ގައުމީ ޔުނިވަސިޓީގެ ގޮތްޕެއް އޭދަފުށީގައި ގާއިމްކުރެވިދާނެ – ޗާންސެލަރ

25316945_10155473482963402_808907961_o.jpg

ގައުމީ ޔުނިވަސިޓީގެ ޗާންސެލަރ ޑރ ލަތީފްއާއެކު އޭދަފުށީ ކައުންސިލްގެ ަރއީސް ތޮލާލް އަދި އޭދަފުށީ ދާއިރާގެ މެމްބަރ ސަލީމް ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އޭދަފުށީ ކައުންސިލް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ގޮތްޕެއް އޭދަފުށީގައި ގާއިމްކުރުމުގެ ފުރުސަތު އެބައޮތްކަމަށް އެޔުނިވަސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޑރ ލަތީފް މިހެން ވިދާޅުވީ އޭދަފުށީ ކައުންސިލްގެ ރައީސްއާއި، އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމްއާއެކު މިހަފްތާ ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ. މިބައްދަލުވުމަށްފަހު އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ މައިގަނޑު މަޝްވަރާތައް ކުރިޔަށްދަިޔައީ އޭދަފުށީގައި ގައުމީ ޔުނިވަސިޓީގެ ގޮތްޕެއް ގާއިމްކުރުމާބެހޭގޮތުން ކަމަށެވެ.

ޗާންސެލަރާ ހަވާލާދެއްވައި ތޮލާލް ވިދާޅުވީ ޔުނިވަސިޓީގެ ގޮތްޕެއް އޭދަފުށީގައި ގާއިމްކުރެވިދާނެކަމުގެ ފެހި ސިގްނަލް ޑރ ލަތީފް ދެއްވިކަމަށެވެ.

“ޑރ ލަތީފް ވިދާޅުވީ އޭދަފުށީގައި ގޮތްޕެއް ގާއިމްނުކުރެވެންވީ އެއްވެސް ސަބަބެއްނެތޭ. ކީއްވެހޭ މިހާދުވަސްވީއިރު ތިކަން ޔުނިވަސިޓީއަށް ހުށަނޭޅި އޮތީ. ލަތީފް ވިދާޅުވީ ޔުނިވަސިޓީގެ ގޮފި ގާއިމްކުރުމަށް ކައުންސިލުން އިމާރާތެއް ދެއްވައިފިއްޔާ ވަރަށް އަވަހަށް ފެށިދާނޭ.” ތޮލާލް ވިދާޅުވިއެވެ.

މިވަގުތު ޗުއްޓީއެއްގައި ހުންނެވި ތޮލާލް ވިދާޅުވީ އެނބުރި އޮފީހަށް ނުކުމެ އެންމެފުރަތަމަ ކައުންސިލަށް ހުށައަޅާ މައްސަލައަކަށް މިމައްސަލަ ހައްދަވާނެކަމަށާ، ޔުނިވަސިޓީގެ ގޮތްޕެއް އަންނަ އަހަރުތެރޭގައި އޭދަފުށީގައި ގާއިމްކުރުމަށް ވަރަށް މަސައްކަތް ކުރައްވާނެކަމަށެވެ.

“ޔުނިވަސިޓީގެ ގޮތްޕެއް އޭދަފުއްޓަށް ވަރަށް މުހިއްމު. ކައުންސިލުގެ ބެލުމުގެ ދަށުގައި އެބަހުރި ޔުނިވަސިޓީގެ ގޮފި ހިންގޭނެވަރުގެ އިމާރާތްތައް. އެފަދަ ތަނެއް ހަމަޖެހޭ ލުއިގޮތަކަށް ޔުނިވަސިޓީއަށް ދީގެންވިޔަސް އެކަން ކުރަން އަޅުގަނޑު ކައުންސިލަށް ހުށައަޅާނަން”

ގައުމީ ޔުނިވަރސިޓީގެ ގޮތްޕެއް އޭދަފުށީގައި ގާއިމްކުރުމުގެ މަޝްވަރާ ކައުންސިލާ، ޔުނިވަސިޓީއާ ދެމެދު ކުރިއިރު އެޔުނިވަސިޓީން އޭދަފުށީގައި މިވަގުތު ބްލޮކް މޯޑަށް ޑިގްރީ ކޯހެއް ހިންގަމުންވެސް ގެންދެއެވެ. ގައުމީ ޔުނިވަސިޓީގެ އިތުރުން މައިކޮލެޖާ، ވިލާ ކޮލެޖުންވެސް ބްލޮކް މޯޑަށް އޭދަފުށީގައި ދަނީ މަތީތައުލީމްގެ ކޯސްތަކެއް ހިންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top