ކެލާ އަލިމަނިކު ނިޔާވެއްޖެ

viber_image_2021-12-07_12-42-30-106.jpg

އަލް މަރްހޫމް، ކެލާ އަލީ އިބްރާހީމް މަނިކު

އޭދަފުށީގެ ތައުލީމަށް ގިނަ ދުވަސްތަކެއް ވަންދެން ވިޔަނުވާ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްއުސްތާޒް އަލީ އިބްރާހީމް މަނިކު (އަލިބެ) މިއަދު ނިޔާވެއްޖެއެވެ.

އޭދަފުށީގައި ދިރިއުޅުއްވައި އާއިލާއެއްވެސް އޮތް ހއ.ކެލާއަށް ނިސްބަތްވާ އަލިބެ ނިޔާވީ ފުއްޕާމޭގެ އާލާސްކަންފުޅެއްގައި ގިނަދުވަސްތަކެއްވަންދެން ބަލިވެ އުޅުއްވުމަށްފަހު މިއަދު ހެދުނު 7:45 ހާއިރު މާލޭގައެވެ. ނިޔާވިއިރު އަލިބެގެ އުމުރަކީ 78 އަހަރެވެ.

އަލިބެގެ ހިދުމަތްތަކަށް ބަލާއިރު އެންމެ އުސްއަލިތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ އޭދަފުށީގެ ބަހިއްޔާ ސްކޫލަށް ކޮށްދެއްވާފައިވާ ހިދުމަތްތަކެވެ.

ގ.ސޯސަނީ އަލްއުސްތާޒް މުހައްްމަދު ލުތުފީ، ބަހިއްޔާގެ ޚިދުމަތުން ވަކިވެ ވަޑައިގަތުމުން ލިބުނު ފަޅުކަމާއި ހުސްކަން ފޫބެއްދެވުމަށް 1965ވަނަ އަހަރު ބަހިއްޔާގެ ހިންގެވުމާ ހަވާލުވެ ވަޑައިގެން އަލިބެ ކުރެއްވި ބުރަމަސައްކަތަކީ ބަހިއްޔާގެ މުސްކުޅިދަރިވަރުންގެ ހިތުން މިއަދުވެސް ފިލައިގެން ނުދާނެ ހަނދާން ތަކެކެވެ. ފޮތުން ދޭ ތައުލީމުގެ އިތުރުން ފައިންއާޓްސް އާއި ފިޒިކަލް އެޑިއުކޭޝަން ކިޔަވައިދެއްވައި އެދުވަސްވަރުގެ ދަރިވަރުން ތައުލީމީ ގޮތުން ފުރިހަމަ ދަރިވަރުން ތަކަކަށް ހެއްދެވުމާއެކު ހަށިހެޔޮ ދުޅަހެޔޮ ބަޔަކަށް ހެއްދެވުމަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކޮށްދެއްވިއެވެ. ދަނޑުވެރިކަމަށް ހޭލުންތެރި ކުރުވުމާއި،  ބަހިއްޔާގައި އެންމެ ފުރަތަމަ އިނގިރޭސި ނަމެއް ކިޔާ ހަފްތާ ނޫހެއް (ވީކްލީ ބްރެއިން ޓީޒަރ) ނެރެދެއްވައި ދަރިވަރުން ނޫސްވެރިކަމަށް އަހުލުވެރި ކޮށްދެއްވި އެވެ. ކެޑޭޓް ކޭމްޕްތަކުގައި ނައިފަރަށާއި މާލެއަށް ދަރިވަރުންނާ އެކު ވަޑައިގެން ބަހިއްޔާގެ ނަން ރާއްޖޭގެ ހަތަރު ބިތުގައި ވިދުވައިލި އެވެ. ބސމދ ޖަމިއްޔާގެ ޅަފަތުގައި ޖަމިއްޔާގައި ހަރަކާތްތެރިވެ އުޅުއްވަމުން ޖަމިއްޔާގެ ފުޓުބޯޅަ ޓީމްގެ ކުޅުންތެރިއެއްގެ ގޮތުންނާއި އޮފިޝަލެއްގެ ގޮތުން ޓީމާއެކު މާލެއަށް ވަޑައިގެން ގައުމީ ފުޓުބޯޅަ މުބާރާތް ތަކުގައި ބައިވެރިވެ ރީތި ނަން ހޯއްދަވައިދެއްވި އެވެ.

ފުޓުބޯޅައިގެ ދަނޑުގައިވެސް އަލިބެ ދައްކައިދީފައިވަނީ އާދައިގެ ކުޅުމެއް ނޫނެވެ.

ހަނދާންވާ ގޮތުގައި އެއީ 1968 ނުވަތަ 69 ވަނަ އަހަރެވެ. ގައުމީ ފުޓުބޯޅަ މުބާރާތުގައި މާލޭގައި މޫން ސްޓާރ ސްޕޯޓްސް ކްލަބާ ވާދަކޮށްގެން 15 ލަނޑު ސުމަކުން ޖަމިއްޔާ މޮޅުވި މެޗުގައި އޭނާވަނީ ހަތް ލަނޑުޖަހައިގެން ޑަބަލް ހެޓްރިކް ހަދާފައެވެ. މިއީ ގައުމީ މުބާރާތެއްގައި މިއަދާ ހަމައަށް އައިއިރުވެސް އެއްވެސް ކުޅުންތެރިއަކަށް އާދެވުނު ހިސާބެއް ނޫނެވެ.

