ރަން މެޑެލް: އޭދަފުށީގެ އަންހެނުން ފުޓުބޯޅައަށް ހޭލައްވައިލި ”ކައްޕި“

cover.jpg

(ގައްޔޫމް ނަސީރު)

”ރަން މެޑެލް“މި ސެގްމެންޓަކީ ކުޅިވަރުގެ ދަނޑުތަކުގައި ބ. އަތޮޅު ކުޅުންތެރިން ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ރަށުފެންވަރުގައި ހޯދާފައިވާ ރަންމެޑެލްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދާ ސެގްމެންޓެކެވެ. ބޭނުމަކީ އެފަންނާނުންގެ ފަހަތުން އާ މެޑެލްތަކެއް ހޯދާނެ އާ ކުޅުންތެރިންތަކެއް އުފެދިގެން ދިއުމެވެ.

މި ފަހަރުގެ މެހްމާނަކީ 27 ޓްރޮފީއާއި 6 ރަން މެޑެލް ހޯދާފައިވާ ”އޮއިއްޓޭ“އެވެ

އެކަމަކު ތިޔަ ހީކުރުން ރަނގަޅެއް ނޫނެވެ. މިދައްކަނީ މުޅިން އެހެން އޮއިއްޓޭ އެއްގެ ވާހަކައެވެ. އޭދަފުށީގައި އަންހެނުންގެ ފުޓުބޯޅަ ތައާރަފްކޮށް އޭދަފުށީ އަންހެނުން ޚާއްސަކޮށް ފުޓުބޯޅައަށް ހޭލައްވާލި ”އަންހެނުނުންގެ ރޫހު” ގެ ވާހަކަ އެވެ. އެއީ އަންހެނުންނަށް ކުރެވޭނެކަން ކުރެވިދާނެކަން އަމަލުން ދައްކައިދިން އޭދަފުށީގައި ބާއްވަމުން އަންނަ އަންހެނުންގެ ފުޓްބޯޅަ މުބާރާތްތަކުގައި އިދިކޮޅު މުޅި ޓީމް އެއްކޮށް ދިފާއަށް ކުޅެން މަޖްބޫރު ކުރުވާ ކުޅުންތެރިޔާ އެވެ. އަންހެނުންގެ ފުޓުބޯޅައިގެ އާ ޖީލެއް އުފެއްދުމަށް މަސައްކަތްކުރާ ކޯޗް އަދި ކުޅުންތެރިޔާ އެވެ. އަދި އެއް ވާހަކައެވެ. އޭނާއަކީ މޮޓޯސައިކަލް ލައިސަންސް ނަގައިދޭ ރާއްޖޭގެ މަދު އިނިސްޕެކްޓަރުންގެ ތެރޭގައި ހިމެނޭ އެއް ފަނޑިޔާރެވެ. އޭދަފުށީ ވެލިރާޅުފަށުގޭ އައިޝަތު ރަޝީދާއެވެ. އެކަމަކު އަހަރެމެން އެންމެން އެ ނަމަކުން މުޚާތަބްކުރާ އޮއިއްޓޭ އެވެ.

ފުޓުބޯޅައިގެ ދަނޑުގައި މަޝްހޫރު ”އޮއިއްޓޭ” އީވީއަށް އިންޓަވިއު ދެނީ –ރާޔަން ފޮޓޯ

ފުޓުބޯޅައާއި އޭނާއާ އޮތް ގުޅުމުގެ ވާހަކަ ފެށެނީ އުމުރުން 7 އަހަރާ ހިސާބުންނެވެ.

”އޭރު ގޭ ކުރިމަތީގަ އޮންނާނެ ފުޓްބޯޅަ ދަނޑެއް. އެތަނުގައި ކުދިން ކުޅޭ ތަން އަބަދު މި ފެންނަނީ. އެހެންވެ ކުޅޭހިތް ވީ.”

އެކަމަކު އެއީ ފިރިހެން ކުދިންނެވެ. އަންހެނަކަށް ވީތީވެ ފިރިހެން ކުދިންނާއެކު ކުޅުމަކީ މައްސަލައެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންވެ ފުރަތަމަ ކުޅެން ފެށީ އެކުދިންނާއެކުއެވެ.

