދެއަހަރެއްހާ ދުވަސްކުރިން ފެށިގެން ކުރިޔަށް ގެންދާ އެރަށު ބަނދަރުގެ ކަނޑުތޮށި ހެދުމުގެ މަސައްކަތާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. އޭނާ ބުނީ މިމަސައްކަތް ލަސްވަމުން ދާތީ، ބަނދަރަށް ވަންނަން ކޮނެފައިވާ ނެރަށް ވެލިއެޅި ނެރު ބެދޭނެކަމަށާ، މިހާރުވެސް އޮޑި ދޯނިފަހަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.
“މިހާރު އެދަނީ އެތަނަށް ވެލިގަނޑު ފައިބައިގެން. އަޅުގަނޑު އެތައް ފަހަރަކު އެދެފިން އެތަން އަނެއްކާވެސް ކޮނުމަށް. އެއްފަހަރު ކޮނެފި. އެހެންނަމަވެސް ކޮނެފަ ފައިކަށީގައި ހިލަ ޖެހުމުގެ މަސައްކަތް ނުފެށި އޮތީމަ މި ވެލިގަނޑު ފައިބަނީ. އެންމެ ފަހުންވެސް މިރަށަށް ހިލަ ހިފައިގެން އައި ބާޖުތައް ބީހިގެން، ހައިމާކު ޖަހައިގެން ދަމާފަ ފަޅަށް މިވެއްދީ.” އެމްޑީޕީ ކައުންސިލަރ ރަޝީދު ވިދާޅުވިއެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް ރަޝީދު އީވީއަށް އިންޓަވިއުދެނީ. ބަނދަރުގެ ނެރު ވެލިއެޅި ބެދިދާނެކަމަށް ވިދާޅުވި / ފޮޓޯ: އޭދަފުށީ ވޮއިސް
ރަޝީދު ވިދާޅުވީ ބެދެމުންދާ ބޮޑުނެރުގެ ސަރަހައްދަށް ދާއިމީ ހައްލެއް ލިބޭނީ ހުޅަނގު ފައިކަށީގައި ޖަހަންޖެހޭ 800 އެއްހާ ދިގު ކަނޑުތޮށި ޖަހައިގެންކަމަށާ، އެކަން އަވަސްކުރުމަށް އެދެމުންދާކަމަށެވެ.
އޭނާ ވިދާޅުވީ 2800 ފޫޓް ދިގު ސަރަހައްދެއްގައި ހިލަޖެހުމަށް ހަމަޖެހިފައިވާ ބަނދަރުގެ ކަނޑުތޮށީގެ ތެރެއިން މިހާތަނަށް ހިލަ ޖަހާ ނިމުނީ އިރުމަތީ ކަނޑުތޮށިން ހަސަތޭކަ ފޫޓެއްހާ ދިގު ސަރަހައްދުގައި ކަމަށާ، މަސައްކަތުގެ ސްޕީޑް ލަސްވުމުގެ ސަބަބުން ކޮންޓްރެކްޓަރ އެމްޓީސީސީއާއި، ކަމާބެހޭ ފަރާތްތަކާ ތަކުރާރުކޮށް މަޝްވަރާ ކުރެވެމުންދާކަމަށެވެ. އެހެންނަމަވެސް މަސައްކަތް އަވަސްވާ ގޮތެއް ނުވާކަމަށް ރަޝީދު ވިދާޅުވިއެވެ.
“ހަމަވަނީ ލަސް. އެއްދުވަހު މަސައްކަތް ކޮށްފަ ހުއްޓިވެސް ދާނެ. އަނެއްކާ ފަށާފާނެ. މިހެން ކޮށްގެން އެއްގޮތަކަށްވެސް ކުރިޔަށްދާގޮތެއް ނުވޭ. އެހެންވީމާ، ފަޅު ބޭނުންކުރާ ފަރާތްތަކަށްވެސް ބޮޑެތި ދަތިތަކެއް ދިމާވޭ”
އެމްޓީސީސީއާ ހަވާލުކޮށްގެން ތުޅާދޫ ބަނދަރުގެ ކަނޑުތޮށި ހެދުމުގެ މަޝްރޫއު ސަރުކާރުން ފެށީ 2014 ވަނައަހަރުގެ ތެރޭގައެވެ. މިމަސައްކަތް ކުރިޔަށް ދާ ސްޕީޑް ލަސްވާކަމަށްބުނެ ތުޅާދޫ ކައުންސިލުން މީގެ ކުރިންވެސް އެތަކެއް ފަހަރު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.