ހުއްދަނެތި ރަށުންބޭރު އުޅަނދުފަހަރު އޭދަފުއްޓަށް ނޭހެލުމަށް އޭދަފުށީ ކައުންސިލުން އާންމުކޮށް އަންގައިފިއެވެ.
އޭދަފުށީ ކައުންސިލުން މިގޮތަށް އެންގީ އެކައުންސިލުން މިކަމާ ގުޅިގެން ކުރެއްވި އިޢްލާނެއްގައެވެ. ކައުންސިލްގެ އިޢްލާންގައިވަނީ މިހާރަކަށް އައިސް ކައުންސިލަށް ނޭނގި ރަށުންބޭރު ފަރާތްތަކުގެ ގިނަ އުޅަނދުފަހަރު ދޯނި އެހެލާ ސަރަހައްދަށް އެހެލަމުންދާކަމަށާ، އެފަދަ އުޅަނދު މީގެފަހުން އެހެލައި މަރާމާތުކުރަންވާނީ ކައުންސިލްގެ ހުއްދަ ލިބިގެން ކަމަށެވެ.
އޭދަފުށީ ކައުންސިލްގެ މެމްބަރ ނައުޝާދު އަހްމަދު އީވީއަށް ވިދާޅުވީ މިގޮތަށް އަންގަންޖެހުނީ ކުރިން އެނގުމަކާނުލައި ރަށުން ބޭރު އުޅަނދުފަހަރު އެހެލައި، ގިނަދުވަސްތަކަކު ބޭއްވުމުގެ ސަބަބުން އޭދަފުށީގެ ދޯނިއެހެލާ ސަރަހައްދަށް ދިމާވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ ރަށުން ބޭރުވިޔަސް، ރަށުގެ އުޅަނދެއްވިޔަސް މަރާމާތަކަށް އެހެލާނަމަ، ކައުންސިލަށް ކުރިން އެނގުން މުހިއްމުކަމަށެވެ.
“އޭދަފުށި ހިއްކިފަހުން މިހާރު ދޯނިއެހެލާ ސަރަހައްދުގައި މިއޮންނަނީ ވަރަށް ކުޑަ ޖާގައެއް. ދެތިން ހަތަރު ދޯންޏެއް އެއްފަހަރާ އެހެލާ ހެދެން މިއޮތީ، މިހެން އޮއްވާ މިދިމާވާ މައްސަލައަކީ ކައުންސިލަށް ނޭގި ރަށުން ބޭރު އުޅަނދެއް އެހެލާފާނެ މަރާމާތަކަށް ނޫނީ ގިނަ ދުވަސްތަކަކަށް. އެހެންވެއްޖިއްޔާ ވަރަށް ބޮޑަށް ދަތިވޭ އެބަ ރަށުގެ އާންމު އުޅަނދުފަހަރު އެހެލާހަދަން” ނައުޝާދު ވިދާޅުވިއެވެ.
ނައުޝާދު ވިދާޅުވީ މިފަދަ ބޭނުންތަކަށް އެހެލާ އުޅަނދުފަހަރަށް މީގެފަހުން ހުއްދަދޭނީ އެއުޅަނދެއް މަރާމާތުކުރަން އެހެލި ނަމަވެސް އާންމުކޮށް ބޭނުންކުރާ އޮޑިވަޅުތަކަށް ދަތިނުވާނޭގޮތަކަށް ކަމަށެވެ.
“މަރާމާތަށް އެހެލަންޏާ ގެންދަންވާނީ އޮޑިވަޅުތަކާ ދުރު ހިސާބަކަށް. އެގޮތަށް ހެދީމާ ވަރަށް ބޮޑު ލުއިފަސޭހަކަމެއް އަންނާނެ. އަނެއްކާ އޮޑިވެރިންނަށްވެސް ޝަކުވާ ކުރުމުގެ ފުރުސަތެއް އޭރަކުން ނޯންނާނެ”
ފަންސާހަށްވުރެ ގިނަ ފުރާ ދުއްވާ އުޅަނދުފަހަރު ހުރި އޭދަފުށީގައި ބިންހިއްކުމުގެ ކުރިން އޮޑިދޯނި ފަހަރު އެހެލުމަށް އާންމުކޮށް ބޭނުންކުރަމުން ގެންދިޔައީ ރަށުގެ ދެކުނުފަރާތާއި، ހުޅަނގު އަދި އިރުމަތީ ފަރާތެވެ. ނަމަވެސް 2014 ވަނައަހަރު ބިންހިއްކިފަހުން އޮޑިދޯނިފަހަރު އެހެލައި، މަރާމާތުކޮށް ހަދަނީ ކައުންސިލުން ހުޅަނގު ކޮޅުގައި ހަދާފައިވާ ދޯނިއެހެލާ ސަރަހައްދުގައެވެ.