ފުޓުބޯޅަ ކުޅޭ ހިތްވާލެއް ބޮޑުކަމުން އޭރު އައިސްތު ސްކޫލަށް ދާނީވެސް ދަނޑަށް ވަދެ ކުޅެލާފަ އެވެ. ލިބޭ ހުސްވަގުތުތަކުގައިވެސް ގިނައިން އުޅޭނީ ދަނޑުގަ އެވެ. ދަނޑުގައި ކުޅުންތެރިއަކު ނެތްނަމަ އެކަނިމާ އެކަނި ވިޔަސް ކުޅެލުމަކީ އެންމެ ހިތްހަމަޖެހޭ ކަންތަކެވެ. އެގޮތަށް ކުޅެމުން ގޮސް އުމުރުން 14 އަހަރު ވީއިރު އޭނާވަނީ އެފުރައިގެ މޮޅު ފިރިހެން ކުޅުންތެރިންނާ ވާދަވުރެވޭ ފެންވަރަށް ކުރިއަރާފަ އެވެ.

އައިސްތުގެ ކުޅުން އެންމެ ގާތުން ބަލަމުން އެކަމަށް ހިތްވަރުދެމުން އައީ 90ގެ އަހަރުތަކުގައި އޭދަފުށީ ދަނޑުން ވިދާލި، މިހާރު އޭދަފުށީގައި ފުޓްބޯޅަ މުބާރާތްތައް ބާއްވަމުން އަންނަ އޭދަފުށީ އެވަރޗާންސް މުހައްމަދު ރަޝާދެވެ. ރަޝާދުގެ ގެވެސް ހުންނަނީ މިދަނޑުގެ ކުރިމަތީގައެވެ.

އެއްފުރައިގެ އަންހެން ކުދިންގެ މެދުގައި އޭރުވެސް މިހާރެކޭ އެއްގޮތަށް ރަޝާދު އައީ ކުދިކުދި މުބާރާތްތައް ބާއްވަމުންނެވެ.

އޮއިއްޓޭ އަކަށް ވީ ކިހިނެއް ؟

“އެދަނޑުގައި އައިޝަތު ރަޝީދާ ކިޔާ ދެކުޅުންތެރިން ކުޅޭ. ދެ ކުޅުންތެރިން ކުޅެނީވެސް އެއް ޓީމެއްގައި. އެއީ ފެހިގޭ އައިޝަތު ރަޝީދާ އާއި އަހަރެން. އެހެންވެ ކުޅޭ މީހުންނަށް އޮޅެން ފެށީ. ހަމަ އެދުވަސްވަރު ގައުމީ ޓީމްގައި ވެސް އޮއިއްޓޭއެއް އުޅޭ. އޭނާގެ ނަމުން އަހަންނަށް ގޮވަން ފެށީ. ނޭނގެ ކީއްވެގެން ކަން އަދިވެސް. ފިރިހެން ކުޅުންތެރިއެއްގެ ނަމަކަށް ވެފައި އަހަރެން ދަންނަ ކުޅުންތެރިއަކަށް ނުވިޔަސް .” 31 އަހަރުގެ އައިސްތު ބުންޏެވެ.

އޮއިއްޓޭގެ ކުޅުމާ އައިސްތުގެ ކުޅުން އެއްގޮތްވަނީ ކަމަށް ވެދާނެއެވެ.

ސްކޫލް ނިމުނުއިރު އައިސްތުވަނީ އޭދަފުށީގައި އެފަދަ ދެވަނަ އެއް ނެތް ވަރަށް ފުޓުބޯޅައިގާ ކުރިއަށް ގޮސްފަ އެވެ. އޭނާގެ ކުޅުން ފެނި އެ ކުޅުމުގެ މޮޅުކަން އޭދަފުށީގެ ކަނޑުއޮޅިތަކުން ނުކުމެ އެންމެ ފަހުން ގައުމީ ޓީމާ ހަމައަށްވެސް ދިޔައެވެ.

“ގައުމީ ޓީމުން ގުޅި. ސްކޫލް ނިންމާލި ތަނާ. އެކަމަކު އެހާ ދާހިތް ނެތީ. އެވަރަށް ކުޅެވޭ ކަމަށް ގަބޫލު ވެސް ނުކުރެވެނީ.”

