ބ.ކެންދޫން ކޮވިޑް ރޯގާ ފެނިގެން ރަށް ބަންދުކޮށް މޮނިޓަރިންގގައި އޮތުމަށްފަހު މިއަދު މޮނިޓަރިން އުވާލައި ރަށް ހުޅުވާލައިފި އެވެ.
ކެންދޫ ހުޅުވާލާފައި ބަލި ފެތުރިފައިވޭތޯ ޔަގީން ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވް ވުމުންނެވެ.
މިކަމާ ގުޅިގެން އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމުން މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.
މޮނީޓަރިންގެ ހާލަތު އުވާލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިޔަށް ގެންދިޔުމުގެ ގޮތުން މާސްކު އެޅުމާއި ގިނަ ގިނައިން އަތް ދޮވުމާއި ގައިދުރުކަން ބެހެއްޓުމަށް ކެންދޫ ހެލްތު ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.
ކެންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.
އެރަށުން މުޅި ޖުމްލަ 1109 ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން 77 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ އެންމެ މީހެކެވެ. އެރަށުން އެންމެ ފަހުން މީހަކު ޕޮޒިޓިވް ވެފައިވަނީ އިއްޔެއެވެ.
ކޮވިޑުން ސަލާމަތްވެ ކެންދޫ އާއްމު ހާލަތަށް ބަދަލުވެފައިވާއިރު ބ.އަތޮޅުގައި ކޮވިޑްޖެހިގެން މޮނީޓަރިން ގައި އެންމެ ފަހުން އޮތް ތުޅާދޫއާއި އޭދަފުށިވެސް ވަނީ އާއްމު ހާލަތަށް ބަދަލު ކޮށްފަ އެވެ.