އަލިބެއަކީ އަތްތެރި މަސައްކަތުގެވެސް ކުޅަދާނަ މާހިރަކަށް ވާތީ ރާއްޖޭގެ ގައުމީ އަތްތެރި މަސައްކަތުގެ މައުރަޒުގައިވެސް އޭދަފުށީގެ ސްޓޯލް މުއްސަނދި ކޮށްދެއްވައި ރަންވަނަތައް ހޯއްދަވައި ދެއްވިއެވެ.

މިހިސާބުންވެސް އަލިބެގެ ތައާރަފެއް ނުނިމެއެވެ. އަލިބެއަކީ މުގައްރިރެކެވެ. މުދައްބިރެކެވެ. މޮޅު ގާނޫނީ ވަކީލެކެވެ. ޝާއިރެކެވެ. އަދީބެކެވެ. ފެހުންތެރިއެކެވެ. އަތްތެރި މަސައްކަތުގައި ތަފާތު ދާއިރާތަކުގައި އަރާހުންނެވި އިލްމުވެރިއެކެވެ. އަލިބެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ބ.އަތޮޅުގެ ޚާއްސަ މަޖިލީހުގެ މެންބަރު ކަމާއި ހއ.އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައެވެ.

އަލިބެގެ ޚިދުމަތް ތަކާބެހޭ ގޮތުން ”އޭދަފުށީވޮއިސް“ގައި 2014ވަނަ އަހަރު ފެބުރުވަރީ މަހު ”އޭދަފުށީގެ ތައުލީމީ ދުވެލި“ ރިޕޯޓުގައި ލިއެފައިވެއެވެ.

”އަލިބެ، ބަހިއްޔާގައި ކެޑޭޓް އުފައްދަވައި 1965 ވަނަ އަހަރު ކެޑޭޓް ކޭމްޕެއްގައި ފުރަތަމަ މާލެ ދިޔަ މަދަރުސާ އަކީ ބަހިއްޔާ ކަމުގައި ހެއްދެވިއެވެ. ރަން އަކުރުން ފާހަގަކޮށްލެވޭ އަނެއް ރެކޯޑަކީ އޭރު ބަހިއްޔާގެ އެންމެ މަތީ ކްލާހުގައި ކިޔަވަމުން ގެންދިޔަ ކުދިންކޮޅެއް އެއް ނަންބަރު ކާތިބުކަމުގެ ސަނަދު ނެގުމަށް މާލެ ފޮނުވާ އެކުދިންގެ އުމުރުން އެންމެ 14 އަހަރުގައި އެކަން ކާމިޔާބު ކޮށްދެއްވި ކަމެވެ. މިއީ އޭގެ ކުރިން ރާއްޖޭގެ އެއްވެސް މަދަރުސާ އަކަށް އާދެވުނު ހިސާބެއް ނޫނެވެ. ރާއްޖެތެރޭގެ ސްކޫލަކުން ކިޔަވައި ނިމިގެން ސަނަދު ނަގަން މާލެ ދިޔަނަމަވެސް މާލޭގެ މަދަރުސާ އަކުން ނުވަތަ ޚާއްޞަ ކްލާހަކުން އިތުރަށް ކިޔަވައިގެން ނޫނީ ސަނަދެއް ނުނެގެއެވެ. އެހެން ނަމަވެސް ބަހިއްޔާގެ މި ދަރިވަރުން މާލެގޮސް ސަނަދު ނެގީ އިތުރު ތަނަކުން ނުކިޔަވައެވެ.“

އަލިބެ ނިޔާވިޔަސް އަލިބެގެ އެ ޚިދުމަތްތަކާއި އެ ހަނދާންތަކަށް ނިމުމެއްނެތެވެ. އެހަނދާން ތަކުގެ ވަސް އޭދަފުށީގެ ބިމަކުން ނުފިލާނެ އެވެ. ޅެންވެރިޔާ ވިދާޅުވެފައިވާ ފަދައިންނެވެ.

”ޚިދުމަތެއް ކުޅަ ނަމަ އެ ޚިދުމަތް ދާއިމަށް ދިރިދިރިމެވާށި،

ވިދުމުގައި ގަދަރާ ނަމާ އަބަދަށް ޓަކައި ގާއިމުވެދާށި“

”ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް،

 ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާ އަކަށް ނިމުމެއްނެތޭ “

އަލިބެ ނިޔާވިއިރު އެންމެ ފާހަގަކުރެވޭ ބޭފުޅަކީ ދީނީ އިލްމުވެރިޔާ ފައްޔާޒު އަލި މަނިކު އެވެ. ދެން ތިއްބެވި އަންހެން ދެ ބޭފުޅުންގެ އިތުރުން ކާފަ ވިދާޅުވާ ދިހަ ބޭފުޅުންނާއި މުނިކާފަ ވިދާޅުވާ ބޭފުޅަކު އެބަހުންނެވި އެވެ.

އަލިބެގެ ޖަނާޒާގެ ކަންތައް ކުރިއަށް ދާއިރު މިއަދު އަސުރު ނަމާދަށްފަހު މާލޭގެ އާ ސަހަރާ މިސްކިތުގައި ކަށުނަމާދު ކުރުން އޮންނާނެ ކަމަށް އާއިލާއިން މައުލޫމާތު ދެއްވައެވެ.

މާތް ﷲ އަލިބެއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top