އައިސްތު އައީ ރަށުގައި ހުރެގެން ފުޓުބޯޅަ ކުޅެމުން ފުޓުބޯޅަ ކުޅޭ އަންހެން ޓީމެއް އުފެއްފޭތޯ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި ކުރިއަށް ދިޔަވަރަކަށް ސަޕޯޓަރުން އިތުރުވިއެވެ. ފުޓުބޯޅަ ކުޅޭ އަންހެން ކުޅުންތެރިންތަކެއްވެސް އުފެއްދިއެވެ.

މިއަދުގެ ހަގީގަތަކީ އޮއިއްޓޭއަކީ އޭދަފުށީ ފުޓުބޯޅައިގެ އެންމެ އަލިގަދަ ތަރިއެވެ.

“ގަލްފު ޓީމްގަ މިރޭ އޮއިއްޓޭ ކުޅޭނެ. އެއީ ވާދަކުރަން އެންމެ އުދަނގޫ ޓީމް.  އޮއިއްޓޭ ހިފެހެއްޓުން  ވާނީ ވަރަށް ބޮޑު ޗެލެންޖަކަށް.” މިއީ އަންހެން ފުޓްސަލް ނުވަތަ ފުޓްބޯޅަ މުބާރާތެއް އޮންނަ ނަމަ އިވޭ އެންމެ ބާރު އަޑު އަޑެވެ.

އޭދަފުށީ އަންހެން ފުޓްބޯޅަ ޓީމްތަކުގެ ތެރެއިން ”ގަލްފް ޓީމް” އެހާ މަޝްހޫރު ވަނީ އެޓީމަކީ އައިސްތުގެ ޓީމް ކަމަށް ވާތީ އެވެ.

ބ.އަތޮޅުގެ އެއް ނަންބަރު ކުޅުންތެރިޔާގެ މަގާމަށް އޭނާ އައީ ކޯޗެއްގެ އެހީތެރިކަމެއް ނުހޯދަ އެވެ. ފަންނީ މީހެއްގެ ލަފާއަކާވެސް ނުލައެވެ. ދެން ކިހިނެއްހެއްޔެވެ.

”ހަމަ ގިނަގިނައިން ކުޅެކެޅެ ދަސްވީ .ކުދިންނާއެކުވެސް އަދި އަމިއްލައަށް އެކަނިވެސް ގިނަގިނައން ކުޅެގެން .އެކަމަކު މޮޅު ފުޓްބޯޅަ ކުޅުންތެރިން ކުޅުމުގައި ގެންގުޅޭ ހުނަރުވެސް ދިރާސާ ކުރަން.”

”އައިސްތުގެ ފުޓްބޯޅަ ކުރު ކެރިއަރގައި ހޯދި ގިނަ ކާމިޔާބުތަކާއެކު އަތޮޅު މުބާރާތްތަކުގައި މާޅޮސް އަދި ގޮއިދޫ ގައި ކުޅުނު މުބާރާތް ތަކުން އެންމެންގެ ސަމާލުކަން ވަނީ ހުއްޓުވާފައެވެ.

”ޚާއްސަކޮށް ގޮއިދޫ މުބާރާތް ހަނދާން ނައްތާނުލެވޭނެ. އެއީ ގައުމީޓީމް ޕްލޭޔަރުން ވާދަކުރި މުބާރާތެއް. 2019 ގަ މުބާރާތުގަ ހުރިހާ މަގާމެއް ހޯދިން . ޓޮޕް ސްކޯރަރ. ބެސްޓް ޕްލޭޔަރ އަދި ކޮންމެ މެޗެއްގެ ކްއިން އޮފް ދަ މެޗް.”

ގައުމީ ޓީމް ކުޅުންތެރިންނާ ވާދަކޮށް މިހުރިހާ މަގާމެއް ލިބުމަކީ ކޯޗަކާނުލައި އަމިއްލައަށް ކެރިއަރު ބިނާކޮށް ކުރިއަރަމުން އައިކުއްޖަކަށް މަދުން ނޫނީ ނުލިބޭނެ ކާމިޔާބެކެވެ.

