ސަރުކާރުން 1.2 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން އިއުލާނު ކޮށްފި

big_JdxT2KN5cm9Xy1jWuGdbIQTP2.jpg

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން 1.2 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އިއުލާނު ކުރާ އުސޫލުގެ ދަށުން ޓީބިލް ވިއްކަން ހުޅުވާލާފައިވަނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 419 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 270 މިލިއަން ރުފިޔާގެ ޓީބިލެކެވެ. މީގެ އިތުރުން 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 130.5 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 364 ދުވަހުން އަނބުރާ ދައްކަން ޖެހޭ 422 ބިލިއަން ރުފިޔާގެ ޓީބިލެ ކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ސަރުކާރުން ވިއްކާ އަދި ފައިސާ ދައްކާފައި ނުވާ ޓީބިލްތަކުގެ ޖުމުލައަކީ 62.7 ބިލިއަން ރުފިޔާއެވެ. އެގޮތުން އެތެރޭގެ މާކެޓަށް ވިއްކާފައިވާ ޓީބިލްތަކުގެ އަދަދު 52.6 ބިލިއަން ރުފިޔާއަށް އަރައި އިރު، ބޭރުގެ ފަރާތްތަކަށް 10.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެއެވެ.

ޓީބިލްއަކީ ކޮބާ؟

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ. އެގޮތުން، ރާއްޖޭގައި ހުޅުވާލަނީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހާއި 364 ދުވަހުގެ މުއްދަތަށް ދޫކުރާ ޓީބިލް އެވެ. ޑިސްކައުންޓުކޮށް ދޫކުރާ މި ބިލްތަކުގެ އެންމެ ދަށް ފޭސް ވެލިއު އަކީ އެއް ބިލިއަން ރުފިޔާ އެވެ.ޓީ-ބިލް ގަތުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮންމެ ހަފުތާއަކު އެމްއެމް އޭގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން އަމިއްލަ ފަރުދުންނަށެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ. ރާއްޖޭގައި މިހާރު ޓީބިލްގެ ރޭޓްތައް އުޅޭ ގޮތުން އެއް މަހަށް ޓީބިލެއް ވިއްކަނީ 3.50 ޕަސެންޓުގަ އެވެ. އަދި ތިން މަހަށް 3.87 ޕަސެންޓުގައި ވިއްކާއިރު ހަ މަހުގެ ޓީބިލެއް ވިއްކަނީ 4.23 ޕަސެންޓުގަ އެވެ. މީގެ އިތުރުން އެއް އަހަރުގެ މުއްދަތުގެ ޓީބިލް ވިއްކަނީ 4.6 ޕަސެންޓުގަ އެވެ. ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top