ބ.ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފިއެވެ.
އެމްޑަބްލިއުއެސް އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަަސައްކަތް ރަސްމީ ކޮށް އިފްތިތިހާހު ކޮށްފައިވަނީ މިއަދު އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމްއާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ގޮއިދޫއަށް ގެނެސް ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ހިންގާ ފެނުގެ ނިޒާމް ބެލެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގްގެ 31 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށްވެސް ބުންޏެވެ.
އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 15.9 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކު ގާއިމްކޮށް އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓައި ފެން ރައްކާކުރުމަށްޓަކައި 300 ކިއުބިކް މީޓަރުގެ ދެ ތާނގީ ބަހައްޓަން ނިންމާފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.
ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 8.7 ކިލޯމީޓަރުގެ ދިގު ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކް ގާއިމްކޮށް 1.1 ކިލޯމީޓަރުގެ ޕަންޕިން ލައިން އަޅައި ތިން ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމްކުރާނެ އެވެ.
އޭގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެގެތަކަށް ނަރުދަމާގެ ނިޒާމްގެ ހިދުމަތް ފޯރުކޮށްދިނުމާ ފެނާއި ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ ޖެނެޜޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ.
ޖުމްލަ 46.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭ މި މަޝްރޫއު 22 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.