މި ފަޚުރުވެރި ކާމިޔާބާއެކު މުބާރާތް ނިންމާލި ތަނާހެން ދޮންފަނުގަ އޮތް މުބާރާތަށްވެސް ދައުވަތު ލިބުނެވެ. އެކަމަކު އަނިޔާވެފައިހުރިމާ ނުދެވުނީއެވެ. މީގެ އިތުރުން އައިސްތު އެންމެ ފާހަގަ ކުރަނީ އޭދަފުށީގައި އޮންނަ ”ލޮބިން ފުޓްސަލް ޗެލެންޖް“ އެވެ. 

އޭނާގެ ބޭނުމަކީ އޭދަފުށީގައި މޮޅު ކުޅުންތެރިން ތަކެއް އުފެއްދުމެވެ. ކޯޗެއްގެ ގޮތުންނާއި ކުޅުންތެރިއެއްގެ ގޮތުން އެކަންތައް ވަރަށް ބަރާބަރަށް ކުރަމުންވެސް މެއެވެ.

އެގޮތުން އެކެޑަމީ ކޯޗެއްގެ ގޮތުގައި އަދި ޓީމް ތަކުންވެސް ކޯޗެއްގެ މަގާމު އަދާ ކުރާތަން ފެނެއެވެ.

އޭދަފުށީގައި ބޭއްވި ސީލައިސަންސް ކޯޗިންގގަ ބައިވެރިވި ހަމައެކަނި އަންހެނަކީވެސް އޭނާއެވެ. މިއީ އަންހެނުން ވަރަށް ނުފެންނަ ދާއިރާއެކެވެ. އެކަމަކު 14 ދުވަހުގެ ކޯޗިންކޭމްޕެއް ނިންމި ފަހުން ޚާއްސަކޮށް އަންހެން މުބާރާތްތަކުން ހުރިހާ ޓީމެއް ކަހަލަ ގޮތަކަށް ކޯޗިން އަށް އައުމަށް އެދެއެވެ. އެކެޑަމީއަށް ގޮސްގެން ރަނގަޅު އާމްދަނީއެއް ވެސް އޭނާ ހޯދައެވެ.

އައިސްތު ދެން މިފެންނަނީ ލައިސަންސް ނަގައިދޭ އަންހެން އިންސްޕެކްޓަރުންގެ ތެރެއިންނެވެ. އަންހެނުން ވަރަށް ނުކުރާ އަދި ޗެލެންޖިންގ ކަމެކެވެ. މި ދާއިރާއަށް ވެދެވުނު ގޮތް ކިޔައިދެއްވި އެވެ.

“ރައްޓެހި ކުއްޖަކަށް ސައިކަލް ދުއްވަން ދަސްކޮށްދޭން ޓްރެކަށް ދިޔައީ. އޭރު ވަރަށް ނޭގެ ކުރިއަށް ދާގޮތް .އެކަމަކު ކައުންސިލުން އަންހެން އިނިސްޕެކްޓަރުން ބޭނުން ވެގެން ހުޅުވާލި ފުރުސަތުގެ ބޭނުން ކުރީ ޝަރުތުތައް ފުރިހަމަ ވާތީ ގިނަ ބައެއްގެ އެދުމުގެ މަތިން. ގޮސް އެދާއިރާއަށް ވަދެވުނީ “

އައިސްތު ބުނަނީ އަންހެނުންގެ ކަންތައް ކޮށްދިނުމަށް އަންހެނުން އިސްނަގައިގެން އުޅުމަށް ކުރިމަތި ލާން ކެރެން ޖެހޭނެ ކަމަށެވެ.

އޭނާގެ މި އަވަދިނެތި ދިރިއުޅުމާމެދު ބުނާނީވެސް ކީކޭ ހެއްޔެވެ. މިހާ ހިސާބުން ދުވަހުގެ ރޫޓިންގ ނިމުނީއެއް ނޫނެވެ. އައިސްތު އުޅެނީ މީހަކާ އިނދެގެންނެވެ. ދަރިއަކު އެބަހުއްޓެވެ. މިހުރިހާ ކަމެއް ކުރަމުން ގޭތެރޭގެ މަސައްކަތުގައިވެސް އިހުމާލެއް ނުވެއެވެ. ދަރިފުޅުގެ ހުރިހާ ކަމެއްވެސް ބަލަހައްޓަމުން ޓައިމް މެނޭޖް ކުރަމުން ގެންދަނީ އޭނާ އެވެ. ފިރިމީހާ ވަޒިފާ އަދާކުރަނީ ރިސޯޓުގައެވެ. އެކަމަކު އެންމެ ގާތުގައި ހިތްވަރުދޭން ހުންނަނީ އޭނާއެވެ.

