ކުޑަކުޑަ މާޅޮހުން ކުޅުދުއްފުށި ހާސްކޮށްލައިފި

19884311_1806698722680282_6669585718847857798_n.png

ކުޅުދުއްފުއްޓާއި، މާޅޮސް މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން / ފޮޓޯ: ކުޅުދުއްފުށި އޮންލައިން

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ކުޅުދުއްފުށި ކުޅުނު ދެވަނަ މެޗުގައި މާޅޮހާއި ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވުމާއެކު ކުޅުދުއްފުށީ ޓީމުގެ ހާސްކަން އިތުރުވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައި އޭދަފުއްޓާ ވާދަކޮށް ކުޅުދުއްފުށި އެއްވަރުވެފައި ވަނިކޮށް މިއަދުގެ މެޗަށް އެޓީމް ނުކުތީ ސީދާ މޮޅަކަށެވެ. ނަމަވެސް އަލަށް މިފެންވަރުގެ މުބާރާތަކަށް އައި އއ. މާޅޮހު ޓީމްވަނީ އެންމެން ހައިރާންކޮށްލައި، މިއަދުގެ މެޗްގައި ކުޅުދުއްފުށީ ޓީމުން އުފެއްދި ހަމަލާތައް ދިފާއުކޮށްފައެވެ. ކުޅުދުއްފުއްޓާ ކުޅުމުގެ ކުރިން ހުކުރުދުވަހު ކުޅުނު މެޗުގައި މާޅޮހުންވަނީ މިލަންދޫ 2-0ން ބަލިކޮށްފައެވެ.

މޮޅުކުޅުމާއެކު ކުޅުދުއްފުށިން ގިނަ ހަމަލާތަކެއް އުފެއްދި މިމެޗްގައި މާޅޮސް ޑިފެންސާއި، ކީޕަރުގެ މޮޅުކުޅުން ފާހަގަ ވިއެވެ. އަދި ދެވަނަ ހާފްގައި މާޅޮހުން ވަނީ ކުރިޔަށް ޖެހިގެން ކުޅެ ކުޅުދުއްފުށީ ގޯލަށް ވަރުގަދައަށް ހަމަލަ ތަކެއްވެސް ދީފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކުޅުދުއްފުށި ޓީމުގެ ކޯޗު މުހައްމަދު ދާއޫދު މިއަދުވެސް ބުނީ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ނިންމާލުމުގެ މައްސަލަކަމަށެވެ. އޭނާ ބުނީ ދެންއޮތީ މަރުގެ މެޗެއްކަމަށާ، އެމެޗުން މޮޅުވާން މަޖުބޫރުކަމަށެވެ.

މާޅޮސް ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނަސީރު ބުނީ ކުޅުދުއްފުއްޓާ ދެކޮޅަށް ރޭވި ރޭވުންތައް ކާމިޔާބުކަމަށެވެ. އެހެންނަމަވެސް ސަޕޯޓަރުންގެ ސަޕޯޓާހެދި މާޅޮހު ޓީމަށް ދަތިތަކާ ކުރިމަތިވިކަމަށް އޭނާ އެއްބަސްވެއެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުށި އަދި މިލަންދޫ އެވެ. މި މެޗުން މިލަންދޫ ބަލިވެއްޖެނަމަ މުބާރާތުން ކަޓާނެއެވެ. މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ހޯދުމަށް މާދަމާގެ މެޗުން އޭދަފުށި މޮޅުވުން ވަރަށް މުހިއްމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top