ފެރީގެ ނިޒާމުން ރާއްޖެ ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

b_3YBfPiH6wmoYZsQDKKgec6MXH.jpg

ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރާއި އެމްޓީސީސީއާ ދެމެދު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ވަން ފޮޓޯ: މުހައްމަދު އައުޒަމް

ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރާއި އެމްޓީސީސީއާ ދެމެދު ފްރޭމްވޯކް އެގްރިމެންޓެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ބޮޑު ސަރަހައްދެއް އޮތް ދިވެހިރާއްޖޭގެ ވަކި ވަކިން އޮތް އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ އަވަސް ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެމްޓީސީސީއަށް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔަ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި ހިމެނޭ ހުރިހާ ރަށެއް ފެރީ ވިއުގައަކުން ގުޅާލުމަށް ވަނީ ނިންމައިފަ އެވެ. އަދި މަޝްރޫއުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރިހަމަ ކުރަންޖެހެ އެވެ.

މި މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ސޮއިކުރެއްވުމަށްފަހު އާޒިމް ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގެ ޖުމްލަ 41 ރަށަކަށް ހިދުމަތް ދެވިގެންދާނެ ކަމަށެވެ. އެ ދަތުރުތަކުގައި 14 ލޯންޗެއް ބޭނުންކުރާއިރު، ތިން ބެކަޕް ލޯންޗެއް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހަފްތާއަކު ހަތް ދުވަހު ހިދުމަތް ދިނުމަށް ކަމަށެވެ. އަދި މީހުން ގިނަ ސަރަހައްދުތަކުގައި ދުވާލަކު ދެ ދަތުރު ކުރަންޖެހޭއިރު އެއާޕޯޓް އަދި ހޮސްޕިޓަލްތަކަށް ކޮންމެ ދުވަހު ދަތުރުކުރަން ޖެހޭނެ ކަމަށް ޝަރުތު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން މި ދަތުރުތަކުގައި ބޭނުންކުރާ ލޯންޗުތަކަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް އަރައި ފޭބޭނެ ގޮތަށް ފަރުމާކޮށްފައި ހުންނަން ޖެހޭނެ ފަދަ ލޯންޗުތަކަކަށް ވާންޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ޝަރުތު ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި މަޝްރޫއު ހިންގުމަށް ފައިސާގެ ދަތިކަމެއް ނެތް ނަމަވެސް، ލޯންޗުތަކަށް ބޭނުންވާ އިންޖީނުތައް ޖަޕާނުން ލިބުމުގައި ދަތިތަކެއް ހުރެދާނެ ކަމަށެވެ. ނަމަވެސް ލޯންޗުތަކުގައި ބޭނުންކުރާނީ ޔަންމާ އިންޖީނުކަމުން، ލޯންޗުތަކަށް ބޭނުންވާ އިންޖީނުތައް ވަގުތަށް ޑެލިވަރީ ކުރުމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި މި ގާއިމް ކުރެވޭ ފެރީގެ ނިޒާމުގައި ހިމެނޭ އުޅަނދު ތައްވެސް އުފައްދާނީ ރާއްޖޭގެ ބޯޓް ބިލްޑަރުން ކަމަށް އާދަމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top