ސަރުކާރު އޮފީސްތައް އިތުރު އެއްހަފްތާ ބަންދު!

109589_3_fd4242425200ce8fdb220a96a8d1f5163349c906_large.jpg

ކޮވިޑް 19 އިން ރައްކައުތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި ހުންނަ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރާގޮތަށް ނިންމާފައި އޮތް އޮތުން މިމަހުގެ 22 ގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހައި ހިދުުމަތްތަކެއް އޮންލައިންކޮށް ދެމުން ދިޔުމަށް ރައީސް އަންގަވާފައިވާ ކަމަށެވެެ. އަދި ސަރުކާރުގެ އިދާރާތަކުން ދޭ އަސާސީ ހިދުމަތްތައް ދިނުމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ ކަމާ ބެހޭ އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ބޯލެނބުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮވިޑް-19 އިގެ ކޭސްތައް އިތުރުވާތީ އެޗްއީއޯސީ އިން ވަނީ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފަ އެވެ. އޭގެތެރޭގައި ސަރުކާރު އޮފީސްތައް ބަންދު ކުރުމާއި، 4:00 އިން ފަތިހު 4:00 އަށް ދުއްވާއެއްޗެހި ދުއްވުން މަނާ ކުރުމާއި ސުކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުން ހިމެނެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ ތިން ދުވަހު ޕޮޒިޓިވް ނަންބަރު ހުރީ ހާހުން މަތީގައެވެ. ފަހު ދެ ދުވަހު އެ ނަންބަރު ހުރީ 1500 އިން މަތީގައެވެ. މިވަގުތުވެސް 12،800 ވުރެ ގިނަ މީހުން ބަލިން ފަސޭހަނުވެ ތިބިއިރު 263 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. 16 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ފަސް މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top