އޭދަފުށީ އާއިލާއަކަށް އުފަން މ. ހިންޓަން އަހުމަދު ނާޝިދު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
އޭދަފުއްޓާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ އުމުރުން 49 އަހަރުގެ އަހުމަދު ނާޝިދު ނިޔާވި ކަން އެނގުނީ ރޭ ނިދުމަށްފަހު ހޭ ނުލައިގެން އާއިލާ އިން ގޮސް ބެލުމުންނެވެ.
ނާޝިދުގެ އާއިލާއިން މައުލޫމާތު ދިންގޮތުގައި އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ހަށިގަނޑުގެ ބޭރުން އެއްވެސް އަނިޔާއެއް ވެފައި ނެތް ކަމަށާއި އެ މަރުގައި އެއްވެސް ޝައްކެއް ނެތް ކަމަށް އާއިލާއިން ބުނެއެވެ.
ނާޝިދުގެ ކުއްލި މަރާބެހޭ ގޮތުން ފުލުހުން ބުނީ މިއަދު ހެނދުނު 8:30ގައި މާފަންނު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 49 އަހަރުގެ މީހެއް ކަމަށާއި މިމަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އަހުމަދު ނާޝިދުވަނީ 21 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެސްޓީއޯގައި ތަފާތު ވަޒީފާތަކެއް އަދާކުރައްވާފައެވެ. އެސްޓީއޯއިން އޭނާ ވަކިވެފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ. ވަކިވި އިރު ހުންނެވީ އެސްޓީއޯގެ މެޑިކަލް ޑިޕާޓުމަންޓުގެ ސީނިއާ މެނޭޖަރެއްގެ މަގާމުގަ އެވެ.
ނާޝިދުގެ ކަށު ނަމާދު މިއަދު އަސްރު ނަމާދުގެ ފަހުން ވަނީ ކޮށްފަ އެވެ.