ނަމާދަކީ ދީނުގެ ތަނބު ކަމަށާއި ގަސްދުގައި ނަމާދު ދޫކޮށްލައިފި މީހާ، ދީނުން ބޭރުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ނަމާދަަށް ފަރުވާތެރިވުމުގެ މައްޗަށެވެ.
ހުކުރު ޚުތުބާގައި ބުނީ ، ފިރިހެނަކަސް އަންހެނަކަސް، މުއްސަންޖަސް ފަޤީރަސް، ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހަކަސް ބަލިމީހަކަސް ނުވަތަ ރަށުގައި ގާއިމްވެހުރި މީހަކަސް ދަތުރުވެރިޔަކަސް ނަމާދަކީ ދޫކޮށްނުލެވޭނެ ފަރުޟެއްކަމަށެވެ.
”މުސްލިމް އަޚުންނޭވެ! ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އެއީ ދީނުގެ ތަނބެވެ. ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެއެވެ.“ ޚުތުބާގައި ބުންޏެވެ.
ނަމާދުގެ މުހިންމުކަމާއި، އޭގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ހުކުރު ޚުތުބާގައި ބުނީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟު ކުރެއްވި އަޅުކަަމަކީ ނަމާދު ކަމަށެވެ. އަދި އެއީ ކީރިތި މާތް ނަބިއްޔާގެ އެންމެ ފަހު ވަސިއްޔަތްފުޅުވެސް ކަންވެސް ހުކުރު ޚުތުބާގައި ހަނދާން ކޮށްދިނެވެ.
މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމަށާއި، ނަމާދަކީ ކީރިތި ޤުރުއާނުގައި އެންމެ ގިނައިން ބަޔާންކުރައްވާފައިވާ އަޅުކަންކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި އެއީ ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ޢަމަލުކަންވެސް ޚުތުބާގައި ފާހަގަކުރިއެވެ.
“ނަމާދަށް ރައްކާތެރިވާ މީހާއަށް، ޤިޔާމަތްދުވަހުން އެ ނަމާދު ވާހުށީ ނޫރެއްކަމުގައެވެ. އަދި ބުރުހާނެއްކަމުގައެވެ. އަދި ނަރަކައިން ދިންނެވުމެއް ކަމުގައެވެ. އެނަމާދަށް ރައްކާތެރިނުވާ މީހާއަށް އެ ނަމާދު ނޫރެއްކަމުގައްޔާއި، ދިންނެވުމެއްކަމުގައި އަދި ބުރުހާނެއްކަމުގައި ނުވާނެތެވެ. އަދި ޤިޔާމަތްދުވަހު އެމީހަކު ވާހުށީ ޤާރޫނާއި ފިރުއައުނާއި ހާމާނާއި، އުބައްޔު ބުނު ޚަލަފާ އެކުގައެވެ.” ޚުތުބާގައި ވިދާޅުވިއެވެ.
ނަމާދަކީ މުސްލިމުންނާއި، ކާފަރުންނާ ދެމެދުވާ ތަފާތު ކަމަށާއި، އަދި އެއީ އެދެެމެދު ވަކިކުރާ އިންކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
މިއަދު ހުކުރު ޚުތުބާގައި، މިސްކިތްތަކުން ކޮންމެ ދުވަހަކު ފަސް ފަހަރު ބަންގީގައި ގޮވައިލެވެނީ ކާމިޔާބު ހޯދުމަށާއި، ނަމާދަށް އަވަސްވެގަތުމަށްކަން ފާހަކުރެއްވިއެވެ.






