މާޅޮހު އިންޑޯ ބެޑްމިންޓަން ކޯޓް ރޯދަމަހަށް ނިމޭނެ – މާސް ޖަމްއިއްޔާ

jjj.jpg

މާޅޮހު މާސް ޖަމްއިއްޔާއިން އެރަށުގައި އަޅަމުންދާ އިންޑޯ ބެޑްމިންޓަން ކޯޓްގެ މަސައްކަތް ކުރިޔަށްދަނީ. ރޯދައަށް މިތަން ނިމޭނެކަމަށް މާސްއިން ބުނޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ ފޮޓޯ ގްރަފީ

ބ. މާޅޮހު އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ “މާސް” ޖަމްއިއްޔާއިން، އެރަށުގައި އަޅަމުންދާ ބެޑްމިންޓަން އިންޑޯކޯޓްގެ މަސައްކަތް އަންނަ ރޯދަމަހުގެ ކުރިން ނިންމާލެވޭނެކަމަށް އެޖަމްއިއްޔާއިން ބުނެފިއެވެ.

ތިންލައްކަ ރުފިޔާއަށްވުރެ ބޮޑު ޚަރަދެއްކޮށްގެން މާސް ޖަމްއިއްޔާއާއި، ރަށު ކައުންސިލް ގުޅިގެން ކުރަމުންދާ މިމަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައެވެ.

މާސް ޖަމްއިއްޔާގެ އިންތިޒާމް ސެކްރެޓަރީ އަދި މާޅޮހު ކައުންސިލް މެމްބަރ އަބްދުލްމަތީން ސާލިހް ވިދާޅުވީ މަސައްކަތް މުޅިން ނުނިމި ލަސްވެފައިވަނީ އެތަނުގެ ބޭރުން ޖަހާ ޓިނު ލިބުން ލަސްވެގެންކަމަށާ، އެތަކެތި ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދާކަމުގައެވެ. އަދި ތަކެތި ލިބުމާއެކު ލަސްނުކޮށް މަސައްކަތް ކުރިޔަށް ގެންދާނެކަމަށާ، ރޯދަމަހު އެކޯޓް ޒުވާނުންނަށް ހުޅުވާލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“މާބޮޑަށްވެސް ރޯދައިގެ ކުރިޔަށް ނިމޭނެ އިނގޭތޯ. ރޯދަމަހު ޒުވާނުން ހަވީރާ، ރޭގަނޑު ހިތްހަމަޖެހިލައިގެން ބެޑްމިންޓަން ކުޅެވޭނެ އިންތިޒާމް އޮންނާނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަ ކޯޓެއް ލިބޭނެ” މަތީން ވިދާޅުވިއެވެ.

ބެޑްމިންޓަން ކޯޓް އަޅަމުންދަނީ މާސް ޖަމްއިއްޔާގެ ގޯއްޗާއި އިންވެގެން އޮތް ބިމުގައެވެ. މަތީން ވިދާޅުވީ 55 ފޫޓް ދިގު 45 ފޫޓް ފުޅާ އިންޑޯ ކޯޓާއެކު މާސް ޖަމްއިއްޔާގެ އޮފީސް އިމާރާތްވެސް ގާއިމް ކުރެވި ޖަމްއިއްޔާގެ މަސައްކަތްތައްވެސް ހަރުދަނާ ކުރެވިގެންދާނޭކަމަށެވެ.

2006 ވަނައަހަރު އުފެދުނު މާސް ޖަމްއިއްޔާއަކީ މާޅޮހުގެ ތަރައްޤީގެ ކަންކަން ހިންގުމުގައި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ހީވާގި ޖަމްއިއްޔާއެކެވެ. މާސްގެ އިތުރުން މާރެސްގެ ނަމުގައިވެސް އެރަށުގައި ޖަމްއިއްޔާއެއް ހިންގަމުން ގެންދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top