“ފިރިމީހާ ވަރަށް ހެލްޕްވާނެ. ބުނާނެ ފައިނަލް މެޗެއްގަވެސް ނުބުނާށޭ ބަލިވީއޭ، ދަނޑުގަ ކުޅޭ އިރުވެސް. ވަރަށް ސަޕޯޓް ކުރާނެ.”

އޭދަފުއްޓަށް އެކި މުބާރާތް ކުޅެން އަންނަ އަންހެން ކުޅުންތެރިންވެސް އައިޝާ އާބައްދަލު ކޮށް ތާރީފުގެ ބަސްތައް އަމުނަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އަންހެނުންގެ ފުޓުބޯޅައިގާ އެންމެ މަޝްހޫރު ފަދުވާ ހިމެނެ އެވެ. އެންމެ ފަހުން މި ފަދަ ކޮމެންޓެއް ލިބުނީ ފުޓްސަލް ކުޅެން އޭދަފުއްޓަށް އައި ޝާމިލާގެ ފަރާތުންނެވެ.

“ދެމީހުން އެއްޓީމަކަށް ކުޅެލާހިތް ވަރަށް ބޮޑަށް ވޭ.” މިއީ ޝާމިލާ މި ރަށުން ފުރައިގެން ދަމުން ދިން ހަދިޔާގެ ބަސް ކޮޅެވެ. 

އަންހެނުންގެ ފުޓްބޯޅައިގެ ކުރިމަގާމެދު އައިސްތު ދެކޭ ގޮތްވެސް ހާމަކޮށްދިނެވެ.

“އަންހެނުންގެ ފުޓުބޯޅައިގެ ކުރިމަގު ވަރަށް އުޖާލާ. ގިނަ މުބާރާތްތަކެއްވެސް ބޭއްވެމުން މިދަނީ . ގިނަ ބަތަކު ޝައުގުވެރިވެ މި ދާއިރާއަށް ވަންނަމުން ދަނީ. ވަރަށް ގިނަ ކުދިން ގުޅާ ޓްރޭން ކޮށްދެންވެސް އަމިއްލަ ގޮތުންވެސް. އަންހެންކުދިން ވަރަށް ބޭނުންވޭ މުބާރާތްތަކަށް އަރަން.”

އައިސްތު ބުނީ އޭދަފުށީގައި ފާހަގަ ކުރެވޭ ވަރަށް މޮޅު ކުޅުންތެރިންތަކެއް މިހާރު އެބަތިބި ކަމަށެވެ. އެގޮތުން ދިފްލީން ގެ ނަން އައީ ފުރަތަމަ އަށެވެ. ކީޕަރު އަލީޝާއާ އަކީވެސް މުސްތަގްބަލެއް އޮތް ކުއްޖެއްކަމަށް އައިސްތު ގަބޫލު ކުރެ އެވެ.

އައިސްތުއަކީ އޭދަފުށީގެ އަންހެނުންގެ ފުޓުބޯޅައިގެ ނާރެސް އެވެ. އޭނާ ވަނީ އޭދަފުށީގައި އަންހެނުން ފުޓުބޯޅައަށް ހިތް ޖައްސުވައި މޮޅުކުޅުންތެރިން ތަކެއް އުފައްދާ ފައެވެ. އަތޮޅު މުބާރާތްތަކުގައި އޭދަފުށީ އަންހެން ޓީމް ވާދަކޮށް ކާމިޔާބުތަކެއް ހޯދާފައިވާ އިރު އެއީ ޓީމްގެ ކައްޕިއެވެ. އެހެންވީމާ މި ހުރިހާ ޚިދުމަތެއް ކޮށްފައިވާ އޭދަފުށީ ވެލިރާޅު ދޮށުގޭ އައިސްތުރަޝީދާ ގެ ރަންމެޑެލްގެ ޝެލްފަށް މަދުވަނީ ”އޭދަފުށީ އަންހެނުން ފުޓުބޯލަ އަށް ހޭލައްވައިލި ކައްޕި” ރަންމެޑެލް އެވެ.

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top